Advertisement
ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 08:51
އިލެކްޝަން ކޮމިޝަންގެ އެކްޓިން ސެކްޓްރީ ޖެނަރަލް ހަސަން ޒަކަރިއްޔާ
އިލެކްޝަން ކޮމިޝަންގެ އެކްޓިން ސެކްޓްރީ ޖެނަރަލް ހަސަން ޒަކަރިއްޔާ
ރާއްޖެއެމްވީ
އިލެކްޝަން ކޮމިޝަން
ޖާގައިގެ ދަތިކަމުގެ މައްސަލައަކީ އީސީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން: ޒަކަރިއްޔާ
އިންތިޚާބަށް 1200 އެއްހާ އޮފިޝަލުން ތަމްރީން ކުރަންޖެހޭ
އިންތިޚާބީ މައި މަރުކަޒުގައި އެކަށީގެންވާ ޖާގަނެތް
މާލޭގައި ބަހައްޓަން ޖެހޭ ވޯޓު ފޮށި އިތުރު

ޖާގައިގެ ދަތިކަމުގެ މައްސަލައަކީ އިލެކްޝަން ކޮމިޝަން (އީސީ) އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އެކޮމިޝަންގެ އެކްޓިން ސެކެރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބީ މަރުކަޒުކަމަށްވާ ބައު ޖަމާލުއްދީންގައި އެކަށީގެންވާ ޖާގަ ނެތް ކަމަށާއި، މަސައްކަތްތައް ކުރިއަށް ގެންދަނީ ޖާގަ ހަދައިގެން ކަމަށެވެ. އަދި މަސައްކަތް ކުރަނީ ކޮމިޝަންގައި ހުރި ވަސީލަތްތަކުން މެނޭޖްކޮށްގެން ކަމަށާއި، ނަމަވެސް އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޖާގައިގެ ދަތިކަން ދިމާވުމީ ވަރަށް ބޮޑު ގޮން ޖެހުމެއް ކަމަށެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް 1200 އެއްހާ އޮފިޝަލުން ތަމްރީން ކުރަންޖެހޭ ކަމަށާއި، އެތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދާނެ އެކަށީގެންވާ ހޯލެއް ނުލިބޭ ކަމަށެވެ.

Advertisement

ކައުންސިލް އިންތިޚާބަށް މާލޭގައި ބަހައްޓަންޖެހޭ ވޯޓު ފޮށި ގިނަކަން ފާހަގަކުރައްވައި ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާން އަންނަ އާންމު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ގިނައިރު ކިއު ނުތިބޭ ގޮތް ހެދުމަށް ކޮންމެ ފޮއްޓަކަށް ވޯޓުލެވޭނެ އަދަދެއް ކަނޑައަޅާފައިވާ ކަމަށެވެ. ކޮންމެ ވޯޓު ފޮއްޓަކަށް 700 ނުވަތަ 750 މީހުންނަށް ވޯޓު ލެވޭ މިންވަރު ކޮމިޝަނުން ކަނޑައެޅުމުން އެހެން ފަހަރުތަކާއި ހިލާފަށް މާލެއަށް އެކަނި 30 ނުވަތަ 60 އެއްހާ ވޯޓު ފޮށި އިތުރަށް ބަހައްޓަންޖެހޭ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. އަދި އެ އަދަދައް ވޯޓުލާ މަރުކަޒުތައް ގާއިމް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެދުވަސްވަރަކީ ސްކޫލުތަކުގައި ކިޔަވައިދޭ ދުވަސްވަރަކަށްވާތީ ސްކޫލުތަކުގައި އިންތިޚާބުގެ މަސައްކަތްތައް ކުރުމަށް ދަތިވާނެ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

މާލޭގެ ކޮންތާކުތޯ ހަދާނީ. ސްކޫލުތަކުގައި މިބޭނުން ކުރެވެނީ ގްރައިންޑް ފްލޯރ. އެއީ އިންތީޚާބީ ކޮންމެ މަރުކަޒީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެކްސެސް އޮންނަ މަރުކަޒަކަށް ވާންޖެހޭ. ލިފްޓް ނުހުންނަ ސްކޫލެއް ނަމަ މަތީ ފްލޯރ ތަކުގައި ވޯޓުލާ ހޯލަކަށް ނުހެދޭނެ. ސަރުކާރުގެ އޮފީސްތަކާއި، ސްކޫލުތަކާއި މިތަންތަން ބަލާއިރު ގްރައުންޑްތަންތަން އެކަނި މިބޭނުން ކުރެވެނީ.
ހަސަން ޒަކަރިއްޔާ - އެކްޓިން ސެކްޓްރީ ޖެނަރަލް

ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް މަރުކަޒުތައް ހަދާނެ ތަންތަން ހޯދަމުންދާ ކަމަށެވެ. އެގޮތުން ބޮޑެތި ހޯލްތައް ނުލިބޭނަމަ މާފަންނު ސްޓޭޑިއަމް، ގަލޮޅު ދަނޑުފަދަ ތަންތަނުގައި އިންތިޚާބީ މަރުކަޒު ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. ނަމަވެސް ކޭންޕް ޖަހައިގެން މަސައްކަތްތައް ކުރެވޭނީ މޫސުމަށް ބެލުމަށްފަހުކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި 900 އަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް