ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކުރުމަށްފަހު ތަޅުމަށް ހުށަހެޅި ކޮމިޓީ ރިޕޯޓްގައި ބަޖެޓްގެ ޖުމްލަ އަދަދު ބޮޑުވެފައިވާއިރު އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަޖެޓް ކޮމިޓީން ދިރާސާކުރުމަށްފަހު ރިޕޯޓް ހުށަހެޅުމަށް ފުރުސަތު ދެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓްގެ ޕީއެސްއައިޕީ ބަޔަށް 273 މިލިއަން ކޮމިޓީން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އޮފީސްތަކުގެ ބަޖެޓަށް 93 މިލިއަން އިތުރުކޮށްފައިވާކަމަށާއި ސަރުކާރުން ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމިޓީން އާއިރު ވަނީ 37.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބަޖެޓަށް މިއައި ބަދަލާއެކު ޖީީޑީޕީގެ ނިސްބަތުން ބަޖެޓްގެ ޑެފިސިޓް 5.8 އިންސައްތައިން 6.2 އިންސައްތައަށް މައްޗަށް ގޮސްފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ބަޖެޓް ހުށަހަޅަނީ ސަރުކާރު ހިންގާ މެޖޯރިޓީ ޕާޓީކަމަށްވާއިރު ބަޖެޓްގެ ޖުމްލަ އަދަދަށް ބަދަލު އައިސްގެން ނުވާނެކަމަށެވެ. އެއީ އެގޮތަށް ބަދަލު ގެނައުމުގެ ސަބަބުން ބަޖެޓްގެ ޑެފިސިޓް ބޮޑުތަނުން އިތުރުވެގެން ދިޔުމުންކަމަށް ނަޝީދު ވިދާޅުވިއެވެ. ޚާއްސަކޮށް ބަޖެޓްގެ ހަރަދަށް ބަދަލު ގެނެސްފައިވާއިރު އާމްދަނީއަށް ބަދަލު އައިސްފައިނުވާކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ޚާއްސަކޮށް ހަރަދަށް ބަދަލު ގެނެސްފައިވާއިރު އާމްދަނީއަށް ބަދަލު އައިސްފައެއް ނުވޭ. އެހެންނަމަވެސް އެނގޭ އަންދާޒާ އާމްދަނީ އަށް ބަދަލު އަންނާނެކަން. ޚާއްސަކޮށް އިންކަމް ޓެކްސްގެ ނެގޭނެ ފައިސާ މުޖައްރިބު ވެފައި ކަނޑައެޅިފައި ނުވާކަމުން ފެންނަ ފެނުމުގައި ފުރަތަމަ ތިން މަސް އެކަމަށް ހޭދަވާނެ.ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ ބަޖެޓްގެ މަސައްކަތް ކުރިޔަށް އޮތް ދެދުވަސްތެރޭ ނިންމާލެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.
މީގެއިތުރުން ބަޖެޓްގެ މަސައްކަތް ކުރިޔަށްދިޔައިރު މަޖިލީހުގެ އިދާރާއިން ބަޖެޓްގެ އިތުރު ތަފްސީލު ކޮންމެ ކައުންސިލަކަށް އެނގޭ ގޮތަށް އެކުލަވާލާފައި ވާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތަށް ކަންތައްކުރެއްވީ ޕްރޮގްރާމް ބަޖެޓެއް އެންމެ ރަނގަޅު ތަންފީޒުކުރުމަށް މަގުފަހި ކުރުމަށްޓަކައި ކަމަށާއި އެތަފްސީލުން ކޮންމެ ރަށެއްގައިވެސް ހިނގަމުންދާ އިގްތިޞާދީ ހަރަކާތްތައް އެނގިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލްތަކަށް ދެވޭ ފައިސާ ހަރަދުކުރާނެ މިސްރާބެއް ކަނޑައެޅިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.