އިންޑިއާއަށް މިނިވަންކަން ހޯދައިދެއްވުމުގެ ބާނީކަމަށްވާ މޮހަންދަސް ކަރަމްޗަންދް ގާންދީ (މާހާތުމާ ގާންދީ) ގެ މަޤްބަރާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާ ވަޑައިގެންފައިވާއިރު، ހޯމަ ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ގާންދީގެ މަޤްބަރާއަށް ޒިޔާރަތް ކުރައްވައި ލިއުއްވެވި މެސެޖް ޙިއްސާ ކުރައްވާފައެވެ.
އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ، ގާންދީއަކީ ވަރަށް ބޮޑު "އިންސްޕިރޭޝަނެއް" ކަމަށާއި، މިނިވަންކަމަށް ލޯބި ކުރައްވާ ފަރާތްތަކުން ގާންދީގެ ގެންގުޅުއްވި އުޞޫލުތަކާއި ޢަމަލު ކުރައްވާފައިވާ ގޮތްތަކުން ހިތްވަރު ލިބިގަންނަމުން އަންނަ ކަމަށެވެ. ވަކިން ޚާއްޞަކޮށް ރާއްޖެއިންވެސް އެ އުޞޫލުތައް ބަލައިގަންނަމުން އަންނަކަން ރައީސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ.
އަދި އެ އުޞޫލުތަކަކީ އަޅުވެތިކަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައިވެސް ފާހަގަކޮށްލެވޭ އުޞޫލުތަކެއް ކަމަށާއި، އެކަމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާންދީއަށް ޝުކުރުވެރިވާކަމަށް ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައިވެސް މަހާތުމާ ގާނދީގެ މަޤްބަރާއަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ.
މަހާތުމާ ގާންދީއަކީ އިނގިރޭސިންގެ އަތްދަށުން އިންޑިއާ މިނިވަންކުރުމަށް އެންމެ ގަދައަޅައި މަސައްކަތްކުރެއްވި އެއް ބަޠަލެވެ. އެގޮތުން ގާންދީގެ މަސައްކަތްތައް ފާހަގަކޮށް އިންޑިއާގެ ރައްޔިތުން ވަނީ އޭނާއަށް "އިންޑިއާގެ ބައްޕަ" ގެ ލަޤަބު ދީފައެވެ.
މަހާތުމާ ގާންދީ އަވަހާރަކޮށްލާފައިވަނީ 1948 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މަހާތުމާ ގާންދީގެ މަޤްބަރާ ހުންނަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޝާހުޖަހާން އާބާދުގެ ރިންގް ރޯޑް ނުވަތަ މާހާތުމާ ގާންދީ ރޯޑްގައެވެ. މަޝްހޫރު ޔަމުނާ ކޯރު ވެސް އޮންނަނީ މި ޞަރަޙައްދުގައެވެ.
ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ވަނީ އާދީއްތަ ދުވަހު އިންޑިއާއަށް ފުރާފައެވެ. މިވަފްދުގައި އިސްވެ ބައިވެރިވަޑައިގެންނެވީ ރައީސް ނަޝީދެވެ.