އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ 19 ރަށެއްގައި ލައިފްގާޑުންގެ ޚިދުމަތްދޭން ފަށާނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުނެފިއެވެ.
އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ފަތުރުވެރިންނަށް ދިމާވާ އެކިއެކި ޙާދިސާތައް މަދު ކުރުމަށްވެސް ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މިފެށޭ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައި 19 ރަށެއްގައި ލައިފްގާޑުން ބޭތިއްބުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ރަށްރަށުގެ ތަފުޞީލެއް ހާމަ ކޮށްފައެއްނުވެއެވެ.
އަޅުގަނޑުމެން މި މަހުގެ ތެރޭގައި މި ބަލަނީ ޓްރެއިނިންގ ފެށޭތޯ، ބޭނުންވާ ނެސެސަރީ ޓްރެއިނިންގ ހަމަ ކޯސްޓްގާރޑުގެ ބެލުމުގެ ދަށުން ދީފައި ޓާގެޓު މި ކުރަނީ ޖެނުއަރީ މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ލައިފްގާޑުން ބެހެއްޓޭނެ ކަމަށް،ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ
އައްސަދު އިތުރަށް ވިދާޅުވީ، ލަައިފް ގާޑުން ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށާއި، ފަށައިގަންނައިރު ކޮންމެ ލައިފްގާޑަކަށްވެސް މުސާރައިގެގޮތުގައި 10،000 ރުފިޔާ ދޭނެކަމަށެވެ. ލައިފްގާޑުން ހޮވުމުގައި މަސައްކަތަށް ޤާބިލު ފަރާތެއް އިޚުތިޔާރުކުރުމުގެ އިތުރުން، މިނިސްޓްރީގެ ވިސްނުން ހުރީ އެރަށަކަށް ނިޞްބަތްވާ ބޭފުޅަކު އެރަށެެއްގެ ގާޑެއްގެ ގޮތުގައި ހަމަޖެއްސުމަށްކަމަށް އައްސަދު ވިދާޅުވިއެވެ.
ފަތުރުވެރިންނަށް ދިމާވާ ޙާދިސާތައް ތަކުރާރުވަމުންދާތީ، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، އެފަދަ ޙާދިސާތައް މަދު ކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.