ކްލެމެންސީ ބޯޑަށް 600 ށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައި ވާކަމަށާއި ޕެރޯލް އަށް އެދިފައިވާ ގައިދީންގެ ތެރެއިން ޕެރޯލް ދީފައިނުވުމުގެ ސަބަބުން 200 ށް ވުރެ ގިނަ ގައިދީން އިންތިޒާރުގައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކި ކުށްތަކުގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން ކުށުގެ އަދަބަށް ލުޔެއް ހޯދުމަށް އެދި އެކިއެކި ފަރާތްތަކުން ރައީސް ނަޝީދަށް ފޮނުއްވާފައިވާ 12 ސިޓީއެއް އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވަވާފައެވެ. އެސިޓީތަކާއި ގުޅިގެން އެކޮމިޓީން ވަނީ އެކަންކަން ބެލުމަށްފަހު ކޮމެޓީއަށް ފާހަގާވާ ކަންތައްތައް އެކަމުގެ ހައްލާއެކު އެކަމުގައި ދެން ކަންތައް ކުރަންވީގޮތުގެ ލަފަޔަކަށް އެދި މަޖިލީހުގެ ރައީސަށް ސިޓީ އެއް ފޮނުއްވާފަ އެވެ.
އެސިޓީ ބުރާސްފަތި ދުވަހުގެ ޖަލްސާއަށް އިއްވަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ސިޓީގައި ހުރި މައްސަލަތަކަށް ހައްލެއް އަންނަނީ ޤާނޫނީ އަދި ނިޒާމީ މައްސަލަތަކަށް ހައްލެއް ގެނެސްގެން ކަމަށް ކޮމެޓީގެ މެމްބަރުން ފާހަގަކުރައްވާ ކަމަށެވެ. އެގޮތުން ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަމުގެ ތަފްސީލު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ޤާނޫން ގެ ދަށުން އެކުލަވާލާފައިވާ ޕެރޯލް ބޯޑު އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާކަމަށެވެ. އެކަމުގެ ސަބަބުން ޕެރޯލްގެ ހައްގުތައް ކަށަވަރުވާ ފަރާތްތަކަށް އެކަން ކޮށްދީފައި ނުވުމުގެ ސަބަބުން 200ށް ވުރެ ގިނަ މީހުން ޕެރޯލްގެ އިންތިޒާރުގައި ތިބިކަމަށް ކޮމިޓީއަށް ފާހަގަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މީގެއިތުރުން ޕެރޯލަށް އެދެވެނީ ޖަލުގައި ހުންނަ ގައިދީއަށް ކަމަށްވާތީ އޭނާއަށް ޕެރޯލް ހައްގުވާކަން ޔަގީންކުރަން ދަތިވެ އެކަމުގެ ސައްހަ މައުލޫމާތު ލިބިފައިނުވާ އެތައް ބަޔަކު ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާހު ގެނެސް ޕެރޯލްގެ ފުރުސަތު މިހާރުން މިހާރަށް ކަށަވަރުކުރުމަށް ކޮމިޓީއަށް ފެންނަކަމަށް ފާހަގަކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 121 ވަނަ މާއްދާ އިސްލާހުކޮށް ޕެރޯލް ބޯޑު އެކުލެވިފައިވާގޮތް ބަދަލުކުރުމަށް އެކޮމެޓީއަށް ފެނޭ. 122 ވަނަ މާއްދާ އިސްލާހުކޮށް ޕެރޯލް ހައްގުވާ ފަރާތްތައް ދެނެގަތުމަކީ ޕެރޯލް ބޯޑުގެ ޒިންމާއެއް ކަމަށްހަދާ ޕެރޯލް ހައްގުވާ ފަރާތްތަކަށް އެކަން އަންގާ އެމައްސަލަ ބަލާ އެފުރުސަތު ކަށަުވަރު ކޮށްދިނުމުގެ އެންމެހާ މަސްއޫލިއްޔަތު ޕެރޯލް ބޯޑާ މަތިކުރުން. 123 ވަނަ މާއްދާ އިސްލާހުކޮށް ޕެރޯލް ބޯޑުން ތަބާވާންޖެހޭ އާންމު އުސޫލުގެ ތެރޭގައި ޕެރޯލް ބޯޑުގެ އަހަރީ ރިޕޯޓާއެކު ބޯޑުގެ އާންމު މެމްބަރުންގެ ހާޒިރީ އާންމުކުރާ ގޮތަށް ބަދަލުކުރުމާއި ބޯޑުގެ މަސައްކަތްތައް ރިޕޯޓް ކުރާނެ ފަރާތެއް ކަނޑައެޅުން.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މީގެއިތުރުން ކްލިމެންސީ ބޯޑުގެ މަސައްކަތްތައް މިހާރަށް ވުރެ އަވަސް ކުރަންޖެހޭ ކަމަށާއި ކްލެމެންސީ ބޯޑަށް 600 ށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާއިރު އެމައްސަލަތައް ދިރާސާކުރުމަށް ތިބެނީ ދެ މުވައްޒަފުންކަމަށް ކޮމިޓީން ފާހަގަ ކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން މައާފް ދީ އަދަބު ލުއިކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް ލަސްވާތީ ކޮމިޓީން ހުށަހަޅަނީ ކްލެމެންސީ ބޯޑު ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމަށެވެ.
