Advertisement
ކ. މާލެ
|
19 މާރޗް 2017 | އާދީއްތަ 16:09
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ރައީސް އަބްދުﷲ ޔާމީން
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ރައީސް އަބްދުﷲ ޔާމީން
އަލްއަރަބިއްޔާ
ރަސްގެފާނުގެ ދަތުރުފުޅު
ރަސްގެފާނު ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން؟
ހައްޔަރުކުރި ޔަމަނު މީހާއާއި އިތުރު ބަޔަކު ގުޅިގެން ހަމަލާއެއްގެ ރޭވުން
ޔަމަނު މީހާ ހައްޔަރުކުރުމާއި ދަތުރުފުޅު ކެންސަލްކުރުމާ އެއްވެސް ގުޅުމެއް ނެތް
ރާއްޖޭގެ ނަން ކިލަނބު ކުރުމަށް ފަތުރާ ދޮގު ވާހަކައެއް
އެފަދަ ރޭވުމެއްގެ މައުލޫމާތެއް ސިފައިންނާއި ފުލުހުންނަށް ލިބިފައެއް ނެތް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ރާއްޖެ ވަޑައިނުގެންނެވީ ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިވަޑައިގެންނެވުމުން ކަމަށް ބުނެ ބޭރުގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ވާހަކަތައް ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.

 

މިދިޔަ ހޮނިހިރު ދުވަހު ރަސްގެފާނު ސަލްމާން ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނިކޮށް، ހުކުރު ދުވަހުގެ މެންދުރު ކުއްލި ގޮތަކަށް ޕްރެސް ކޮންފަރެންސެއް ބާއްވައި ސަރުކާރުން ވަނީ ދަތުރުފުޅު ފަސްކޮށްފައިވާކަން ހާމަކޮށްފަ އެވެ. ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ ރާއްޖޭގައި ފެތުރެމުންދާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ކަމަށާއި، ފަހުގެ ތާރީޚެއްގައި ރަސްގެފާނު ވަޑައިގަންނަވާނެ ދުވަހެއް އިއުލާނު ކުރައްވާނެ ކަމަށެވެ.

 

ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ ރޯގާއާ ގުޅިގެން ކަމަށް ސަރުކާރުން ބުނި ނަމަވެސް، ސިއާސަތު ނޫހުން ވަނީ އެ ނޫހަށް ލިބިފައިވާ މައުލޫމާތުތަކާ ހަވާލާދީ އެކަން ދޮގުކޮށްފަ އެވެ. އެ ނޫހުން ބުނީ، ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ރަސްގެފާނާއި ވަފުދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިގެން ކަމަށެވެ.

 

އެގޮތުން ސައުދީ އަރަބިއްޔާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން، ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅެމުންދިޔަ ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށްފައިވާކަން އެ ނޫހުން ފާހަކޮށްފައިވެ އެވެ.

 

ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ހައްޔަރުކުރި ކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ރާއްޖެއެމްވީ އިންނެވެ. ޔާސިރު ހައްޔަރުކުރުމަށް ފަހު އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ބެހެއްޓިއިރު، އޭނާއަކީ އަރަބިއްޔާ ސްކޫލާއި އަހުމަދިއްޔާ ސްކޫލްގައި އަރަބި ކިޔަވައިދޭ ޓީޗަރެކެވެ. 

 

ޔާސިރު ހައްޔަރުކުރި ކޯޓް އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމުގެ ތުހުމަތެވެ. އެގޮތުން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތެއް ހަދައިގެން ބޭރުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް އެނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި އެ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.

 

އެ ނޫހުން ބުނެފައިވާ ގޮތުގައި ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ރަސްގެފާނާއި ވަފްދަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ޔާސިރުއާއި އިތުރު ބަޔަކު ވެގެން ރާވާފައިވާ ކަމަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެންނެވެ. ޔާސިރު ސައުދީ އަރަބިއްޔާ އަށް މިހާރު ޑީޕޯޓް ކޮށްލާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

 

މީގެ އިތުރުން އެ ނޫހުން ބުނެފައިވާ ގޮތުގައި، ރަސްގެފާނުގެ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖެ އައި ސައުދީގެ އޮފިސަރުން ވަނީ ސަލާމަތީ ކަންކަން ރާއްޖެއިން ރާވާފައިވާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 

މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ރާއްޖެއެމްވީ އަށް ވިދާޅުވީ ޔާސިރު ހައްޔަރުކުރުމާ ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ބޭރުގެ މީޑިއާއަކުން އެފަދަ ދޮގު ވާހަކަތަކެއް ފަތުރަނީ ރާއްޖޭގެ ހާލަތު ކިލަނބުކުރުމަށް ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

 

އަޒްލީން ވިދާޅުވީ ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވީ ފެތުރެމުންދާ ރޯގާއާ ގުޅިގެން ކަމަށާއި، ދަތުރުފުޅު ފަސްކުރެއްވުމުގެ ފަހަތުގައި އެ ނޫން އެހެން އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

 

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފް އަށް ލިބިފައި ނުވާ ކަމަށެވެ.

 

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވެސް ވަނީ އެފަދަ މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް