ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގގެ ދައުވާގެ މައްސަލައިގެ ހުކުމް އިއްވުން މަޑުޖައްސައިދިނުމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
އެމަނިކުފާނުގެ ވަކީލުންގެ ޓީމުން އެހެން އެދިފައިވަނީ އެ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗު އެކުލަވާލުމުގައި ޤާނޫނާއި ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަން ފާހަގަކޮށް، ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާތީކަމަށް ވަނީ ބުނެފައެވެ.
މައްސަލަ ބައްލަވާ ގާޒީންގެ ބެންޗު އެކުލަވާލުމުގައި ޤާނޫނާއި ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަން ފާހަގަކޮށް ބުރާސްފަތި ދުވަހު ވަކީލުންގެ ޓީމުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅާފައެވެ. އެގޮތަށް މައްސަލަ ހުށައަޅާފައިވާއިރު، ރައީސް ޔާމީންގެ ވަކީލު ވިދާޅުވެފައިވަނީ، މި މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ އިސްގާޒީ އަލީ ރަޝީދު މި މައްސަލައާ ގުޅޭގޮތުން، މީޑިއާގައި ވާހަކަ ދައްކަވާފައި ކަމަށާއި އެއީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.
އެހެންކަމުން ގާޒީ އަލީ ރަޝީދުއާމެދު އިތުބާރު ގެއްލިފައިވާ ކަމަށާއި އަދި ގާޒީންގެ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނެވުމަކީ އިންސާފުވެރި ޝަރީއަތެއް ރައީސް ޔާމީންއަށް ލިބުމަށް އޮތް ހުރަހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ގާޒީ އަލީ ރަޝީދު މި މައްސަލައިން ތަނާޒުލްވެވަޑައިގެންނެވުމަށް ރައީސް ޔާމީންގެ ފަރާތުން އެދިލައްވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.