ހޮނިހިރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސްއިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހައްޔަރުކޮށްފިއެވެ.
ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ،ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމާ ގުޅިގެން އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.
މެމްބަރު ޝިޔާމްގެ އިތުރުންހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި އެ ކޯލިޝަންގެ ކައުންސިލް މެމްބަރުން ކަމަށްވާ މުހައްމަދު ލަތީފް އާއި އިބްރާހިމް ފައިސަލް އަދި އަބްދުﷲ މުހައްމަދު ވެސް ހައްޔަރުކޮށްފައިވެއެވެ.
އިދިކޮޅު ކޮންގްރެސް އިން މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައި ވަނީ އެކަން ކުށްވެރިކޮށް، އެބޭފުޅުން ދޫކޮށްލުމަށް ގޮވާލާފައެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ފާސްކޮށްފައިވާ ގަރާރާއި އެއްގޮތްވާގޮތުގެ މަތިން ރައީސް ޔާމީން ދޫކޮށްލަންދެން އެ ކޯލިޝަނުން ކުރާ އިހުތިޖާޖުތައް ކުރިއަށް ދާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ހޮނިހިރު ދުވަހު މުޒާހަރާއެއް ބާއްވާފައިވާއިރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ކޮންމެ ރެއަކު ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ސިލްސިލާ މުޒާހަރާ ކުރިއަށްދާނެ ކަމަށް ވިދާޅުވެފައެވެ.