Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 22:32
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދާ ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް
މި ޕްރޮގްރާމް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރު
މިޕްރޮގްރާމް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކަކުންނާއި ސޯޝަލް މީޑިޔާގެ ވަސީލަތްތަކުން ވަގުތުން ދައްކާނެ
ސުވާލުކުރުމުގެ ފުރުސަތު ސުވާލު ވީޑިއޯ ކޮށްގެންނާއި މެސެޖް މެދުވެރިކޮށް ފޮނުވޭ ގޮތަށް ހަމަޖެހިފައިވޭ

ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ޕްރޮގުރާމެއް ބޭއްވުމަށް ނިންމައިފިއެވެ.

"އާސްކް ސްޕީކަރ" ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގުރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް މަޖިލީހުގެ އިދާރާ އާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެން ވަގުތުން ގެނެސްދޭ ޕްރޮގުރާމެކެވެ. އަދި މިޕްރޮގްރާމަކީ މިގޮތަށް ޢާންމު ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ޓީވީ އާއި ސޯޝަލް މީޑިޔާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ މި ޕްރޮގުރާމް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 9 ޖަހާއިރު ކަމަށެވެ. މިޕްރޮގުރާމް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކަކުންނާއި ސޯޝަލް މީޑިޔާގެ ވަސީލަތްތަކުން ވަގުތުން ދައްކާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މަޖިލީހުގެ ރައީސާއި ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ސުވާލު ވީޑިއޯ ކޮށްގެންނާއި މެސެޖް މެދުވެރިކޮށް ފޮނުވޭ ގޮތަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި ފޯނު މެދުވެރިކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ. އެގޮތަށް ސުވާލުކުރެއްވުމަށް ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު 6 ޑިސެމްބަރ ވާ ހުކުރުދުވަހުގެ ރޭ 11 ގެ ކުރިން މަޖިލީހުގެ އިދާރާގެ މީީޑިޔާ ސެކްޝަންގެ ހޮޓްލައިން ނަންބަރުކަމަށްވާ 7234566 ށް ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

އަދި ސޯޝަލް މީޑިޔާ މެދުވެރިކޮށް ސުވާލުކުރާ ފަރާތްތަކުން ސުވާލު ޕޯސްޓުކުރާއިރު AskSpeaker# ބޭނުންކުރުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.

މަޖިލީހުގެ އިދާރާއިން އަންނަނީ މަޖިލީހުގައި ހިނގާ ކަންކަން ޢާންމުންނާ ހިސާބަށް ފޯރުކޮށްދިނުމަށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންނެވެ. އެގޮތުން މީގެކުރިން ކޮންމެ ހަފުތާއަކު މަޖިލީހުގެ އަމީން ޢާންމު މީޑިޔާތަކާއި ބައްދަލުކުރައްވާ މަޖިލީހުގެ އިދާރާގައި ހިނގާ ކަންކަމުގެ މަޢުމާތު ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ. އަދި މަޖިލީހުގެ ރައީސް ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް