ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ އަންގާރަ ދުވަހު ކުރިޔަށްދިޔަ މަޖިލީހުގެ ޖަލްސާގައިވެސް އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.
ހޯމަ ދުވަހުގެ ޖަލްސާ ހުސްވަގުތުކޮޅަށްފަހު 11 ޖެހީއިރު ފެށުމާއެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީ މެމްބަރުން ގެންދެވީ ރައީސް ޔާމީން ވަގުތުން ދޫކޮށްލުމަށް ގޮވާލާ އަޑުގަދަ ކުރައްވަމުންނެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރައްވަން ފެއްޓެވީ ހުސްވަގުތުކޮޅަށްފަހު 1 ޖެހީއިރު ޖަލްސާ ފެށުމުންނެވެ. ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރުތައް ހިތްޕަވައިގެން ތިއްބަވާ އަޑުގަދަ ކުރައްވަމުން ގެންދަވާއިރު އެމްޑީޕީ މެމްބަރުން ގެންދަވަނީ އިހުތިޖާޖުކުރުން ލަހުން ފެށިކަން ފާހަގަކޮށް ނިޒާމީ ނުކުތާ ނަންގަވާ އެވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރައްވަމުން ގެންދަވާއިރު މިހާރު ބަހުސްކުރަމުން ދަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ކޮމިޓީ ރިޕޯޓަށެވެ.
ކުރީގެ ރައީސް ޔާމީން މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެމަނިކުފާނު މިހާރު ހުުންނެވީ ޖަލު ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގަ އެވެ.
ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މާލޭގައިވެސް ޕީޕިއެމް ޕީއެންސީ މެމްބަރުން ގެންދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ.