Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 17:42
ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ
ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ
ރާއްޖެއެމްވީ
ރާއްޖެ އިސްލާމްވި ދުވަސް
ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމަކީ ވަރަށް ނުރައްކާތެރި ފިކުރެއް: ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ
މިނިވަން ވިސްނުމުގެ ނަމުގައި ރާއްޖެއިން މި ފެނިގެން ދަނީ ލިބަރަލިޒަމެއް ނޫން
މިނިވަން ޚިޔާލުވެސް ހައްދުފަހަނައަޅައިގެން ދާނަމަ އެއީ މައްސަލައެއް ކަމަށް ވިދާޅުވި
މެދުމިނުގެ އަސާސެއްގެ މަތީގައި އަޤީދާ ބިނާ ކުރުމަށް ގޮވާލެއްވި

ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމަކީ ވަރަށް ނުރައްކާތެރި ފިކުރެއް ކަމަށް ދީނީ ޢިލްމުވެރިޔާ، ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ހޮނިހިރު ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޑރ ޒަކަރިއްޔާ ވިދާޅުވީ، ދީނީ ގޮތުން މިނިވަން ވިސްނުމުގެ ނަމުގައި ރާއްޖެއިން މި ފެނިގެން ދަނީ މިނިވަން ވިސްނުން ނުވަތަ "ލިބަރަލިޒަމް" ގެ ފަލްސަފާއާއިވެސް މުޅިން ޚިލާފު ކަމެއް ކަމަށެވެ.

Advertisement

އެގޮތުން ލިބަރަލިޒަމްގެ އަސާސްގައިވެސް ދުނިޔޭގެ ގިނަ ޤައުމުތަކުން ޤަބޫލުކޮށް އިހުތިރާމްކުރާ ކަންކަމަށް ކަމޭހިތާ ކަމަށާއި، އިސްލާމް ދީނަށް މަލާމާތް ރައްދުވާނެފަދަ ބަހެއް ނުބުނާނެ ކަަމަށް ޑރ ޒަކަރިއްޔާ ވިދާޅުވިއެވެ.

ލިބަރަލިޒަމޭ މިކިޔާ މިނިވަން ފަލްސަފާއަކީވެސް ތިބޭފުޅުން އޭގެތެރެއަށް ރަނގަޅަށް ފީނާލައްވައިފިނަމަ އެނގިވަޑައިގަންނަވާނެ އެ ފިކުރު އުފެދިގެން އައި އިރުގައިވެސް އެ ފިކުރަކީ އެއްވެސް އިމެއް މިނެއް ނެތި ހިތުހުރި ގޮތަކަށް ބޭނުންވަރަކަށް އެއްވެސް ކަހަލަ ޙައްދެއް ނެތި މިނިވަންކަމެއް ދީފައި އޮތް ފަލްސަފާއެއް ނޫން، ފިކުރެއް ނޫން، ވަކިން ޚާއްޞަ ގޮތެއްގައި ދުނިޔޭގެ ތަފާތު ޤައުމުތަކުގެ މީހުން އިޙުތިރާމްކުރާ އެކަންކަމަށް ޤަދަރުކުރާ އެކަންކަމަށް ކަމޭހިތާ ކަންތައްތަކަށް މި ލިބަރަލް ފިކުރުގެ މީހުންވެސް އޭގެ އަޞްލު މީހުން އެކަމުގެ ހަޤީޤަތް ރަނގަޅަށް ދަންނަ މީހުން އެއްވެސް ޙާލެއްގައި މަލާމާތުގެ ބަހެއް އަދި އެހެން މީހުންނަށް އެކަމުގެ ސަބަބުން ހިތްދަތިކަމެއް ގެނުވާ ޒާތުގެ ބަހެއް ނުބުނާނެ، އެހެންވީމާ އަޅުގަނޑުމެންގެ ރާއްޖޭގައި މިފަހަކަށް އައިސް މި ފެންނަ ބައެއް މަންޒަރުތައް ހަމަ ޔަޤީނުންވެސް ލިބަރަލިޒަމްގެ ނަމުގައިވެސް އަދި މިނިވަން ވިސްނުމެއްގެ ނަމުގައިވެސް މީ މި ފިކުރު މި ފަލްސަފާ އުފެދުނު ހިސާބުންވެސް އެއްގޮތަކަށްވެސް ފާހަގަކުރެވިފައި އޮތް ކަމެއް ނޫން،
ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ

ޑރ ޒަކަރިއްޔާ އިތުރަށް ވިދާޅުވީ، މިނިވަން ހިޔާލުވެސް ހައްދުފަހަނައަޅައިގެން ދާނަމަ އެއީ މައްސަލައެއް ކަމަށާއި، ދީނުގެ ނަމުގައި ހައްދުފަހަނައަޅައިގެން ދިއުމަކީވެސް ނުރައްކާތެރި ފިކުރެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދީނުގެ ޞައްޙަ ޢަޤީދާއާއި މަޢުލޫމާތު އަދި ސުންނަތާއި ޤުރުއާނުގެ މަފްހޫމު އޮޅިގެންދާކަމަށްވެސް ޑރ ވިދާޅުވިއެވެ.

މާނައަކީ މި ދެންނެވި މިނިވަން ޚިޔާލުގެ މީހުންވެސް ހައްދުފަހަނަ އަޅައިގެން ދާކަމަށްވާނަމަ އެއީ މައްސަލައެކޭ، ހަމަ އެހެންމެ މީގެ އަނެއް ކޮޅަށް އަޅުގަނޑުމެންގެ ދީނުގެ ތެރެއަށް ހައްދުފަހަނައަޅައިގެން ދިއުމަކީވެސް އެއީ ވަރަށް ނުރައްކާތެރި ފިކުރެއް، އެ ފިކުރުގެ ތެރެއިން އަޅުގަނޑުމެންގެ ދީނުގެ ޞައްޙަ ޢަޤީދާއާއި ޞައްޙަ މަޢުލޫމާތު އަދި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާ ޞައްޙަ ގޮތް ނޫން އެހެން ގޮތްތަކެއް ބަޔާންކޮށްދެމުންދާނަމަ ދީނުގެ ނަމުގައި އަދި ޤުރުއާނުގެ މަފްހޫމު މުޅިން ނުބައިކޮށް ބަޔާންކޮށްދެމުންދާނަމަ އަޅުގަނޑުމެންނަށް ދެންނެވޭނީ އެކަންކަމުގެ ތެރެއިން އެ އުފެދިގެން ދަނީ ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުމުގެ ފިކުރޭ،
ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ
އިސްލާމިކް މިނިސްޓްރީން ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން

އޭގެ އިތުރުން، މި ދެ ފިކުރާމެދު ފުންކޮށް ވިސްނައި، އަޤީދާ ސާބިތުކުރަން މިއަދު ޖެހިފައިވާ ކަމަށާއި، އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް މެދުމިނުގެ ޢަސާސެއްގެ މަތީގައި އަޤީދާ ބިނާ ކުރުމަށްވެސް ޑރ ޒަކަރިއްޔާ ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް