ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ބަދަލުދިނުމުގެ މަސައްކަތް މިހިނދުން މިހިނދަށް މަޑުޖައްސާލާ މިމައްސަލާގައި ސުޕްރީމްކޯޓުން ކޮށްފައިވާ ހުކުމް ރިވިއުކުރުމަށް ފޮނުވުމަށް އެޓަރނީ ޖެނެރަލް އަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ދީބާޖާ އަށް ބަދަލު ދިނުމަށް ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ވަނީ ދިރާސާކޮށްފައެވެ. މިމައްސަލަ ދިރާސާކުރުމަށްފަހު އެކުލަވާލި ކޮމެޓީ ރިޕޯޓްގައި ވަނީ ދެ ކަމެއް ނިންމާފައެވެ. އެއް ނިންމުމަކީ މިމައްސަލަ ރިވިއު ކުރުމަށް އޭޖީއަށް ދެންނުވުމެވެ. އަނެއް ނިންމުމަކީ ދީބާޖާ އާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާއި ގުޅޭގޮތުން ހިނގާފައިވާ އެންމެހައި މުޢާމަލާތްތައް ބަލައި ތަހުޤީޤުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލަށް ދެންނެވުމެވެ.
ކޮމިޓީގެ މިރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
2010 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.
ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި މި އެއްބަސްވުން ބާތިލްކުރުމުން އެކުންފުނިން ވަނީ ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލްކޯޓަށް ގޮސްފައެވެ. ސިވިލް ކޯޓުންވަނީ އެކުންފުންޏަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ އެކުންފުންޏަށް ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައެވެ. އެހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލްކުރި އެވެ.
އެހެންކަމުން ދީބާޖާއިން އެހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ. ސުޕްރީމް ކޯޓުން ވަނީ މިމައްސަލާގައި ހައިކޯޓުން ކުރި ހުކުމް ބާތިލް ކޮށް 348.10 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފަ އެވެ. ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ބާތިލްކުރީ އެ މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުން ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާގެ މައްޗަށް ރިޢާޔަތްކޮށެވެ.
އެއާއެކު ދީބާޖާ އަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީއިން ލަފާ ދީފައިވާތީ އެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކޮށްދިނުމަށް އެދި އެކޯޓަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވުމަށްފަހު ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ދީބާޖާއަށް ބަދަލުދިނުމަށް ސަރުކާރުން ނިންމުމުން މާލިއްޔަތު ކޮމިޓީގެ މެމްބަރުންވަނީ މިމައްސަލާގައި އަޑިނޭންގޭ ކަންތައްތަކެއް ހުރި ކަމަށްވިދާޅުވެ ބަންޑާރަ ނައިބު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެެވެ.
އެކަމާގުޅިގެން ކޮމިޓީ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވެފައިވަނީ މިހާރުގެ ޝަރުޢީ ނިޒާމު އޮތް ގޮތުން މިމައްސަލަ ރިވިއު ކޮށްގެންވެސް ސަރުކާރާ އެއްކޮޅަށް މައްސަލަ ނިމޭނެކަމަށް ގަބޫލު ނުކުރެއްވޭކަމަށެވެ. އަދި މިމައްސަލާގައި ދިބާޖާއަށް ބަދަލު ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރިފްޢަތު ވިދާޅުވެފައިވެ އެވެ.
މިމައްސަލައިގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރެއްވި އެމްޑީޕީގެ މެމްބަރުންވަނީ ބޮޑެތި އަދަދުތަކުން ބަދަލުދޭންޖެހޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަމުގައި ހުކުމް ރިވިއު ކުރުމަށް އެދުމާ މެދު މެމްބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފަ އެވެ. އެގޮތުން މިމައްސަލަ ރިވިއު ކުރުމަށްފަހު 348.10 މިލިއަން ރުފިޔާ ދައްކަންޖެހިދާނެ ކަމުގެ ބިރު ބައެއް މެމްބަރުން ފާޅުކުރެއްވިއިރު އަނެއް މެމްބަރުން މިކަން ސިފަކުރެއްވީ ކަމަކަށް ހުޅުވިގެންދާ ނުބައި ދޮރެއްގެ ގޮތުގައެވެ.