އެގޮތުން އިޖުތިމާޢީ ފަރުވާ އަށް ހުކުމްކުރުމުގެ ޕްރޮގްރާމް އާއި ޕްލީ ބާގެއިން ޕްރޮގްރާމް އާއި ޑައިވާޝަން ޕްރޮގްރާމް ތަޢާރަފް ކުރުމަށް ކޮމެޓީން ވަނީ ހުށަހަޅާފަ އެވެ.
ތިންވަނަ ހުށަހެޅުމަކީ އިޖުތިމާޢީ ފަރުވާ އަށް ހުކުމް ކުރުމުގެ ޕްރޮގްރާމް ކޮމިޔުނިޓީ ސެންޓެންސިން ޕްރޮގްރާމް ޑައިވާޝަން ޕްރޮގްރާމްތައް ހިންގުމަށް ފުރުސަތު ލިބޭނޭހެން ޖަލުތަކާއި ޕެރޯލްގެ ޤާނޫނު އިސްލާހުކުރުން އަދި މި ޕްރޮގްރާމްތައް ހިންގާނޭ ނިޒާމެއް ހޯމް މިނިސްޓްރީގައި ގާއިމުކުރުން. ހަތަރު ވަނަ އިސްލާހަކީ ވީ އެންމެ އަވަސް ފުރުސަތެއްގައި ޕީޖީ އޮފީހުގައި ޕްލީ ބާގެއިން ނިޒާމެއް ގާއިމުކުރުންރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާއަށް ހުކުމް ކުރާ ފަރާތްތަކަށް ލަސްނުކޮށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް ކޮމިޓީން ފާހަގަކޮށްފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ. ޖަލުތަކުގައި އެންމެ ގިނައީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާއި އެކަމާ ގުޅުންހުރި ކުށްތައް ކަމަށްވެފައި ކުށްމަދުކުރުމަށާއި ކުށްކުރުމުން ދުރުކުރުމަށް އެންމެ ބޭނުންވެފައިވާ އެއް ކަމަކީ ރިހިބިލިޓޭޝަން ފުރުސަތުތައް ފަހިވުން ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.
އަދި ޖިނާޢީ އަދުލުގެ ނިޒާމުގައި ތަކުރާރުކޮށް ކުށްކުރާމީހާ އާއި ރިޕީޓް އޮފެންޑާސް ގިނަވުމުގެ އެންމެ ބޮޑު މައްސަލައަކީވެސް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ތަހުލީލީ ފަރުވާގެ ފުރުސަތު ނުލިބުންކަން ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން ކޮމިޓީން ފާހަގަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އުސޫލުން ރިހިބިލިޓޭޝަން ސެންޓަރުތައް އަންހެނުންނާއި ފިރިހެނުންނަށް ފަރުވާދެވޭގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުގެ މަގު ފަހިކުރުމެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ އެކިއެކި ޓެރަރިސްޓް ހަނގުރާމައަށް މީހުންދާ ރެކްރޫޓް ކުރާ ކިއްލާއަކަށް ވެފައި އޮތްތަނެއް ކަމަށެވެ.
