ހެޔޮ ވެރިކަމެއްގެ ނިޒާމަށް ސުވާލު ކުރާ ރައްޔިތުން ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އިންފޮރމޭޝަން ކޮމިޝަނަރ ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި އިންފޮރމޭޝަން ކޮމިޝަނަރ ފިޔާޒު ވިދާޅުވީ ހެޔޮވެރިކަމެއްގެ ނިޒާމުގައި ދުފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މާއްދާ 29 އަށް އަލިއަޅުއްވާލައްވާ ފިޔާޒު ވިދާޅުވީ ޤާނޫނު ތަންފީޒު ކުރަން ތިބި ފަރާތްތަކާއި، މަޢުލޫމާތަށް އެދެން ތިބި ފަރާތްތަކުން ހޭލުންތެރިވާންޖެހޭ ކަމަށެވެ. އަދި 29 ވަނަ މާއްދާގައި ދީފައި މިވާ މިނިވަންކަމާމެދު ވެސް ވިސްނަން ޖެހޭ ކަމަށާއި، މިނިވަން ކަމުގެ ބާރު ފުޅާކޮށް ފެންނަ ކަމަށް ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ މަޢުލޫމާތު ހޯދަން އާދައިގެ ރައްޔިތު މީހާއަށް ހުށަހެޅޭ ކަމަށާއި، ޒިންމާދާރު ދައުލަތެއް އުފެއްދުމަށްޓަކައި ސުވާލުކުރާ ރައްޔިތުންތަކެއް ވަރަށް މުހިންމު ކަމަށެވެ. ހެޔޮ ވެރިކަމެއް އުފެއްދުމަށްޓަކައި ހެޔޮ ވެރިކަމެއްގެ ސަގާފަތެއް އުފެއްދުމަށް ސުވާލުކުރާ ރައްޔިތުން ތިބުން ވަރަށް މުހިންމު ކަމަށް ފިޔާޒު ވިދާޅުވިއެވެ.
އޭގެ އިތުރުން އާދައިގެ މީހާ ވެރިމީހާއަށް ވުރެ ބާރުގަދަކޮށްދެނީ މިޤާނޫނުންކަން ފިޔާޒު ފާހަގަކުރެއްވިއެވެ. ފިޔާޒު ވިދާޅުވީ މިޤާނޫނު ވެރިމީހާ ކުރާ ކަންތައްތަކާއި ހިންގާ މަޝްރޫޢުތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯދަން ހުށަހެޅޭ ކަމަށެވެ. އަދި ވިދާޅުވީ ހާމަ މިންވަރަކަށް ކޮރަޕްޝަން މަދުވާނެ ކަމަށާއި، ގިނަގިނައިން ސުވާލު ކުރަންޖެހޭ ކަމަށެވެ.
އަޅުގަނޑުމެން ހިތަށް އަރާފާނެ ކުރިން ފެށިގެން ހުންނަ ސަގާފަތެއް ވީމަ އަޅުގަނޑުމެންނަށް ވެރިމީހާއާ މިވެނި ސުވާލެއް ނުކުރެވޭނޭ. އެކަމަކު މިގާނޫނުން ކޮންމެ ސުވާލެއް ވެސް އިސްތިސްނާވުން ނުވުން ކަނޑައަޅާނީ ފަހުންތާ.ފިޔާޒު- އިންފޮރމޭޝަން ކޮމިޝަނަރ
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ފިޔާޒު ވިދާޅުވީ ގިނައިން ހުށަހަޅަނީ ވަޒީފާއާ ބެހޭ މައްސަލަތަކާއި ޕްރޮކިއުޕްމެންޓްގެ މައްސަލަތައް ކަމަށެވެ. އެގޮތުން މިމައްސަލަތައް ޙައްލު ކުރުމަށް ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިޔާޒު ވިދާޅުވިއެވެ.
ފިޔާޒު ވިދާޅުވީ ވަޒީފާދޭ ދޭއިރު، މާރކްސް ލިބުނުވަރު ޢާންމު ކުރުމާއި، ޕްރޮޖެކްޓު ޙަވާލުކުރުމުގައި ވެސް އެގޮތަށް ޢަމަލުކުރުމުން މައްސަލަތައް މަދުވާނެކަން ފިޔާޒު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިގޮތަށް ޢަމަލުކުރި ނަމަވެސް އެމީހާގެ ނަން ޢާންމުނުކޮށް މާރކްސްތައް ޢާންމު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ފިޔާޒު ވިދާޅުވީ ކޮންމެ ދުވަހެއްގައި ދައުލަތުގެ އޮފީސްތަކުގައި ކަންކަން ހިނގާގޮތް ބެލުމަށްޓަކައި ކޮންމެ ދުވަހަކު ޔައުމިއްޔާ ލިޔާ ގޮތަށް އުޞޫލު ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް މިހާރު ގިނަ އޮފީސްތަކުގަ ޔައުމިއްޔާ ނުލިޔާކަން އޭނާ ފާހަގަކުރެއްވިއެވެ.