Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 19:18
ދަރިވަރުންތަކެއް
ދަރިވަރުންތަކެއް
ޓްވިޓަރ
ތަޢުލީމުގެ ބިލު
ޓީޗަރުންގެ ޒިންމާތައް ކަނޑައަޅާ، ތަޢުލީމުގެ ބިލު ރައީސް އޮފީހަށް
މި ބިލްގައި ދަރިވަރުންގެ ހައްޤުތައް ބަޔާންކޮށްފައިވޭ

ތަޢުލީމީ ޖީލެއް ބިނާ ކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އުފުލާ ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ބަޔާން ކުރާ ތަޢުލީމުގެ ބިލު ސަރުކާރުން އެކުލަވާލައިފިއެވެ.

އެޓަރނީ ޖެނަރަލް (އޭޖީ) އޮފީހުން ތައްޔާރު ކުރި ތަޢުލީމުގެ ބިލާ ގުޅޭ ގޮތުން އެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ތަޢުލީމުގެ ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށްޓަކައި އެކުލަވާލާފައިވާ ބިލެއް ކަމަށެވެ. އަދި ތަޢުލީމުގެ ޙައްޤު ލިބިދިނުމަށްޓަކާ ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ހަދައި، ރާއްޖޭގެ ތަޢުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތަކާއި، އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ޙައްޤުތައް ބިލުގައި ހިމަނާފައިވާނެ ކަމަށް އެޓަރނީ ޖެނަރަލްގެ އޮފީހުން ބުންޏެވެ. އެ އޮފީހުން ބުނީ ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް އެ ބިލުގައި ކަނޑައަޅައި، ދިވެހިރާއްޖޭގައި ތަޢުލީމު ދިނުމާގުޅޭ އެނޫންވެސް ޢާންމު ހަމަތަކާއި އުޞޫލުތައް ބިލުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.

ތަޢުލީމުގެ ބިލުގެ އިތުރުން، މަތީ ތަޢުލީމުގެ ބިލެއް ވެސް އެޓަރނީ ޖެނަރަލްގެ އޮފީހުން ވަނީ އެކުލަވާލާފައެވެ. ނަފްސާނީ ޞިއްޙަތުގެ ބިލަކާއި، އެއްމެދު ޢިމާރާތުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

Advertisement

މަތީ ތަޢުލީމުގެ ބިލަކީ ރާއްޖޭގައި މަތީ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުޞޫލުތައް ކަނޑައަޅައި، މަތީ ތަޢުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި، އެފަދަ ތަޢުލީމުދޭ މަރުކަޒުތައް މޮނިޓަރ ކުރުމަށް ބާރު އަޅާ ބިލެކެވެ. އަދި މަތީ ތަޢުލީމުދޭ އެ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅައި، ދިވެހިރާއްޖޭގައި މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާ ބެހޭ އުޞޫލުތައް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެޓަނީ ޖެނަރަލްގެ އޮފީހުން ބުނީ އެއްމެދު ޢިމާރާތާ ގުޅޭ ބިލެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. އެ ބިލަކީ، ދިވެހިރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ. އެ ބިލުގައި އެއްމެދު ޢިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތާއި އެތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްތައް ކުރުމާގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެއްމެދު ޢިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި ޢިމާރާތުގެ ޢާންމު ސަރަޙައްދުތައް ބަލަހައްޓައި، ބޭނުންކުރާނެ އުޞޫލުތައް ބިލުގައި ކަނޑައަޅާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް