އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމުގައިވާ އެސް.ޕީ.އައި.އޭ އޭޝިއާ އެވޯސްޑްގެ "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯރޓްސް" ކެޓަގަރީއިން ފަޚުރުވެރި ބްރޯންޒް އެވޯޑް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޤުބޫލު ދުވުމުގެ ޙަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަށް ލިބިއްޖެއެވެ.
އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ދުނިޔޭގެ ތަރިންނާ އެކު 600 އަށް ވުރެ ގިނަ ޑެލިގޭޓްސް ބައިވެރިވި މި އެވޯޑު ޙަފުލާ އޮތީ ސައުތު އީސްޓް ގޭމްސްގެ ރަސްމީ ޙަރަކާތްތަކުގެ ހަވާސާގައި، ޑިސެމްބަރު 2-3 އަށް ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާޓް މެނީލާ ހޮޓަލުގައެވެ.
އޭޝިއާގެ ލީޑިން ސްޕޯޓްސް ބިޒްނަސް ކޮންފަރެންސް އަދި އެވޯޑް ޕްލެޓްފޯމުގެ މި ޝަރަފުވެރި އެވޯޑްސްގެ އެކި ކެޓަގަރީތަކަށް ދިރާގުގެ އިތުރުން އޭޝިއާގެ 47 ޤައުމަކުން 500 އެއްހާ ނޮމިނޭޝަންސް ހިމެނުނެވެ.
އެގޮތުން މި ވާދަވެރި އެވޯޑް ތަކަށް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބައިނަލްއަޤުވާމީ ބޮޑެތި ދުވުންތަކާއެކު ވަނީ ވާދަކޮށްފައިއެވެ. ހުރިހާ ކެޓަގަރީއެއްގެ ދުވުންތައްވެސް އިންސާފުކޮށްދެއްވާފައިވަނީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރު ޖަޖިންގ ޕެނަލަކުން ބައިނަލްއަޤުވާމީ ކުޅިވަރު އެވޯޑް ތަކުގެ މިންގަޑުތަކަށް ފެތޭގޮތަށެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ އިތުރު 4 ކެޓަގަރީ އަކުން ނޮމިނޭޓް ވެފައިއެވެ. އެއީ
- ބެސްޓް ސްޕޯޓްސް ފޭން އެންގޭޖްމަންޓް ކެމްޕެއިން އޮފް ދަ އިޔާ
- ބެސްޓް އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިން ފޮ އަ ސްޕޯޓިން އިވެންޓް
- ބެސްޓް ސްޕޯޓްސް ސީ .އެސް .އާރް އިނީޝިއޭޓިވް އޮފް ދަ އިޔާ
- ބެސްޓް ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަން ކެމްޕެއިން އޮފް ދަ އިޔާ
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2019 އަކީ 5ގީ/އައިއޯޓީ ބޭނުންކޮށް ޑިޖިޓަލް ވަޞީލަތްތަށް މެދުވެރިކޮށް ބޭއްވާ އެންމެ ބޮޑު އަދި ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަޤުވާމީ ރޭހުގެ އިތުރުން ޙަރަކާތްވެސް މެއެވެ.
ރޭހުގައި ބައިވެރިވާން ރަޖިސްޓަރީ ކުރާ ހިސާބުން ފެށިގެން ރޭސް ނިންމުމާ ހަމައަށް ދިރާގުން ދަނީ ދުވުންތެރިންނަށް ޑިޖިޓަލް ވަޞީލަތްތަކުން ލުއިފަސޭހަތަށް ފޯރުކޮށްދެމުންނެވެ. އެގޮތުން ދިރާގުން ވަނީ މި ރޭހަށް ޚާއްޞަ ކޮށްގެން މޮބައިލް އެޕްލިކޭޝަނެއް ވެސް ތަޢާރަފު ކޮށްފައެވެ. މި އެޕްގެ ޒަރިއްޔާއިން ދުވުންތެރިންގެ ބިމުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދޭނެއެވެ.
މީގެ އިތުރުން، މިއަހަރުގެ ރޭހުގައި ދިރާގުން ވަނީ ސައުތު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް މި ރޭސް ޓީވީ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކޮށްފައިއެވެ.
ދިރާގުގެ ޗީފް މާރކެޓިންގ އޮފިސަރ، މަހުމޫދް ދައްސަރ ވިދާޅުވީ އެސްޕީއައީއޭ ފަދަ މި ޞަރަޙައްދުގެ ކުޅިވަރު އިވެންޓްތަކުގެ އެވޯޑު ޕްލެޓްފޯމެއްގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާމިޔާބީއެއް ލިބުމަކީ ދިރާގާއި މުޅި ރާއްޖެއަށް ވެސް ލިބޭ ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށެވެ. އަދި އޭޝިއާގެ ގަދަ 10 ކުޅިވަރުގެ ޙަރަކާތްތަކާއި ބްރޭންޑުތަކާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާމިޔާބީއެއް ލިބިގެން ދިޔުމަކީ ރޭހަށް ޙާޞިލުކުރެވުނު ވަރަށްވެސް ބޮޑު އަދި މުހިންމު ލަނޑުދަޑިއެއްކަމަށެވެ.
މީގެ އިތުރުން މަހުމޫދު ވިދާޅުވީ މިޙާޞިލު ކުރެވުނު އެވޯޑަކީ މި އިވެންޓުގައި ޙަރަކާތްތެރިވާ ދިރާގުގެ ޓީމްތަކުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޭސް އިތުރަށް ފުރިހަމަ ކުރަން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށާއި އަދި އަންނަ އަހަރުގެ އިވެންޓު އިތުރަށް ފުރިހަމަކުރުމަށް ޓީމުތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިއްވަރެއް ވެސް ކަމަށެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުނިޔޭގެ ފެންވަރުގައި ވިދާލަމުން އަންނަ ދުވުމެކެވެ. އެގޮތުން 2018 ވަނަ އަހަރު އިޖުތިމާޢީ ޙަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަޤުވާމީ ސޯޝަލް އެވޯޑުގެ ގަދަ ތިނެއްގައި ވެސް މި ރޭސް ވަނީ ހިމެނިފަ އެވެ.