Advertisement
ކ. މާލެ
|
18 މާރޗް 2017 | ހޮނިހިރު 06:17
ބިލްބޯޑް ގެންދިއުމަށްފަހު، ބިލްބޯޑް ހަރުކޮށްފައި ހުރި ފިލާ، މަގުމަތިގައި ބަހައްޓާފައި
ބިލްބޯޑް ގެންދިއުމަށްފަހު، ބިލްބޯޑް ހަރުކޮށްފައި ހުރި ފިލާ، މަގުމަތިގައި ބަހައްޓާފައި
ރާއްޖެ އެމްވީ
ރާއްޖެޓީވީ
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
ބިލްބޯޑް ގެންދިޔައީ ކެންވަސް ހަރުކުރި ފިލާ ބަހައްޓާފައި
މަސްލަހަތު ގެއްލޭފަދަ ބަހުރުވަ ހުރިކަމަށް ތުހުމަތުކޮށްފައިވޭ
ބެނަރ ނައްޓާލައިގެން ގެންދިޔައީ ރާއްޖެޓީވީއަށް އެއްވެސް އެނގުމެއް ނެތި

ރާއްޖެޓީވީގެ ނޫސްވެރިންނަށް ކޮށްފައިވާ ނުހައްގު ދައުވާތަކާއި ގުޅިގެން، ރައްޔިތުންގެ ޝުޢޫރު ލިއުމަށް، ރާއްޖެޓީވީ ހިންގާ އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ހުރި ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

މަންޒަރު ދުށް ފަރާތްތަކުން ރާއްޖެއެމްވީއަށް މަޢުލުމާތު ދިން ގޮތުގައި، ހުކުރު ދުވަހުގެރޭ މެންދަމު، އެ ބިލްބޯޑް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ފުލުހުންގެ ވެހިކަލެއްގައި ރާއްޖެޓީވީ ސަރަޙައްދަށް އައި ސްޕެޝަލް އޮޕަޜޭޝަންގެ ފުލުހުންގެ ޓީމަކުންނެވެ.

މި ބިލްބޯޑް ގެންގޮސްފައިވަނީ، ބިލްބޯޑް ހަރުކޮށްފައި ހުރި ފިލައިން ކެންވަސް ނައްޓާލައިގެން، ބިލްބޯޑް ކެންވަސް އެކަންނެވެ. ބިލްބޯޑް ހަރުކޮށްފައި ހުރި ފިލާ، ފުލުހުން ވަނީ ބިލްބޯޑް ހުރި ތަނުގައި، މަގުމަތީގައި ބަހައްޓާފައެވެ. 

މިކަމާއި ގުޅިގެން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރާއްޖެޓީވީގެ ބޭރުގައި ހުރި ބިލްބޯޑް ހުކުރު ދުވަހުގެރޭ 12:30 ހާއިރު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ބިލްބޯޑް ގެންދިޔައީ، އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށާ، އާންމު މަސްލަޙަތު ގެއްލޭފަދަ ބަހުރުވައިން އެ ބިލްބޯޑްގައި ލިޔެފައިވާތީއާއި، އެ ބިލްބޯޑަކީ، އާންމުކޮށް އެއްޗެހި ހަރުކުރާ މިންގަނޑުތަކާއި، އުޞޫލުތަކާއި ޚިލާފަށް ހަރުކޮށްފައި ހުރި ބިލްބޯޑަކަށް ވުމުގެ އިތުރުން މި ބިލްބޯޑާއި ގުޅޭގޮތުން ފުލުހުންނަށް ޝަކުވާ ލިބިފައިވާތީ ކަމަށެވެ.

ރާއްޖެޓީވީގެ ބިލްބޯޑެއް ނައްޓާލައިގެން ގެންދިޔަ އިރު ބިލްބޯޑުގެ ވެރިފަރާތައް އެއްވެސް އެނގުމެއް ވެފައެއް ނުވެއެވެ. އަދި އެއްވެސް ފަރާތަކުން ބިލްބޯޑާ ބެހޭ ގޮތުން ރާއްޖެޓީވީއަށް ޝަކުވާއެއްވެސް ހުށަހަޅާފައެއް ނުވެއެވެ. މަސްލަހަތު ގެއްލޭފަދަ ލިޔުން ހުރިކަމަށް ބުނެ ވެރިފަރާތައް އެނގުމެއް ނެތި ބެނަރ ގެންދިޔައިރު އޭގައި މުޅިންވެސް ހުރީ ނޫސްވެރިކަމަކީ ކުށެއް ނޫން ކަމަށާއި، ނުހައްގު އަނިޔާ ނުދިނުމަށާއި، ރާއްޖެޓީވީގެ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ ލިޔެފައިވާ ލިޔުންތަކެވެ.

އެއްވެސް އެނގުމެއް ނެތި ބެނަރ ނައްޓާލައިގެން ފުލުހުން ގެންދިއުމާ ގުޅިގެން ރާއްޖެޓީވީން ބުނެފައިވަނީ އެއަށްވުރެ ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި ދިވެހި ފުލުހުން ހަރަކާތްތެރިވާނެ ދުވަހެއް ދުށުމަށް އެދޭ ކަމަށެވެ. މީހުންގެ މުދާ އެ ގޮަތައް ގެންދެވޭކަން އެނގިފައި ނުވާ ކަމަށާއި، އެ އަމަލަކީ ވަރަށް ދަށް ފެންވަރުގެ ކަމެއް ކަމުގައިވެސް ރާއްޖެޓީވީން ބުނެފައިވެއެވެ.

ރާއްޖެޓީވީ ހިންގާ އިމާރާތުގައި ހުރި ބިލްބޯޑެއް ފުލުހުން ގެންގޮސްފައިވާއިރު، ހުކުރު ދުވަހު ހަވީރު ފުލުހުން ވަނީ ފާފު އަތޮޅު ވިއްކާލުމާއި ދެކޮޅަށް ޝުޢުރު ލިޔުމަށް، އިދިކޮޅު އެމްޑިޕީގެ ހަރުގޭގެ ބޭރުގައި ބަހައްޓާފައި ހުރި ފިލައެއްވެސް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް