ފަހަކަށް އައިސް ބޮލީވުޑްގެ ތަރިންގެ ތެރެއިން ޚަބަރުތަކުގެ ފަލަ ސުރުޚީއަށް އަރާފައިވާ ދެ ލޯބިވެރިންނަކީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރެވެ.
މި ޖޯޑުގެ ލޯބީގެ ވާހަކައިގެ އިތުރުން އެދެތަރިން އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު "ބްރާމާސްތްރާ" ގެ ވާހަކަވެސް ހިމެނެއެވެ. މި ފިލްމުގެ މަނާލީގެ ޝޫޓިންތައް މިހާރު ނިންމާލާފައިވާއިރު، މި ފެށޭ 2020 ވަނަ އަހަރުގެ މެއި ގައި މި ފިލްމް ރިލީޒް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
މީގެ އިތުރުން މި ދެތަރިންގެ ކައިވެނި ކުރަން އުޅޭ ވާހަކައަކީވެސް ސޯޝަލް މީޑިއާގައި ދޭތެރެއަކުން ދެކެވެމުން އަންނަ ވާހަކައެކެވެ. ދާދި ފަހުންވެސް ވަނީ މި ފެށޭ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު މިދެތަރިން ކައިވެނިކުރާ ކަމަށްބުނެ އެކައިވެނި ޕާޓީގެ ދައުވަތު ކާޑު ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އެ ކާޑަކީ ފޭކު ކާޑެއް ކަމަށް އާލިއާގެ ގާތް ފަރާތަކުން ވަނީ ބޭރުގެ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. ކައިވެނި ޕާޓީގެ ދައުވަތު ކާޑު އާންމު ވެގެންދިޔުމާއެކު ނޫސްވެރިން ވަނީ އާލިއާ އާ ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން މީގެ ކުޑަދުވަސް ކޮޅެއް ކުރިން އާލިއާ ލަންޑަނަށް ފުރަން ދަނިކޮށް އެއަރޕޯޓް ތެރެއިން ނޫސްވެރިން އާލިއާ ގެ ކައިވެނި އަންނަ އަހަރުގެ ޖެނުއަރީ މަހު ކުރާނެކަމަށް ދެކެވޭ ވާހަކަޔާއި ބެހޭގޮތުން ސުވާލުކުރުމުން އާލިއާ ވަނީ ހިނގަނޑެއް ޖަހާލާ އެސުވާލަށް ޖަވާބު ދިނުމަށް އިންކާރުކޮށްފައެވެ.
ނަމަވެސް މީޑިޔާއިން އޮތީ އެހާ ފަސޭހައިން އާލިއާ އަށް ދޫދޭގޮތަކަށް ނޫނެވެ. ލަންޑަނުން އެނބުރި އައުމާއެކު އަނެއްކާވެސް ނޫސްވެރިން އެސުވާލު އާލިއާ އަށް އަމާޒުކުރި އެވެ. މިފަހަރުވެސް އާލިއާ އެސުވާލަށް ޖަވާބު ނުދޭން ވަރަށް މަސައްކަތް ކުރިއެވެ. އިންސްޓަރގްރާމްގައި ޕޯސްޓު ކޮށްފައިވާ ވީޑިއޯ އިން ފެންނަގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން އާލިއާ ބުނެފައިވަނީ ޚަބަރެއް ފެތުރެމުންދާ ކަމަށާއި އެ ޚަބަރު ފެތުރެމުންދާނެ ކަމަށެވެ.
ނަމަވެސް އަނެއްކާވެސް މިވަނީ މި ދެތަރިންގެ ކައިވެނި ކުރަން އުޅޭ އަޑުތައް ފެތުރެން ފަށާފައެވެ. ގާތް މަސްދަރަކުން ބުނެފައިވަނީ މި ދެތަރިންގެ ކައިވެނީގެ ހަފުލާ އަންނަ އަހަރު ކަޝްމީރުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެދުވަހަށް ތައްޔާރު ވުމަށްޓަކައި މަސައްކަތުން އެއްމަސް ދުވަހުގެ ބްރޭކެއް ނެގުމަށް ނިންމާފައިވާ ކަމަށް ވެސް މަސްދަރުން ވަނީ މަޢުލޫމާތު ދީފައެވެ.
އާލިއާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވެފައިވާއިރު އެދެމީހުން އެންމެ ފުރަތަމަ ޢާންމުންގެ ތެރެއިން އެއްކޮށް ފެނިފައިވަނީ ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާގެ ކައިވެނީގެ ހަފުލާގެ ތެރެއިންނެވެ. އޭގެފަހުން ދެ މީހުންގެ ސަޕޯޓަރުން އެންމެ އިންތިޒާރު ކުރަމުންދަނީ ދެ މީހުން ކައިވެނި ކުރާނެ ދުވަހަކަށެވެ.