ރާއްޖޭގައި އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމްދީނަށް މަލާމާތް ކުރުމުގެ ސަގާފަތެއް ކޮންމެވެސް މިންވަރަކަށް ފެތުރިފައިވުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކާބަފައިން އިސްލާމްދީން ގެނެސްދިނުމުގައި ގިނަގުނަ ގުރުބާނީތަކެއް ވެފައިވާ ކަމަށާއި، މިއަދު އެޒިންމާ ނެގުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އެންމެން އެކުގަ އެންމެ ގުޅިގެން މަސައްކަތްކޮށްގެން މެނުވީ އަންނަން އޮތް ޖީލަށް އިސްލާމް ދީން ފޯރުކޮށްދިނުމުގަ ހުރި ގޮންޖެހުންތަކުން އަރައިގަތުމަކީ ދަތިކަމެއް ކަމަށާއި, އަންނަން އޮތް ޖީލުތަކަށް އިސްލާމް ދީން ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކާ ހުރަސް ތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ފޯރުކޮށްދިނުމުގަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިސްލާމްދީނަށް ކުޑާމީސްކަން ރައްދު ކުރުމަށް ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމަށް ސަގާފަތެއް ކޮންމެވެސް މިންވަރަކަށް ރާއްޖޭގައި ފެތުރިގެން ދިއުން ކަމަށެވެ. އަދި ދީނުގެ ނަމުގައި ދީނުގެ ހައްދު ފަހަނައަޅާފައިވާ ހަރުކަށި އަނިޔާވެރި އަމަލުތަކެއް ހިންގުމަކީ ވެސް ހުރި ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ ދީނުގެ ނަމުގަ ހައްދު ފަހަނައަޅާފައިވާ ހަރުކަށި އަނިޔާވެރި އަމަލުތަކެއް ބަޔަކު މީހުން ހިންގަމުންދިއުމަކީ އިސްލާމްދީނަށް ކުރިމަގަށް އޮތް ބޮޑު ގޮންޖެހުމެއް. އަދި މިނުރައްކަލުން އަރައިގަތުމަށް ދީނާ ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުންނަށް އަދި އިލްމުވެރިންނަށް އިސްކޮށްތިބެ ސަރުކާރަށް އެއްބާރުލުންދީގެން މިގޮންޖެހުންތަކުން އަރައިގަނެ އިސްލާމްދީން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެންމެހައި އިލްތިމާސްކުރަން.އިމްރާން- ހޯމް މިނިސްޓަރު
މިނިސްޓަރު އިމްރާން ވިދާޅުވީ 21 ވަނަ ގަރުނުގައި ބަވަނަ ވެފައިވާ ދުނިޔޭގައި ދިރިއުޅެމުންދާއިރު, ސުލްހަވެރިކަމާ އެކުވެރިކަމާ އެއްބައިވަންތަކަމުގައި ކުރިއަރައިގެންދާ ރިވެތި އާދަތަކުގެ މަތީގަ ގައުމުގެ މުސްތަގުބަލް ބިނާ ކުރުމަށް އިސްލާދީނުގެ ރިވެތި ސިފަތައް ހަރުލެއްވުން ބޭނުންތެރި ކަމަށެވެ. އަދި މިކަމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެވޭނެ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.