ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލުންނަށް މަރުގެ އަދަބު ދިނުމަށް ދިވެހި ޑްރައިވަރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
ޑްރައިވަރުންގެ ޖަމިއްޔާއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި އެކަން ކުރި މީހުން ހައްޔަރުކޮށް އިސްލާމް ދީނުގައި އަންގަވާފައިވާ ހުކުމް ގާއިމްކޮށް ދިނުމަށް ސަރުކާރު އެންމެހާ މުއައްސަސާތަކަށް އެ ޖަމްއިއްޔާ އިން ވަނީ ގޮވާލާފައެވެ.
ގްރޫޕެއްގެ ޝިކާރަޔަކަށްވި އުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި އޮއްވާ ފެނިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ. އެ މައްސަލާ އާއި ގުޅިގެން އެކަން ކުރި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު ގާސިމްގެ މަރާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެއެވެ. މަރުގެ މައްސަލަ ސީރިއަސް ކްރައިމް ޑިޕާޓްމަންޓް އޮފް އިންވެސްޓިގޭޝަނުން ތަހުގީގު ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުންގެ ފަރާތަކަށް އެނގޭނަމަ ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އާއްމުންގެ އެހީއަށް އެދިފައެވެ.