Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 08:53
އިލެކްޝަން ކޮމިޝަން
އިލެކްޝަން ކޮމިޝަން
ގޫގުލް
އިލެކްޝަން ކޮމިޝަން
އިލެކްޝަން ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފި
ކޮމިޝަންގެ މެންބަރުން ވަނީ ސިޔަސީ ނުފޫޒުގައި ޖެހި، ކޯޓުތަކުގެ ޙުކުމްތަކުގެ ޙުރުމަތްކަނޑާފަ
މިއީ 2018 ގެ ރިޔަސީ އިންތިޚާބު ފަސްކުރުމަށް ހޯދާ އުޒުރެއް

އޭޕްރީލް 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ތިންވަނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، މޭ މަހުގެ 6 ވަނަ ދުވަހަށް ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން، އެ ކޮމިޝަންގެ މެންބަރުން އިސްތިޢުފާ ދިނުމަށް އިދިކޮޅު އެމްޑީޕީގެ ދިއްދޫ ދާއިރާއިން ގޮވާލައިފިއެވެ.

އެމްޑީޕީގެ ދިއްދޫ ދާއިރާއިން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، އޭޕްރީލް 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ތިން ވަނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ހުކުރު ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަނުން ކުއްލި ގޮތަކަށް ފަސްކުރި ކުރުމަކީ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން، މަޤާމުގެ ނާޖާއިރު ނުފޫޒު ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ޑިމޮކްރެސީއާއި ރައްޔިތުންގެ ބާރުވެރިކަމަށް ދިން ނުރައްކާތެރި ޙަމަލާއެއް ކަމަށާއި، އެކަމަކީ ޤާނޫނީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި އެހެންކަމުން، އެކަން ކުށްވެރިކޮށް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މިހާރުން މިހާރަށް އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ވަނީ ގޮވާލާފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ސްވައިން ފްލޫގެ ބަހަނާ ދައްކައި، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މި އިންތިޚާބު ތިންވަނަ ފަހަރަށް ފަސްކުރި ކުރުމުން ދޭހަވަނީ، ކޮމިޝަންގެ މެމްބަރުންނަކީ ސަރުކާރުގެ ނުފޫޒުގެ ތެރޭގައި ތާށިވެ، ކޯޓުތަކުގެ ޙުކުމްތަކުގެ ޙުރުމަތްކަނޑާ، ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބާރު ކަނޑުވާލާފައިވާ ނުރައްކާތެރި ބައެއްކަން ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުންނަކީ، ޤާބިލްކަމެއް ނެތް، އިންތިޚާބުތައް ބާއްވަން ނޭނގޭ ފަރާތްތަކެއްގެ ގޮތުގައި ސިފަކޮށް، އެމްޑީޕީގެ ދިއްދޫ ދާއިރާއިން ބުނެފައިވަނީ، އިލެކްޝަން ކޮމިޝަންގެ މެންބަރުން މިހާރު ފާހަގަކުރެވެނީ، ރައްޔިތުންގެ ފައިސާ އިން މުސާރަ ނަންގަވައިގެން، މީގެ ކުރިން ބާއްވަމުން އައި ބައި-އިލެކްޝަންތައް ވެސް ނުބާއްވާ، އަދި ޤާނޫނު ބުނާ މުއްދަތުގެ ތެރޭގައި އެއްވެސް އިންތިޚާބެއް ނުބާއްވާ ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ ބައެއްގެ ގޮތުގައި ކަމަށެވެ.

ސްވައިން ފްލޫ ދިވެހިރާއްޖޭގައި ހައްދުން ނެއްޓިގެން ދިޔައީ، ސަރުކާރުގެ ހެލްތު މިނިސްޓަރާއި، ހެލްތު މިނިސްޓްރީގެ އިހުމާލުން ކަމަށްވާތީ، އޭގެ އަގު ދިވެހި ރައްޔިތުން ދައްކަން ޖެހޭ ކަމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ޤަބޫލު ނުކުރާ ކަމަށާއި، ސަޢޫދީ ރަސްގެފާނު ދިވެހިރާއްޖެއަށް ވަޑައިނުގަތުމަށް ނިންމެވި ނިންމެވުމާ ގުޅިގެން ސަރުކާރަށް ލިބޭނެ ކަމަށް ބުނާ ފައިސާ ސަރުކާރަށް ނުލިބުމަކީ ވެސް، އޭގެ އަގު ދިވެހި ރައްޔިތުންނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ އެއްވެސް ކެންޑިޑޭޓެއް ދައްކަން ޖެހޭނެ ކަމެއް ކަމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ނުދެކޭ ކަމަށްވެސް މި ބަޔަނުގައިވެއެވެ.

އަދި ހަމަ މިއާއިއެކު، މި ގޮތަށް މި އިންތިޚާބު ފަސްކުރަމުން ދަނީ، އިލެކްޝަންސް ކޮމިޝަނާއި ސަރުކާރާ ގުޅިގެން 2018 ވަނަ އަހަރު ރާއްޖޭގައި އޮންނަން ޤާނޫނުއަސާސީ ލާޒިމުކުރާ ރިޔާސީ އިންތިޚާބު ނުބާއްވައި ފަސްކުރުމަށް ޤާނޫނީ ޙުއްޖަތެއް ހޯދުމުގެ މަކަރުވެރި ނިޔަތުގައި ކަމަށް، ދެކޭ ކަމަށް މި ބަޔާނުގައިވެއެވެ. މި ގޮތަށް މި އިންތިޚާބު ފަސްކޮށް، އިލެކްޝަންސް ކޮމިޝަނުން ބޭނުންވަނީ ރިޔާސީ އިންތިޚާބު ވެސް ނުބާއްވައި ރައީސް ޔާމީނަށް ރިޔާސަތުގައި ގިނަ ދުވަހު ދެމިހުންނެވޭނޭ މަގު ފަހިކޮށްދިނުމަށް ކަމަށް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ވަނީ ތުޙުމަތުކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސަކީ ޕީއޭ ގެ މެމްބަރަކަށް ވުމާއި، އަދި މިކަން ރައީސް މައުމޫން ވެސް ފާހަގަކުރައްވާފައިވާތީ، މިހާރު އޮތް އިލެކްޝަންސް ކޮމިޝަނުގައި މިރާއްޖޭގައި އެއްވެސް އިންތިޚާބެއް ބޭއްވުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމަށްވެސް އެމްޑީޕީގެ ދިއްދޫ ދާއިރާއިން ވަނީ ތުޙުމަތުކޮށްފައެވެ.

ސްވައިން ފްލޫ ފެތުރޭތީވެ، މީހުން އެއްވެ އުޅުން ރަނގަޅު ނޫން ކަމަށް، އެޗްޕީއޭއިން ލަފާ ދީފައިވާ ކަމަށްބުނެ، އިލެކްޝަން ކޮމިޝަނުން ހުކުރުދުވަހުގެރޭ ވަނީ ލޯކަލް ކައުންސިލް އިންތިހާބު އަންނަ މޭ މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް