ރ. މަޑުއްވަރީގައި އުމުރުން 13 އަހަރުގައި ބަލިވެ އިދެ، ވިހެއި ކުއްޖާއާއި އޭނާގެ 6 ބެއިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ ޢާއިލާއެއްގެ ކުދިންތަކަކަށް އިހުމާލުވެ، އެކުދިން ތަޢުލީމުން މަހުރޫމްކޮށްފައިވާ މައްސަލަ އާއި، އެޢާއިލާގައި ހިމެނޭ ކުއްޖަކު ބަލިވެއިނދެ ދަރިއަކު ވިހާފައިވާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އަދި ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ އެއް ޢާއިލާއެއްގެ ކުދިންތަކަކަށް އެކުދިންގެ މައިންބަފައިން އިހުމާލުވެ، އެކުދިންނަށް ވެކްސިން ނުދީ ތަޢުލީމުން މަހުރޫމްކޮށްފައިވާކަމަށް ހުށަހެޅި ތަހްޤީޤު ކުރަމުން އައި މައްސަލަ އާއި، އެއާއިލާގެ ކުއްޖަކު ބަލިވެއިނދެ ދަރިއަކު ވިހާފައިވާ މައްސަލައާއި ގުޅިގެން، އެޢާއިލާގައި ހިމެނޭ 6 ކުދިންނާއި އަދި އުމުރުން 13 އަހަރުގެ ކުއްޖާ ވިހޭދަރި ހިމެނޭގޮތަށް އެއާއިލާއަށް ނިސްބަތްވާ ހަތްކުދިންނަށް ދަޢުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އެކުދިން މިހާރު ތިބީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. މީގެ އިތުރުން އަދި އެކުދިންނާއި މެދު އިހުމާލުވެފައިވާ މައްސަލަ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
13 އަހަރުގައި ބަލިވެ އިނދެ އެ ކުއްޖާ ވިހެއިކަން ހާމަވީ، ރ. މަޑުއްވަރީ ޒުވާނަކަށް ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ކުއްޖާއާއި މި ޒުވާނާ ކައިވެނިކޮށްފައިވަނީ ކޯޓުން ބޭރުގައެވެ. އެކުއްޖާ ވިހެއި ދަރިފުޅަކީ އެ ޒުވާނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައެވެ. މިއާއެކު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ 15 ދުވަހުގެ މުދައްތަކަށް ބަންދުކޮށްފައެވެ.