ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްސަލަ ބަލާ ބެންޗުގައި ގާޒީ އަލީ ރަޝީދަށް އިނދެވޭނެ ކަމަށް ޤަބޫލު ނުކުރާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު ބާއްވަން ތާވަލްކޮށްފައި ވުމާއެކު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހުރި ކަންބޮޑުވުންތައް މީޑިއާތަކަށް ހާމަކުރުމަށް ޕީޕީއެމްގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތީ ޔާމީނުގެ މައްސަލަ ބަލާ ބެންޗުގައި އަލީ ރަޝީދު އިންނަ އިނުން ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އެންމެފަހު ވަގުތުގައި ވެސް އަލީ ރަޝީދު އެ ބެންޗުން ނަންގަވައި ދެއްވާ އެހެން ބޭފުޅެއް ބެންޗަށް އައްޔަން ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑު ކުރުމާއި ގުޅިގެން ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެ ހުންނެވީ ގާޒީ އަލީ ރަޝީދެވެ. ޔާމީނުގެ މައްސަލަ ބަލައި ބެންޗުގައި އިންނަވައި ގާޒީ އަލީ ރަޝީދު ރާއްޖެ އެމްވީއަށް އިންޓަވިއު ދެއްވުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަލީ ރަޝީދަށް ސުވާލުކުރީ ރާއްޖެ ޓީވީން ކަމަށް މައުލޫމާތު ލިބިފަ އޮތީ، ސުވާލުކުރީ ހައިލަމް ވިދާޅުވާ ވިދާޅުވުން އެއީ ރަނގަޅު ވިދާޅުވުމެއްތޯ. ހައިލަމް ވިދާޅުވެފަ އޮންނަނީ ސަރުކާރުން ރައީސް ޔާމީންގެ މައްސަލަ ވަކި ގޮތަކަށް ނިންމިކަން އަލީ ރަޝީދަށް ވެސް އެނގިވަޑައިގަންނަވާނޭ އަދި އަލީ ރަޝީދަށް ވެސް އޮތް ގޮތަކީ ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރުމޭ. އެހެން ނޫނީ އަލީ ރަޝީދަށް ވެސް ތިމަންނައަށް މިޖެހުނު ހާލު ޖެހޭނޭ. އެކަމާއި ގުޅިގެން ސުވާލު ކުރީމަ އެކަމުގަ އަލީ ރަޝީދު ދެކިވަޑައިގަންނަވާ ގޮތް ވިދާޅުވުދެއްވުން އެއީ އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި އިންޓަވިއު ދެއްވުން. ނޫނީ މީޑިއާގައި ވާހަކަދެއްކުންޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ފަނޑިޔާރުންގެ ގާނޫނުގައި ބުނަނީ ހިނގަމުންދާ މައްސަލައަކާއި ނުވަތަ ކޯޓުގައި ހިނގާ ކަމަކާއި ބެހޭގޮތުން ފަނޑިޔާރަކު މީޑިއާގެ ވަސީލަތެއް ބޭނުން ކޮށްގެން ވެސް މައުލޫމާތު އާންމުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެކަން ކުރައްވާނީ ކޯޓުތަކުން އެކަން ކުރުމަށް ކަނޑައަޅާފައިވާ އޮފިސަރުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެން އޮއްވާ އަލީ ރަޝީދު މިގޮތަށް ކަންތައް ކުރީމަ ފަނޑިޔާރުންގެ ގާނޫނާ ހިލާފުވެވަޑައިގަތީ. އެއީ ސުލޫކީ މައްސަލައެއް. އެ މައްސަލަ ވަނީ ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ޖޭއެސްސީ އަށް ހުށަހަޅާފައި. އަދި ކްރިމިނަލް ކޯޓުގެ އިތުރުން ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައި.ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
އޭނާ ވިދާޅުވީ، އެ މައްސަލަ ހުރިހާ ކޯޓުތަކަށް ހުށަހަޅާފައިވާއިރު ވެސް އެކަމަށް ހައްލެއް ނުގެނެސް މައްސަލަ ނިމުމަކާއި ހަމަޔަށް ދާއިރު އޮތުން އެއީ ޕީޕީއެމް/ޕީއެންސީން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މީގެ ދެދުވަސް ކުރިން އަލީ ރަޝީދަށް ބައްދަލުކުރަން ދިޔަ ކަމަށާއި އެހެން ނަމަވެސް މައްސަލަ ކޯޓުގައި އޮއްވައި އެ މައްސަލަ ބައްލަވައި ފަނޑިޔާރަކާއި ބައްދަލުނުކުރެވޭ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ބުދަ ދުވަހު ޖޭއެސްސީގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް އަށް ބައްދަލުކުރައްވާ ކަންބޮޑުވުން ފާޅުކުރެއްވިކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، މިވަގުތާއި ހަމަޔަށް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.