ރާއްޖޭގެ ޖަލުތަކަކީ ޑްރަގުގެ ވިޔަފާރި އާއި އަދިއެހެންވެސް ހުރިހާ ބާވަތެއްގެ ކަންކަންވެސް އެތަން މެދުވެރިގެން ހިނގާ ތޮއްޖެހިފައި އޮތްތަނެއް. ގިނަ މީހުން އޮތްތަނެއް. އަޅުގަނޑަށް މިވާހަކަތައް ކިޔައިދޭކަށް މާހިރެއް ބޭނުމެއް ނޫން. އަޅުގަނޑުގެ ހަޔާތުގެ ބޮޑުބައެއް ހޭދަކުރި އެތަނުގައި. ރައްޔިތަކު ރޮމުން އައިސް ތިމަންނަގެ އާއިލާ މީހަކު ޖަލުގައި އޮންނަތާ މިވެނި އަހަރެއްވެއްޖެޔޭ ޕެރޯލް އެއް ނުލިބެއޭ އަނެއް ކަމެއް ނުވެއޭ އަނެއް ކަމެއް ނުވެއޭ މިވާހަތަައް ރައްޔިތުން އެމީހުންގެ ވަކީލުންގެ ގާތުގައި މެމްބަރުންގެ ގާތުގައި ތަކުރާރުކޮށް ދެންނެވީމާ އޭގެން ކުރަންވީ ކަމަކީ ޖަލާއި ހަވާލުވެ ހުންނަ މީހާއަށް ގުޅާފައި އޭނާގެ އައިޑީ ނަންބަރު ފޮނުވާލުމެއް ނޫން އެނގޭތޯ. މިކަން އިސްލާހުކުރުމުގެ އިންތިޒާމެއް ހަމަޖައްސާ އެމަގަށް ސަރުކާރުގެ ހުރިހާ ހިންގުމެއް ގެންނަންވީ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ ހޯމް މިނިސްޓްރީން މަންޑޭލާ ރޫލްސް އާ އެއްގޮތަށް ޖަލުގެ ކަންކަން ބަދަލުކުރުމަށް މަސައްކަތްކުރައްވާކަން އެނގިވަޑައިގެންފައިވާ ކަމަށާއި އުންމީދުކުރައްވަނީ އަދިވެސް އެމަގަށް މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ކޮމިޓީން ފާހަގަކޮށްފައިވާ ކަންކަން ޖުޑީޝަރީ ކޮމިޓީ އާއި ހިޔުމަންރައިޓްސް ކޮމިޓީ އެކުވެގެން އެކުލަވާލެވޭ ކުޑަ ކޮމިޓީއަކުން, މިކަމަށް ބޭނުންވާ އިސްލާހުތައް ޑްރާފްޓްކޮށް އެއިސްލާހުތައް މަޖިލީހަށް ހުށަހަޅައިދިނުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.
އަދި ޕެރޯލް ބޯޑަށާއި އެހެން ކަންކަމަށް މިގެނެވޭ ބަދަލުތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް އޭގެ ގަވާއިދުތަކާއި އޭގެ އުސޫލުތަކާއި އޭގެ ކަރުދާސްތައްވެސް ފޯމުތައްވެސް ފޯނުނަންބަރުތަކާއި ޓްވިޓަރ އެކައުންޓްތަކާއި ވިޒިޓިންގ ކާޑާއި މިހުރިހާ އެއްޗެއް ތައްޔާރުކޮށްފައި ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހަވާލުކުރުން ނުވަތަ ކަމާބެހޭ ފަރާތުގައި މިއެއްޗެތި މިގޮތަށް މިމަގުން މަސައްކަތްކުރައްވާށޭ ސާފުބަހުން ދެންނެވުންރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
އެހެންކަމުން މިކަމަށް ދެކޮމިޓީ އެކުގައި މަޝްވަރާކޮށްގެން ގޮތެއް ނިންމެވުމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގަންފައެވެ.