އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަންކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ކަމަށް ރައީސް ވަނީ ޓްވީޓު ކުރައްވާފައެވެ.
އެ ދެބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އުއްތަމަ ފަނޑިޔާރުކަމަށް އަޙްމަދު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދުގެ ނަން ރައީސަށް "ހައިލީ ރިކޮމަންޑް" ކުރައްވާފައެވެ. ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް މަޝްވަރާއަށް އެދި ރައީސް ފޮނުއްވާފައިވާ އަޙްމަދު މުއުތަސިމް އަދުނާން އަކީ "ހައިލީ ރިކަމަންޑަށް" ކުރާ ބޭފުޅުއްކަމަށް ރައީސަށް ލަފާ ދިނުމަށާއި، ހުސްނުއްސުއޫދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް "ހައިލީ ރިކަމަންޑަށް" ކުރާ ބޭފުޅެއް ގޮތުގައި ރައީސަށް މަޝްވަރާ ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް އެ ކޮމިޝަނަށް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ހިމެނޭ އަބްދުއްރައޫފް އިބްރާހީމާ ގުޅޭގޮތުން 3 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާތީ، އެ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާ މެދު ރައީސަށް މަޝްވަރާދިނުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމަށް އަދި އެ ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކަށް އައްޔަން ކުރަން ނިންމީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. މިދިޔަ އޯގަސްޓް މަހު ފަނޑިޔާރު ޢަބްދުﷲ ދީދީ ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.