Advertisement
ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 13:25
އައިއެމްއޯގެ ޖެނެރަލް އެސެމްބްލީގައި މިނިސްޓަރ ތަޤުރީރު ކުރައްވަނީ
އައިއެމްއޯގެ ޖެނެރަލް އެސެމްބްލީގައި މިނިސްޓަރ ތަޤުރީރު ކުރައްވަނީ
ޓްރާންސްޕޯޓް މިނިސްޓްރީ
އައިއެމްއޯ
އައިއެމްއޯގައި ދިވެހި ބަހުން ފުރަތަމަ ފަހަރަށް ތަޤުރީރު ކުރެއްވި މިނިސްޓަރަކަށް ނަހުލާ
މިނިސްޓަރ ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މެރިޓައިމް ދާއިރާއަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވާ ކަމަށް

އިންޓަރނެޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ޖެނެރަލް އެސެމްބްލީގައި ފުރަތަމަ ފަހަރަށް ދިވެހި ބަހުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ތަޤުރީރު ކުރައްވައިފިއެވެ.

އައިއެމްއޯ ޢާންމު މަޖިލީހުގައި، ތަޤުރީރު ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މެރިޓައިމް ދާއިރާއަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވާ ކަމަށާއި ދާއިރާއާ ގުޅުން ހުރި ތަންފީޒީ އޮނިގަނޑުތައް ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.

ސަރުކާރުގެ ޢަމާޒަކީ، ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ރައްކާތެރިކަމާއި އެ ދާއިރާގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި ގުޅޭ ޤަވާއިދުތައް އިތުރަށް ހަރުދަނާ ކުރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން 2020 ވަނަ އަހަރުގެ ދުނިޔޭގެ މެރިޓައިމް ދުވަހުގެ ޝިއާރު ކަމުގައިވާ "ސަސްޓެއިނަބަލް ޝިޕިން ފޯ އަ ސަސްޓެއިނަބަލް ޕްލެނެޓް،" އެ ޝިއާރުގެ ދަށުން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަކީ ސްޓެރީޓިޖް އެކްޝަން ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

އިންޓަރނެޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ 31 ވަނަ ޢާންމު ބައްދަލުވުން ކުރިޔަށް ދަނީ ލަންޑަންގައި ހުންނަ އައިއެމްއޯ މައި މަރުކަޒުގައެވެ. ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ އައިއެމްއޯގެ އެންމެ މަތީ ގުނަވަނެވެ. ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވާ މި ބައްދަލުވުމުގައި ކުރިޔަށް ރޭވިފައި ހުރި ޕްރޮގުރާމުތައް ރޭވުމާއި، ބަޖެޓު ފާސްކުރުމާއި، އައިއެމްއޯ ކައުންސިލަށް މެމްބަރުން އިންތިޚާބުކުރުމުގެ ކަންކަން ކުރިޔަށް ގެންދެއެވެ.

ޖުމްލަ 173 މެންބަރު ޤައުމުތަކުގެ މައްޗަށް އެކުލަވާލާފައިވާ އައިއެމްއޯގައި ހިމެނެނީ އދ ގެ މެންބަރު 172 ޤައުމަކާއި، ކުކް އައިލޭންޑްސް އެވެ. އައިއެމްއޯގެ މުޢާހަދާ އެންމެ ފުރަތަމަ ތަޞްދީޤު ކުރީ ލަންޑަނުންނެވެ.

ދިވެހި ރާއްޖެއަކީވެސް އައިއެމްއޯގެ ފުރިހަމަ މެންބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް