މަސައްކަތުގައި އުޅެނިކޮށް އިނގިއްޔަށް އަނިޔާ ލިބިގެން، ބަަދަލުގައި ނުވަ ލައްކަ ޕައުންޑް ހޯދުމަށް ކުންފުންޏާއި ދެކޮޅަށް ދައުވާކުރި ވަޑާންކުރާ މީހާ ރާއްޖޭގައި މަޖާނެގިޔަސް އޭނާ އަށް ލިބުނު އަނިޔާ ރަނގަޅުނުވާ ކަމަށް ބުނެފިއެވެ.
ކޮންކްރިޓް މަސައްކަތް ކުރަން އުޅެނިކޮށް އުމުރުން 23 އަހަރުގެ އިނގިރޭސިވިލާތުގެ ވަޑާންކުރާ މީހެއް ކަމަށްވާ އޮލިވަރ ކިލްބީގެ ކަނާތުގެ ބޮޑުވާ އިނގިޔަށް އަނިޔާވީ ލަންޑަނުގެ ފިޓްސްރޯވިއާގެ ޑިސްޓްރިކްޓްގައި ހަދަމުން ދިޔަ އިމާރާތުން 2014 ވަނަ އަހަރުއެވެ.
ރައްޓެހިންނާއި އެކު ރާއްޖޭގައި ފީނާ މަޖާނަގަން އުޅޭ ވީޑިއޯ އެއް އާއްމުވެ، މަސައްކަތަށް މަކަރު ހެދިކަމަށް ބުނާތީވެ، އެއަކީ މަސައްކަތަށް މަަކަރު ހެދިކަމަށް ދެއްކޭ ވަރުގެ އެކަށީގެންވާ ހެއްކެއް ނޫން ކަމަށް އޮލިވަރ ބުންޏެވެ. އެ ފޮޓޯތައް ނަގާފައިވަނީ 2015 ވަނަ އަހަރުއެވެ.
އިނގިރޭސިވިލާތުގެ ހައިކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ އެރިއަން ކޮންޓްރެކްޓަރސް ލިމިޓެޑް ތަމްސީލު ކުރާ ވަކީލް ޖޮނަތަން ޕޭން ބުނީ، އޮލިވަރ އަށް ލިބުނު އަނިޔާ އަށް ފަހު ފޭސްބުކްގައި އޭނާ އަޕްލޯޑްކޮށްފައި ހުރި ފޮޓޯތަކުން ފެންނަނީ، ''ވަރަށް ގަދަޔަށް ހީލާ މަޖާވެފައި'' ހުރިތަން ކަމަށާއި، ތަދެއް ހުރި ކަމުގެ އެއްވެސް ނިޝާނެއް އެ ފޮޓޯތަކުން ނުފެންނަ ކަމަށެވެ.
އޮލިވަރ އަޕްލޯޑް ކޮށްފައިވާ އެއް ފޮޓޯގައި ކެޕްޝަނަކަށް އޭނާ ޖަހާފައިވަނީ. ''ގޭގައި ޗިލް ކުރަނީ، ލަވަތައް ޖަހަނީ'' އެވެ. އެ ޕޯސްޓަށް އިޝާރާތް ކޮށް ވަކީލުވަނީ ސުވާލު އުފައްދާފައެވެ. އެނާ ވިދާޅުވީ، '' ބޮޑުވާ އިނގިލި ޖީޓީއޭ ނުކުޅެވޭނެ ނޫން ހެއްޔެވެ؟''
އަނިޔާވީތާ ހަތަރު ހަފުތާ ފަހުން ފޭސްބުކް ގައި އޮލިވަރ އަޕްލޯޑް ކޮށްފައިވާ އިތުރު ފޮޓޯ އަކަށް ވަކީލު ސުވާލު ކުރިއެވެ. އެ ފޮޓޯއިން ފެންނަނީ ރައްޓެހިންނާއި އެކު ކްލަބުގައި އޮލިވަރ ހުންނަތަނެވެ. އޮލިވަރ ބުނީ ކްލަބުގައި މާ މީހުން ގިނަވުމުން ރައްޓެހިންގެ ފަހަތުގައި ހުއްޓިލައިގެން ހުރި ކަމަށެވެ. އެކަމަކު އަތުން ހަރަކާތް ކުރި ކަމަށް ވަކީލު ވިދާޅުވުމުން އޮލިވަރަ އެވާހަކަތައް ދޮގުކުރިއެވެ.
އޭނާގެ އިނގިލީގެ ކަށީގައި ފްރެކްޗަރ އެއް ހެދި ހުޅަށް އަނިޔާވުމުގެ ސަބަބުން '' ކޮމްޕްލެކްސް ރީޖަނަލް ޕެއިން ސިންޑްރޯލް '' އުފެދި އޮލިވަރ ޑިޕްރެޝަނަށް ދިޔައެވެ.
ރާއްޖޭގައި ފީނަމުން ''އޯކޭ'' ނިޝާން އިނގިލިން ދައްކާފައި އިން ފޮޓޯ ނެގިކަމަށް އެއްބަސްވަމުން ވަޑަންކުރާ އޮލިވަރ ބުނީ، ފިނި ތަންތަނަށް ވުރެ ބޮޑަށް ހޫނޫ ތަންތަނުގައި އިނގިލި ހަރަކާތް ކުރެވޭ ކަމަށެވެ،
އޮލިވަރގެ ވަކީލު ވިދާޅުވީ، އޭނާ ވަޒީފާ އަށް މަަކަރު ހެދިކަމަށް ބުނެވޭ ވަރަށް އެކަށީގެންވާ މެޑިކަލް ހެއްކެތް ކުންފުންޏަކަށް ނުދެއްކޭ ކަމަށެވެ. އަދި އޭނާ އަށް މިހާރު ސޮސެޖް ކުންފުނިން ވަޒީފާއެއްވެސް ލިބިފައިވާ ކަމަށް ވަކީލު ވިދާޅުވެފައިވެއެވެ.