Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 20:19
ޖޭއެސްސީގެ ތަހުގީގު ކޮމެޓީއެއްގެ ބައްދަލުވުމެއްގެ ތެރެއިން-
ޖޭއެސްސީގެ ތަހުގީގު ކޮމެޓީއެއްގެ ބައްދަލުވުމެއްގެ ތެރެއިން-
ޝުއައިބް މުހައްމަދު އިގްބާލް
ޖޭއެސްސީ
އެމްޑީޕީއަށް ކެމްޕެއިން ކުރެއްވި ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓަށް ވޯޓު ހޯއްދެވުމަށް މަސައްކަތް ކުރެއްވި
މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން ގާތު އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދޭން އެދުނު
ޖިންސީ ފުރައްސާރައިގެ އަމަލުތަކެއްވެސް ހިންގާފައިވޭ

އެމްޑީޕީގެ ކެމްޕެއިންތަކުގައި ޙަރަކާތްތެރިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ހޯދަން މަސައްކަތްކުރެއްވި ފަނޑިޔާރަކު، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ނިންމައިފި އެވެ.

އެމްޑީޕީގެ ކެމްޕެއިން ޙަރަކާތުގައި ބައިވެރިވެ، އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދަން އުޅުއްވުމުން، ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައިވާ ފަނޑިޔާރަކީ، ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިނެވެ. އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ޢަމަލުތަކެއް ހިންގިކަމުގެ ތުހުމަތުތަކެއް ކުރެވި، އެމައްސަލަތައްވެސް ޖޭއެސްސީން ބަލާފައި ވެއެވެ.

މެޖިސްޓްރޭޓް އަދުނާނު ހުސައިން ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ރޭ އެކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ. ޖޭއެސްސީން ވަނީ އެ މައްސަލަ ނިންމައި، މަޖިލީހަށް އެމައްސަލައިގެ ރިޕޯޓު ހުށަހަޅުއްވާފަ އެވެ. އެރިޕޯޓާއެކު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށާއި، ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އައިނާނު އަލީ މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވާ ރިޕޯޓު ވެސް މަޖިލީހަށް ހުށަހަޅުއްވާފައި ވެއެވެ.

Advertisement

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމައްސަލަތައް މަޖިލީހުގެ ތަޅުމުގައި އިއްވުމަށްފަހު، ވަނީ އިތުރަށް އެމައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ފޮނުއްވާފަ އެވެ.

ޖުޑީޝަރީ ކޮމެޓީއަށް އެމައްސަލަ ފޮނުއްވުމުން، އެކޮމެޓީން ވަނީ ހޯމަ ދުވަހު އެކޮމެޓީގެ ބައްދަލުމެއް ބާއްވައި، އެމައްސަލަތައް ބެލުމުގައި ޖޭއެސްސީން ޢަމަލުކޮށްފައި ވަނީ ކަނޑައެޅިފައިވާ އިޖުރާޢަތްތަކާ އެއްގޮތަށް ކަމަށް ނިންމައި، މަޖިލީހުގެ ޖަލްސާއަށް އެރިޕޯޓުތައް ހުށަހެޅުމަށް ފާސްކޮށްފަ އެވެ.

އެމްޑީޕީއަށް ކެމްޕެއިން ކުރައްވައި، މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމަށް މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިން މަސައްކަތް ކުރައްވާފައިވާކަން ފާހަގަ ކުރެއްވީ ޖުޑީޝަރީ ކޮމެޓީގެ ނައިބު މުޤައްރިރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. ސިރާޖަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރެކެވެ.

"ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ކަމާއި، އެމްޑީޕީގެ ކެމްޕެއިން ދުވަސްވަރުގައި އެޕާޓީގެ ކެމްޕެއިން ތަކުގައި ފާޅުގައި އެކްޓިވިސްޓެއްގޮތަށް މަސައްކަތް ކުރާކަމަށް ފަނޑިޔާރަށް ތުހުމަތު އެބަކުރެވޭ، އަދި ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ކައިރީގައި މަޖިލިސް އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުލާން ބުނާކަމަށް، ޖޭއެސްސީގެ ތަހުޤީޤު ރިޕޯޓްގައި ފާހަގަކޮށްފައިވޭ،"
މޫސާ ސިރާޖު / ފޮނަދޫ ދާއިރާގެ މެންބަރު

ސިރާޖު ވިދާޅުވީ، ޖުޑީޝަރީ އިސްލާހު ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އަދި ޖޭއެސްސީން ހެޔޮ ނިޔަތެއް އޮތްކަން މިކަމުންވެސް ދޭހަވާ ކަމަށެވެ.

"އަޅުގަނޑު މީގައި ފާހަގަކުރަން ބޭނުންވާ ނުކުތާއަކީ، ފަނޑިޔާރުގެ އިސްލާހު ކުރަން އަޅުގަނޑުމެން މަސައްކަތްކުރާއިރު، ހާއްސަކޮށް ޖޭއެސްސީން ވެސް އެމަސައްކަތް ކުރާއިރުގައި ހަމަ ރަނގަޅު ނިޔަތެއްގައޭ މިކަން މިކުރަނީ. ހާއްސަކޮށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާހަގަކުރޭ، އަބަދުވެސް ދައްކާ ވާހަކައެއް، ފަނޑިޔާރުގެއިން އިންސާފު ނުލިބޭނެ ގޮތަށް ނުފޫޒު ފޯރުވާގޮތަށް ކަންތައްތައް ކުރާކަމަށް. ޖޭއެސްސީ މި ރިޕޯޓުން ވެސް ސާފުވާކަމަކީ ހަމަ ހެޔޮ ނިޔަތުގައި ރާއްޖޭގެ ރައްޔިތުންނަށް އަދުލްވެރި ކޯޓުތަކެއް ބިނާކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމޭ މީގެން މިއެނގެނީ،"
މޫސާ ސިރާޖު / ފޮނަދޫ ދާއިރާގެ މެންބަރު

ސިރާޖު ވިދާޅުވީ، ޖޭއެސްސީ ވަކިކުރަން ނިންމި ފަނޑިޔާރަކީ އޭނާ ވެސް ނިޞްބަތްވާ އެމްޑީޕީއަށާއި އެމްޑީޕީގެ ކެންޑިޑޭޓަށް ކެމްޕެއިންކޮށް ވޯޓު ހޯއްދަވަން މަސައްކަތް ކުރެއްވި ފަނޑިޔާރެއް ކަމަށެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ފަނޑިޔާރުން ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ޙަރަކާތްތަކާއި ސިޔާސީ ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"މީގައި މިބުނާ ފަނޑިޔާރުގެ ސިޔާސީ ފިކުރު މިހުރީ ހަމަ އަޅުގަނޑުމެންނާ އެއްފިކުރެއްގައި، އެމްޑީޕީގެ ފިކުރުގެ ފަނޑިޔާރެއްކަން މިރިޕޯޓުން ވެސް އެބައިނގޭ. އެހެންނަމަވެސް ފަނޑިޔާރުކަމުގައި ހުންނަ ފަރާތަކީ އެމްޑީޕީގެ ފިކުރުގައި ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ ފިކުރުގައި މަސައްކަތްކޮށް ކެމްޕެއިންތަކުގައި އަމަލީ ގޮތުން އުޅެ، އަދި ކޯޓުތަކުގައި އުޅޭ މުވައްޒަފުން ގާތުގައި ވަކި ގޮތަކަށް ވޯޓުދޭން ބަޔާންކުރާންޖެހޭވަރުގެ މީހެއް ނޫން. އެއަށްވުރެ، އަދުލްވެރިކަމާއެކީ އިންސާފުވެރިކަމާއެކީގާ މަސައްކަތް ކުރަންޖެހޭ މީހެއް ފަނޑިޔާރުންނަކީ. އެހެންވީމާ ފަނޑިޔާރުގެ އިސްލާހު ކުރަން ޖޭއެސްސީން މިކުރަމުންދާ މަސައްކަތަށް އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުންވޭ، އިހުލާސްތެރި ނިޔަތަކާއެކީގައި ހަމަ ވަކިއަތަކަށް ބުރަނުވެ، އިންސާފުވެރިކަމާއެކީގާ މިގޮތަށް މައްސަލަތައް ބައްލަވާ ނިންމަމުން ގެންދަވާތީ ހަމަ ޖޭއެސްސީއަށް ޝުކުރު އަދާކުރަން ބޭނުންވޭ، އެއީ ފަނޑިޔާރުގެ ރަނގަޅު ކުރެވޭނީ ހަމަ ރަނގަޅު ފަނޑިޔާރުން ލައިގެން. މިފަދަ ސުލޫކީ މައްސަލަތައް ހުރި ފަނޑިޔާރުން ވަކިކޮށް، ރަނގަޅު އިލްމީ ގާބިލް، މިނިވަންކަމާއެކު، އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި އަދުލަށް ހުކުމް ކުރެވޭނެ ފަނޑިޔާރުންތަކެއް އައްޔަން ކުރެއްވިގެން ނޫނީ އަޅުގަނޑުމެންކަށް، މި ގައުމު އަޅުގަނޑުމެން މިބޭނުންވާ މިސްރާބަކަށް ނުގެންދެވޭނެ،"
މޫސާ ސިރާޖު / ފޮނަދޫ ދާއިރާގެ މެންބަރު

ސިރާޖަކީ ރާއްޖޭގެ ޖުޑީޝަރީ އިސްލާހު ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރައްވާ ހީވާގި މެމްބަރެކެވެ. ސިރާޖުގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މަޝްހޫރު ޤާނޫނީ ވަކީލުންގެ ތެރޭގައި އެކޮމެޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ އާއި ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިނާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ އިތުރުން ކ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާ ހިމެނި ވަޑައިގަންނަވަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް