Advertisement
ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 16:47
ބަޖެޓް ދިރާސާކުރާ ކޮމިޓީ
ބަޖެޓް ދިރާސާކުރާ ކޮމިޓީ
ޔޫސުފް ސޮފްވާން ރަޝީދު
ބަޖެޓް
37.8 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
ބަޖެޓް ކޮމިޓީން ދިރާސާކުރުމަށްފަހު 366 މިލިއަން ރުފިޔާ އިތުރުކޮށްފައިވޭ
ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވީ 77 މެމްބަރުން
ބަޖެޓަށް އިތުރުކުރެވުނު އަދަދާއެކު ޖީީޑީޕީގެ ނިސްބަތުން ބަޖެޓްގެ ޑެފިސިޓް 6.2 އިންސައްތައަށް މައްޗަށް އަރާ

37.8 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 77 މެމްބަރުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ކޮމިޓީން ދިރާސާކުރުމަށްފަހު 366 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފަ އެވެ. އިތުރުކޮށްފައިވަނީ ސަރުކާރުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް 93.5 (ނުވަދިހަ ތިނެއް ޕޮއިންޓް ފަހެއް) މިލިއަން އިތުރު ކުރުމާއި، ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ 10،181.4 (ދިހާ ހާސް އެއްސަތަކޭ އަށްޑިހަ އެކެއް ޕޮއިންޓް ހަތަރެއް) މިލިއަން ރުފިޔާގެ ޖުމުލަ ބަޖެޓަށް 273.3 (ދުއިސައްތަ ހަަތްދިހަ ތިނެއް ޕޮއިންޓް ތިނެއް) މިލިއަން ރުފިޔާ އެވެ.

ބަޖެޓަށް އިތުރުކުރެވުނު އަދަދާއެކު ޖީީޑީޕީގެ ނިސްބަތުން ބަޖެޓްގެ ޑެފިސިޓް 5.8 އިންސައްތައިން 6.2 އިންސައްތައަށް ވަނީ މައްޗަށް ގޮސްފައެވެ. ބަޖެޓަށް ފައިނޭންސް ކުރުމަށްޓަކައި ޓީބިލް ވިއްކައިގެން ފައިސާ ހޯދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން އަންނަ އަހަރު ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފާސްކުރެވިގެންދިޔަ ބަޖެޓްގައިވާ ގޮތުން އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އަންނަ އަހަރު އާމްދަނީގެ ގޮތުގައި އެންމެ ގިނައިން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ނެގޭ ފައިސާއެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 6.8 ބިލިއަން ރުފިޔާއެވެ.

Advertisement

އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބަލާފައިވަނީ 37 ބިލިއަން ރުފިޔާއެވެ. އެ ލާރިއަކީ ދަރަނީގެ ޚިދުމަތާއި ދަރަނި އަދާކުރުމަށް ހިނގާނެ ޚަރަދު ހިމަނައިގެން ހިމަނާފައިވާ ފައިސާއެވެ. އަންނަ އަހަރު ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބަޖެޓްގައި ޖަހާފައިވަނީ 22 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވަނީ އިގްތިޞާދީ އަދި ސިނާޢީ ކުރިއެރުވުމަށް ކުރާ ޚަރަދުތަކަށެވެ. އެގޮތުން އެކަމަށް 7.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ތައުލީމަށެވެ. އެބަޔަށް ބަޖެޓްގައި 4.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ސިއްހީ ޚިދުމަތްތަކަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް 3.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މީގެއިތުރުން އަންނަ އަހަރުގެ ބަޖެޓްގައި ވަނީ ފުރަތަމަ ފަހަރަށް ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުމަށްޓަކައި ކައުންސިލްތައް ހިންގުމަށްޓަކައި ބްލޮކް ގްރާންޓް އުސޫލުން ކައުންސިލްތަކަށް ދޭނެ ބަޖެޓެއް ދޫކުރުމަށް ހަމަޖެހިފަ އެވެ. އެގޮތުން ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ބަޖެޓްގައި ހިމަނާފަ އެވެ.

އަންނަ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ފަންނީ ލަފާހޯދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި އޮޑިޓަރ ޖެނެރަލްވެސް ފާހަގަކުރައްވާފައިވާ އެއް ކަމަކީ ދައުލަތުގެ ދަރަނި ކުޑަކޮށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް