Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 20:24
ހުކުރު މިސްކިތުގެ މުންނާރު
ހުކުރު މިސްކިތުގެ މުންނާރު
މިހާރު
ހުކުރު މިސްކިތު މުންނާރު
ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވޭނީ މޫސުން ތަންދޭގޮތަކުން: ތަރިކައިގެ މަރުކަޒު
ކަނޑައެޅިފައިވާ ތަރިކަ ރައްކާތެރިކުރުމުގެ އުސޫލުތަކާއި އެއްގޮތަށް، މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަފިލުވާނެ

މާލޭގައި ހުރި ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވޭނީ ތަރިކަ ރައްކާތެރިކުރުމުގެ އުޞޫލުތަކާއި އެއްގޮތަށް ކަމަށާއި، އެކަން ކުރެވޭނީ މޫސުން ތަންދޭ އެންމެ އަވަސް ފުރުޞަތެއްގައި ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

އެ މަރުކަޒުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކަނޑައެޅިފައިވާ ތަރިކަ ރައްކާތެރިކުރުމުގެ އުޞޫލުތަކާއި އެއްގޮތަށް، މޫސުން ތަންދޭ އެންމެ އަވަސް ފުރުޞަތެއްގައި މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަފިލުވައި ރީތިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި މާލޭ ހުކުރު މިސްކިތު މުންނާރަކީ ތިން ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކައެއް ކަމުން، އެ މަރުކަޒުން މަސައްކަތް ކުރަމުން ދަނީ މުންނާރު ރައްކާތެރިކޮށް، ޒަމާންތަކަށް ދެމިގެން ދާނޭހެން އެތަން ބެލެހެއްޓުމަށް ކަމަށް އެމަރުކަޒުގެ ބަޔާނުގައިވެއެވެ. މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަލާފައިވާ ބިނާއެއްކަމުން، އެ ތަން މިހާރުވެސް އާބާތުރަ ފިލުވައި، ބަލަހައްޓަމުން ގެންދަނީ ކޮންޒަވޭޝަންގެ ހަމަތަކާ އެއްގޮތަށް ކަމަށްވެސް މަރުކަޒުން ބުނެއެވެ.

Advertisement

އެގޮތުން، ހުކުރު މިސްކިތުގެ މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލައާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެއް ކަމަށާއި، މުންނާރަކީ ހިރިގަލާ އުވައިން ހަދާފައިވާ ތަނަކަށް ވާތީ، މުންނާރަށް ރައްކާތެރިކަން ލިބޭނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންކަމުން، މިހާތަނަށް ބޭނުންކުރަމުން އަންނަނީ އުވަ ކަމަށް ވެސް މަރުކަޒުން ބުނެއެވެ.

އަދި އުވަ އަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަވި ލިބިގެން މެނުވީ ހިކޭ އެއްޗެއް ނޫން ކަމަށާއި، މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަފިލުވުމުވަށްޓަކާ އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިއްކުމަށްޓަކާ ވަގުތު ބޭނުންވާ ކަމަށް މަރުކަޒުން ބުނެއެވެ. އަދި މުންނާރަކީ އަސާރީ ތަރިކައެއް ކަމުން، އެ އިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި، އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވާއިރު، އެއީ އެ މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުޞޫލުތަކާއި ޚިލާފު ކަމެއް ކަމަށްވެސް އެމަރުކަޒުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް