Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 15:04
މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
އިންތިހާބާބެހޭ ގައުމީ ލަފާ ދޭ ކޮމެޓީ
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް ލައިވް ކުރަނީ!
ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް މީޑީއާތަކަށް ވަނީ ހުޅުވާލާފަ
ޓީވީން ލައިވް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށް ވަނީ ނިންމާފައި
މީޑިއާ ތަކަށް ހުޅުވާލީ ވީހާވެސް ބޮޑަށް ކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ބޭނުމުގައި

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބަށް އުފައްދާފައިވާ "އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ބައްދަލުވުންތައް ޓީވީން ލައިވް ކުރުމާމެދު މަޝްވަރާ ކޮށްފި އެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު ވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބުތަކާބެހޭ މަރުކަޒު ކަމަށްވާ ބައު ޖަމާލުއްދީނުގެ ޓްރައިނިންގ ރޫމްގައި ބާއްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފު ވިދާޅުވީ، އިންތިޚާބުގެ ކަންކަން ވީހާވެސް، ދެފުށްފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް މީޑިއާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށާއި އަދި ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތައް ޓީވީން ލައިވް ކުރަން އެދޭ ފަރާތްތަކަށް އެފުރުޞަތު ދިނުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންގާރަ ދުވަހު ބޭއްވި ޤައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ވެސް ކުރިއަށް ގެންދިޔައީ މީޑީއާތަކަށް ހުޅުވާލައިގެން ނެވެ. ޤައުމީ ލަފާދޭ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އޮތީ ކޮމެޓީ ކުރިއަށް ގެންދާނެ ގޮތަކާމެދު މެމްބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމެވެ. އެގޮތުން ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށާއި، އަދި ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާނަމަ އެކަން ކުރެވޭގޮތަށް މެމްބަރުން މަޝްވަރާ ކުރައްވާފައި ވެއެވެ.

އެބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، އަންނަ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބަކީ ހުރިހާ ގޮތަކުން ވެސް ތަފާތު އިންތިޚާބެއް ކަމަށެވެ. އެގޮތުން، ކައުންސިލުގެ ރައީސް ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ކައުންސިލް މެންބަރު ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންނާއި، ކައުންސިލުގައި ހިމެނޭ އަންހެން ކެންޑިޑޭޓުންނަށް ވޯޓު ލުމަށްޓަކައި ވޯޓުލާން ދާ ފަރާތްތަކަށް ވަކި ވޯޓު ކަރުދާސްކޮޅުތަކެއް ދޭންޖެހޭއިރު، އަތޮޅު ކައުންސިލުގެ ރައީސް ކަމަށާއި ނާއިބު ރައީސްކަމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ވެސް ވަކި ވޯޓު ކަރުދާސްކޮޅުތަކެއް ވޯޓް ލާންދާ ފަރާތްތަކަށް ދޭންޖެހޭ ކަމަށެވެ. އަދި ރަށުގެ ތަރައްޤީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމެޓީގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކާ ވެސް އިތުރު ވޯޓު ކަރުދާސްކޮޅެއް ވޯޓުލާންދާ މީހުންނާ ޙަވާލު ކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން ވޯޓުލާން ދާ މީހުންނަށް ވަރަށް ބޮޑަށް ކަންކަން އޮޅުންފިލުވައިދީ، އަހުލުވެރިކުރުމުގެ ޕްރޮގުރާމުތަކެއް ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަން ޖެހޭ ކަމަށެވެ. ބޭނުންވަނީ ވީހާވެސް އަމާން އޮމާން އިންތިޚާބެއްގެ ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެގެން ދިއުން ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް އެންމެބޮޑަށް އެއްބާރުލުން ލިބޭ، އަދި އެންމެ ބޮޑަށް އެއްބާރުލުން ބޭނުންވާ އެއް ފަރާތަކީ އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީކަމަށެވެ. އެގޮތުން އިންތިޚާބާބެހޭ ޤައުމީ ލަފާދޭ ކޮމެޓީން ފޯރުކޮށްދޭ މަޝްވަރާތަކަކީ، އިންތިޚާބުތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ ނިންމުންތައްވެސް ނިންމުމުގައި ޤައުމީ ލަފާދޭ ކޮމެޓީން ދޭ ލަފަޔަށް ވަރަށް ބޮޑަށް ބައްލަވަމުން ގެންދަވާ ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، މިހާރު ބާއްވަން ތައްޔާރުވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންނަށް އިންތިޚާބާ ގުޅޭ މަޢުލޫމާތާއި، ވޯޓު ލުމުގައި އޮޅުންއަރާ ކަންކަން އޮޅުން ފިލުވާދިނުމުގައި ކަމާބެހޭ ހުރިހާ ފަރާތްތަކެއް އަދި ޚާއްޞަކޮށް، މީޑިއާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އިންތިޚާބާ ބެހޭ ޤައުމީ ލަފާދޭ ކޮމެޓީއަކީ ކޮންމެ އިންތިޚާބަކާ ދިމާކޮށް، އެ އިންތިޚާބެއްގެ ޤަވާއިދުގެ ދަށުން އެކުލަވާލެވޭ ކޮމެޓީ އެކެވެ.

އެކޮމެޓީގައި ހިމެނެނީ:

1. ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތައް.

2. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް.

Advertisement

3. ސިވިލް ސަރވިސް ކޮމިޝަން.

4. މޯލްޑިވްސް ޕޮލިސް ސަރވިސް.

5. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން.

6. މޯލްޑިވްސް މީޑިއާ ކައުންސިލް.

7. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން.

8. އެންޓި ކޮރަޕްޝަން ކޮމިޝަން.

9. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް.

10. އެޓަރނީ ޖެނެރަލްގެ އޮފީސް.

11. ލޯކަލް ގަވަރމަންޓް އޮތޯރިޓީ.

12. ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ޖަމްޢިއްޔާތައް.

ޤައުމީ ލަފާދޭ ކޮމެޓީީގައި އިލެކްޝަންސް ކޮމިޝަނުގެ ފަސް މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލާއި އެކޮމިޝަނުގެ ޤާނޫނީ ވަކީލަކު ހިމެނެއެވެ. އަދި މަދަނީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ތެރެއިން ތިން ޖަމްޢިއްޔާއެއް ޤައުމީ ލަފާދޭ ކޮމެޓީގައި ތަމްސީލު ކުރާއިރު، ޤައުމީ ލަފާދޭ ކޮމެޓީގައި ޖުމުލަ 30 މެމްބަރުން ހިމެނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް