ކޯޓުން ބޭރުގައި ކުޑަކުދިންގެ ކައިވެނި ކުރުވައި އެކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދޭ މައްސަލަތައް ބަލައި އެކަން ހުއްޓުވުމަށް މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) އިން އެދިއްޖެއެވެ.
އެކަމާ ގުޅޭގޮތުން އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ކޯޓުން ބޭރުގައި "ކައިވެނި ކުރުމުގެ" ނަމުގައި ބައެއް ފަރާތްތަކުން ކުޑަކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާ ތަކެއް ދެމުންދާ ކަމަށާއި، ކުޑަ ކުއްޖަކަށް އުމުރުން އެންމެ 9 އަހަރުން ފެށިގެން، 3 ފަހަރެއްގެ މަތިން ކައިވެނީ ގެ ނަމުގައި އަނިޔާ ލިބި، 13 އަހަރުގައި ވިހެއި ޚަބަރަކީ މުޅި ރާއްޖެ ކަންބޮޑުވި ޚަބަރެއް ކަމަށެވެ.
އެގޮތުން އެފަދަ ކަންކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ހޯދައި ޤާނޫނުގައި ކަނޑައެޅިފައިވާ ހައްގު އަދަބު އެފަރާތްތަކަށް ދިނުމަށާއި، އެފަދ ކަންކަން ހުއްޓުވުމާއި ގުޅޭގޮތުން އަވަސް ފިޔަވަޅު އެޅުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ކޯޓުން ބޭރުގައި ކުޑަ ކުއްޖެއްގެ "ކައިވެނި" ކުރިކަމަށް ބުނާ މައްސަލައެއް ދާދިފަހުން މީޑިއާގައި ފެންމަތިވެފައިވާއިރު، އެފަދަ މައްސަލަތައް ރިޕޯރޓް ކުރުމަށް ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި އެދިފައިވެއެވެ. އެގޮތުން އެފަދަ މައްސަލަތައް އިތުރުވަމުންދާތީ އެކަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާ ކުރަމުންދާ ކަމަށާއި، އެފަދަ މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ހިއްސާކުރެއްވުމަށް ޓްވީޓުގައި އެދިފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 34 ވަނަ މާއްދާއިން ބާރު ލިބި، އާއިލާ އާ ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ކައިވެނި ކުރުމަށް ހުއްދަ ވެގެންވާ އުމުރު ކަނޑައެޅި އަދި އެ މާއްދާގެ "ށ" ގައި އެ އުމުރުން ދަށުގެ ކުއްޖަކު ކައިވެނި ކޮށްދެވޭނީ، އުސޫލުގެ ތެރެއިން ކައިވެނީގެ ރެޖިސްޓްރާއަށް ކަން ބަޔާންކޮށްފައި ވެއެވެ.
ކޯޓުުން ބޭރުގައި، އުމުރުން 13 އަަހަރުގައި "ކައިވެނި" ކޮށްގެން އުޅޭ އަންހެން ކުއްޖާގެ އާއިލާގެ މައުލޫމާތު 2018 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ކުއްޖާ ބަނޑުބޮޑުވި މައްސަލައެއް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. އާދިއްތަ ދުވަހު ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީ ގުޅިގެން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްޤުތަކުން މަހުރޫމް ކޮށްފައިވާކަމުގެ މައުލޫމާތު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި، އޭރުން ފެށިގެން އެ މައްސަލަ ތަހުޤީގުކޮށް ގާތުން ބަލަމުން އަންނަ ކަަމަށެވެ.