Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 12:53
ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ދާނިޝް ނިޡާމް
ހޯރަފުށީ ދާއިރާ
ޝައްކު ނުކުރައްވާ، މި ސަރުކާރުން ހުރިހާ ވައުދުތައް ފުއްދާނެ: ސައްލެ
އުލިގަމަކީ ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ރަށެއްކަން ފާހަގަ ކުރެއްވި
މި ސަރުކާރުން އެންމެ ބޮޑު ސަމާލުކަން ދެއްވި އެއް ރަށެއްގައި ގޮތުގައި އުލިގަމު ވެގެން ދާތަން ފެންނަ ކަމަށް ވިދާޅުވި
އަހަރުގެ ބަޖެޓުގައި ވެސް އުލިގަމުގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ހިމަނާފައި ކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުގެ ރިޔާސީ ކެޕްމޭންގައި ހއ. އުލިގަމަށް ވަޑައިގެން އެރަށުގެ ރައްޔިތުނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވަމުން ގެންދާވަތަން ފެންނަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ ދާއިރާގައި ހިމެނޭ އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އުލިގަމަކީ ވޭތިވެދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ރަށެއް ކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމަށް އައިއިރު އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ އާއި ތައުލީމާއި، ސިއްޚީ ހިދުމަތާއި ކަރަންޓް ގެ ހާލަތު ވަނީ ވަރަށް ދަށު ދަރަޖައެއްގައި ކަން ސަލީމް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރަށުގައި ރަނގަޅު ފެންވަރުގެ ބަނދަރެއް ނެތް ކަމަށާއި ވަޒީފާ ފުރުސަތުތައްވެސް ރަށުގައި ނެތްކަން ސަލީމް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރު ފެންނަމުންދަނީ ރައީސް ސާލިޙުގެ ވެރިކަމުގެ ފުރަތަމަ އަހަރު ތެރޭގައި މިސަރުކާރުން ދިވެހިރާއްޖޭގެ ރަށަކަށް އެންމެ ބޮޑު ސަމާލުކަން ދެއްވި އެއް ރަށެއްގައި ގޮތުގައި އުލިގަމު ވެގެން ދާތަން ކަމަށާއި އެއީ މިއަދު ލިބޭ އެންމެ ބޮޑު އުފާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް އުލިގަމުގައި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ހިމަނާފައި ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ރަށުގެ ބަނދަރު އާކުރެވިގެންދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި އަންނަ ހަފްތާގެ ތެރެގައި ބަނދަރަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭ ގޮތުން މަޝްވްރާކުރުމަށް ކޮންސަލްޓެންޓުން އެރަށަށް ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޯލެވް ނަތީޖާއިން އުލިގަމުގެ ދަރިވަރަކު ހިސާބު މާއްދާއިން ދުނިޔޭގެ އެއްވަނަ ހޯދާފައިވާކަން ފާހަގަ ކުރައްވާ ސަލީމް ވިދާޅުވީ އެރަށު ސްކޫލަށް ޚަރަދުކުރުމަށް ދެވަނަ ވިސްނުމަކަށް ދާން ނުޖެހޭ ކަމަށެވެ.

Advertisement

އެރަށުގެ ސްކޫލަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި 12 ކްލާސްރޫމް އެޅުމުގެ މަސައްކަތް އަންނަ އަހަރު ބެޖޭޓުގައި ހިމަނާފައިވާ ކަމަށާއި އަންނަ އަހަރު އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް ފެށިފައިވާ ކަމަށާއި ފާއިތުވި ހަފްތާގައި އެކަމަށް ބޭނުންވާ ހުރިހާ ހުއްދައެއް ސަރުކަރުން ވަނީ ދީ ނިންމާފައި ކަމަށް ވިދާޅުވިއެވެ. އީއައިއޭ ފާސްވެ މަސައްކަތް ކުރުމުގެ އޯޑަރު އޮތީ ކޮންޓްރެކްޓަރ އަށް ސަރުކާރުން ދީފައި ކަމަށާއި މިހާރު އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އުލިގަމަކީ އިޔާދަކުރަނިވި ހަކަތައިގެ ނަމޫނާ ރަށަކަށް ހެދޭނެ ރަށެއް ކަމަށެވެ. އެރަށަށް ދޫކުރާ ކަރަންޓްގެ 70 އިންސައްތަ ފުރަތަމަވެސް އަންނާނީ އިޔާދަ ކުރަނިވި ހަކަތައިން ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން އުލިގަމުގެ ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ކަމަށްވާ ސިޓީ ހޮޓާ އެޅުމުގެ މަޝްރޫޢު ހުއްޓިފައި އޮންނަތާ ގަތްގަނޑަކަށް 11 އަހަރު ވެއްޖެ ކަމަށާއި ނަމަވެސް މި ސަރުކާރުން މިއަހަރު ނިމުމުގެ ކުރިން އެމަޝްރޫއު ފައްޓަވާނެ ކަމާއި މެދު ކުޑަވެސް ޝައްކެތް ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.

ޚުދު ރައީސް ސާލިހުވެސް ވަރަށް ގިނަ ފޯރަމް ތަކުގައި ސިޓީ ހޮޓާގެ ވާހަކަ ވިދާޅުވެފައިވާ ކަމަށާއި އެކަމުން ދޭހަވަނީ އުލިގަމާއި އަދި އެމަޝްރޫއަށް ދެއްވާ ސަމާލުކަން ކަމަށެވެ.

އެ މަޝްރޫއު އަކީ ސަރުކަރުގެ ޕްރިއޯރިޓީ ލިސްޓުގައި ވަރަށް ކުރީގައި އޮތް މަޝްރޫއެއް. އެ މަޝްރޫޢުވެސް ފެށިގެންދާނެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

އުލިގަމު ރައްޔިތުންނަށް ވަރަށް އުޖާލާ ކުރިމަގެއް ފެންނަ ކަމަށް ވިދާޅުވަމުން ސަލީމް ވަނީ އެ ރަށުގެ ރައްޔިތުން ބަޔަކަށް ބަރޯސާނުވެ އާއިލާއާއި އެކު ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ ވަސީލަތް އޮތް ރަށެއްގެ ގޮތުގައި މި ސަރުކާރުން އުލިގަމު ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް