Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 18:08
ޑރ އިންގްރިޑް ޑެނިއަލްސް
ޑރ އިންގްރިޑް ޑެނިއަލްސް
ރާއްޖެއެމްވީ
ނަފްސާނީ ދުޅަހެއުކަން
ނަފްސާނީ ބަލިތަކުން ދިފާއުވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދޭނަން: ޑރ އިންގްރިޑް
ނަފްސާނީ ބަލި ތަހައްމަލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް ކުރާ މަސައްކަތްތަކަށް ތައުރީފުކުރެއްވި
އައްޑޫ ސިޓީއަށް އަމާޒުކޮށް މެންޓަލް ހެލްތު ކޭމްޕެއް ކުރިއަށް ގެންގޮސްފައިވޭ
ވޯކްޝޮޕްތަކުގެ ސަބަބުން ނަފްސާނީ މައްސަލަތަކަށް އޮންނަ ހޭލުންތެރިކަން އިތުރުވޭ

ނަފްސާނީ ބަލިތަކުން ދިފާޢުވެ އެފަދަ ބަލިތައް ތަޙައްމަލުކުރާ ފަރާތްތަކަށް އެހީވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވާރލްޑް ފެޑެރޭޝަން އޮފް މެންޓަލް ހެލްތު (ޑަބްލިއު.އެފް.އެމް.އެޗް) ގެ ރައީސާ ޑރ އިންގްރިޑް ޑެނިއަލްސް ވިދާޅުވެއްޖެއެވެ.

"ވޯލްޑް މެންޓަލް ހެލްތު ޑޭ 2019" ފާހަގަ ކުރުމަށް ރާއްޖޭގައި ކުރެވުނު މަސައްކަތްތަކާއި ގުޅޭގޮތުން މަޝްހޫރު ނަފްސާނީ ޢިލްމުވެރިޔާ ޑރ. އާއިޝަތު އަލީ ނާޒާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޑރ އިންގްރިޑް ވިދާޅުވީ، ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ކުރިއަށްގެންދާ ތަފާތު ވޯކްޝޮޕްތަކުގެ ސަބަބުން ޢާންމުންގެ ތެރޭގައި ނަފްސާނީ މައްސަލަތަކަށް އޮންނަ ހޭލުންތެރިކަން އިތުރުވެ، ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ މިންވަރު އިތުރު ވެގެންދާކަމަށެވެ.

އޭގެ އިތުރުން، ނަފްސާނީ ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އެހީތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި ޑރ އިންގްރިޑް އިތުރަށް ވިދާޅުވީ، ރާއްޖެއިން ކުރާ މަސައްކަތްތަކަށް ވާރލްޑް ފެޑެރޭޝަން އޮފް މެންޓަލް ހެލްތުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ޑަބްލިއު.އެފް.އެމް.އެޗް ގެ ކުރީގެ ރައީސް ޑރ ގެބްރިއެލް އިބިޖާރޯ ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށް ޑރ ނާޒާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެ މަސައްކަތުގައި ދެމިހުންނާނެ ކަމަށެވެ.

Advertisement

ވާރލްޑް މެންޓަލް ހެލްތު ޑޭ ފާހަގަ ކުރުމަށްޓަކައި އައްޑޫ ސިޓީއަށް ޢަމާޒުކޮށް ޑރ ނާޒް ވަނީ މެންޓަލް ހެލްތު ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ހަފުތާއަކަށް ދިގު ދެމިގެންދިޔަ މި ކޭމްޕުގައި އައްޑޫ ސިޓީގެ ބެލެނިވެރިންނާއި، މުދައްރިސުންގެ އިތުރުން ދަރިވަރުންނާއި ފުލުސް އޮފިސަރުންވެސް ބައިވެރިވެފައިވެއެވެ.

ނަފްސާނީ ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީވުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭއިރު، ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ ގޮތް މި ސަރުކާރުން ވަނީ ހަމަޖައްސަވާދީފައެވެ.

އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނެ އެއް ކަމަކީ ދިވެހި ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުން ކަމަށާއި، އެކަމަށްޓަކައި ދައުލަތުގެ ސިއްޙީ ނިޒާމަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް