Advertisement
ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 13:44
ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު
ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު
މަޖިލިސް
ސަން ސިޔާމް
ސަން ޝިޔާމުގެ ހާޒިރީވެސް އާ މަޖިލީހާއެކު ރަނގަޅުވާން ފަށައިފި
މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން 77 ޖަލްސާ ބާއްވާފައިވާއިރު، 29 ޖަލްސާއަށް ސިޔާމް ހާޒިރުވެވަޑައިގެންނެވި
ނަމަވެސް މިފަހަރުވެސް ހާޒިރީ ފުލުގައި ސިޔާމު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒިރުވާ މެންބަރަކީ ކޮން މެމްބަރެއްތޯ މީހެއް ގާތު އަހާ؛ލައިފިނަމަ އެންމެ ފުރަތަމަ ވެސް ބުނާނީ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމު މުޙައްމަދުގެ ނަމެވެ.

އާ ޤާނޫނުއަސާސީއާއެކު، ރައްޔިތުންގެ މަޖިލީހެއް އެކުލަވާލިފަހުން، ދ. މީދޫ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ފުރުއްވަމުން ގެންދަވާ މަޝްހޫރު ވިޔަފާރިވެރިޔާ ޝިޔާމަކީ މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވަމުން ގެންދަވާ މެންބަރެވެ. އެހެންކަމުން ޝިޔާމު ފާހަގަ ކުރެވިފައިވަނީ، ސިޔާސީ ލީޑަރުންގެ ތެރެއިން، އެންމެ ގިނަ ދުވަހު، މަޖިލީހުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި އަމިއްލަފުޅު ވިޔަފާރީގައި ވެސް ވަރަށް ބުރަކޮށް އުޅުއްވާ މެންބަރެއްގެ ގޮތުގަ އެވެ.

މީގެއިތުރުން، ޝިޔާމު ފާހަގަކުރެވިފައިވަނީ، އޭނާގެ އެންމެ ގާތް އެކުވެރިޔާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްދީދީއަށް ތަޢުރީފު ކުރެއްވުމުގައި "އެވަރެއްނެތް" ބޭފުޅެއްގެ ގޮތުގަ އެވެ. ކޮންމެ އަހަރެއްގެ މިދުވަސްވަރު، އާދެ، ޚިތާނީ މޫސުމުގައި ރައީސް ޔާމީނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްދީދީގެ ޞަދަޤާތު ފައުންޑޭޝަނުގެ ނަމުގައި ސަރުކާރުގެ ހުރިއްޔާ ހުރި ކުންފުނިތަކެއްގެ ފައިސާ ޚަރަދުކޮށްގެން، ޚިތާނީ ކޭމްޕެއް ރައީސް ޔާމީނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްދީދީ ހިންގެވިއިރު، އެކަމުގައި ޝިޔާމު ބައިވެރިވެ، ދައްކަވާފައިވާ ވާހަކަތަކަކީ ބައެއް މީހުން "ޖޯކަކަށް" ވީއިރު އަނެއް ބަޔަކަށް ވީ "ކުފުރުގެ" ބަސްތަކަކަށެވެ.

ކޮންމެއަކަސް ޝިޔާމަކީ މިހާރު ޢަމަލުކުރަމުންދާ އާ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ދ. އަތޮޅުގެ ދެ މެންބަރުންގެ ތެރެއިން އެއް މެޏްބަރެވެ. އެހެންކަމުން ޝިޔާމު ވަނީ 16، 17، އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފަ އެވެ. އަދި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޝިޔާމު ހިމެނި ވަޑައިގަންނަވާއިރު، ޝިޔާމު ގެންދަވަނީ އޭނާ ދަމަހައްޓަމުން އަންނަ "ހާޒިރީން އެންމެފުލަށް" ދާ ރެކޯޑުވެސް ދަމަހައްޓަމުންނެވެ. އެއީ ބައެއް މީހުން އެއްގޮތަކަށް ވެސް ގަޔާވާކަމެއް ނޫންކަމަށްވިޔަސް ޝިޔާމަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުމުގައި "އެންމެ ފަރުވާ ކުޑަ" މެންބަރުގެ ގޮތުގައި ފާހަގަ ކުރެވޭ މެންބަރެވެ.

މިހާރު ހިންގަމުންދާ 19 ވަނަ މަޖިލީހާއެކު ވަނީ މަޖިލީހުގެ މަސައްކަތްތައް ވަނީ ހަވަނަ ގިޔަރަށްލާފަ އެވެ. ހެނދުނު 09:00 ގައި ފަށާ މަޖިލިސް، ކޮންމެ ދޮޅު ގަޑިއިރަކުން، ބައިގަނޑި އިރުގެ ހުސްވަގުތު ކޮޅެއް ނަގުމުން ގޮސް ނިންމާލަނީ ރަސްމީކޮށް، އެކަން ހަމަޖެހިފައިވާ ގޮތަށް މެންދުރުފަހު 14:30 އަށެވެ. ޖަލްސާތައް ކުރިއަށްދާއިރު، މަޖިލީހުގެ އެކިއެކި ކޮމެޓީތަކުގައި އެކިއެކި ބިލުތަކާއި، ޤަރާރުތަކާއި އަދި ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ކޮމެޓީތަކުން ދިރާސާކުރަމުން ގެންދެއެވެ.

Advertisement

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރާއްޖޭގެ ބަރުލަނީ ޙަޔާތުގައި ވެސް އައި އެންމެ އަނދިރި ދުވަސްތަކެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ޤަވާއިދާ އެއްގޮތަށް ބާއްވާފައެއް ނުވެއެވެ. މަޖިލިސް އޮތީ "ޕެރަލައިޒް" ވެފަ އެވެ. އަދި 18 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިންމާލިއިރު އެކަށީގެންވާ ވަރާގާތަށް ވެސް މަޖިލީހުގެ ޖަލްސާތައް ބޭއްވިފައެއް ނުވެއެވެ. އަދި އެކަށީގެންވާ ވަރާ ގާތަށްވެސް މަސައްކަތެއް ކުރެވިފައެއް ވެސް ނުވެއެވެ. ސިފައިން ބެލުމުގެ ދަށުގައި މަޖިލިސް ބާއްވައި، މަޖިލީހުގައި ތަޅު އަޅުވައި، މަޖިލީހުގެ އިދާރާގައި އަލިފާނުގެ ޙާދިސާތައް ހިނގާ، މަޖިލީހުގައި ނުހިންގާ ޖަރީމާއެއް ހަމަ ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މަޖިލީހުގެ މެންބަރުން ގޭޓުމަތިން މަގުމަށްޗަށް އުކުމާއި، ހުށަހެޅޭ ބިލުތައް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން ބައެއް ބަދަލުތައް ގެނައުމާއި، މިފަދަ އެތައްކަމެއް ވަނީ ހިންގާފަ އެވެ.

އެހެންކަމުން މި ނިދިޔަ 18 ވަނަ މަޖިލީހާއި، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހާ ހާސް ބައި ތަފާތެވެ. އެމަންޒަރު ޝިޔާމަށް ވެސް ފެނި، ޝިޔާމުވެސް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާ މިންވަަރު އިތުރުވެފައިވާކަން މިވަނީ ފާހަގަ ކުރެވިފަ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ، މި އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ ފަހުން މި މަހުގެ ޑިސެންބަރު މަހުގެ ހަތް ވަނަ ދުވަހު 19 ވަނަ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ، އާދެ، 77 ވަނަ ޖަލްސާ ބޭއްވުމަށްފަހު، މަޖިލިސް މިހާރު އެވަނީ ރަސްމީ ޗުއްޓީއަށް ގޮހެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ޝިޔާމުގެ ހާޒިރީއަށް ބަލާލާއިރު، 77 ޖަލްސާގެ ތެރެއިން 29 ޖަލްސާއަށް ވަނީ ހާޒިރުވެވަޑައިގަންނަވާފަ އެވެ. ޝިޔާމަކީ މީގެކުރިން މަޖިލީހުގެ ދައުރެއް ނިމޭއިރު، ބައެއް ދައުރުތަކުގައި ދެތިން ޖަލްސާއަށް ވަޑައިގަންނަވާ މެންބަރެއްގެ ގޮތުގައި ފާހަގަކުރެވި، ހާޒިރީގެ އެންމެ ފުލުގައި އޮންނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ. ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުން މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ބަރާބަރަށް ކުރިއަށް ގެންދަވާތީ، ގިނަ ޖަލްސާތަކެއްވެސް ވަނީ ބޭއްވިފަ އެވެ. އެހެން ކަމުން ޝިޔާމަށްވެސް ގިނަ ޖަލްސާތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިވަނީ ލިބިވަޑައިގެންފަ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ހުރިހާ ޖަލްސާތަކަށް ވަޑައިގަންނަވާފައިވާއިރު، ހުރިހާ ޖަލްސާތަކަށް ވަޑައި ނުގެންނެވުނު މެންބަރުންގެ ތެރޭގައި މަޖިލީހުގެ ރަސްމީ ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނަވަން ޖެހިވަޑައިގެންނެވުމުން ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގެންނެވުނު ބައެއް މެންބަރުން ވެސް ހިމެނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް