Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 10:18
ބަޖެޓު 2020
ބަޖެޓު 2020
ޔޫސުފް ސޮފްވާން ރަޝީދު
ބަޖެޓޫ 2020
ބަޖެޓުގެ ފަހު ބަހުސް ހޯމަ ދުވަހު ފަށަނީ
މަޖިލީހަށް ބަޖެޓް ހުށައަޅަފައިވަނީ މި މަހުގެ 4 ވަނަ ދުވަހު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ފަހު ބަހުސް، ނުވަތަ 2020 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ދިރާސާކުރަން އެކުލަވާލި ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގެ ބަހުސް ހޯމަ ދުވަހު ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ބައްދަލުވުމުގައި، މަޖިލީހުން ކުރަން ހުރި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދަން ޖެހޭތީ، ބަޖެޓުގެ ފަހު ބަހުސްތައް ހޯމަ ދުވަހު ފަށަން ނިންމަވާފައިވާކަމަށެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ މެމްބަރުންނަށް މިހާރު ބަޖެޓު ފޮނުވާފައިވާކަމަށާއި، ބަޖެޓަށް އިސްލާހު ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވާކަމަށެވެ. އަދި ހޯމަ ދުވަހު ބަހުސްގައި ކޮންމެ މެމްބަރަކަށް ބަހުސް ކުރުމަށް 7 މިނެޓުގެ ފުރުސަތު އެރުވުމަށް ފަހު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޖެޓާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން ޖެހޭ. ބަޖެޓުގެ ފަހު ބަހުސްތައް ފެށޭނީ ހޯމަ ދުވަހު. މިހާރު ބަޖެޓު މިވަނީ މެމްބަރުންނަށް ފޮނުވިފަ. މެމްބަރުންނަށް މިހާރު ބަޖެޓަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލެވިފަ. އެއަށް ފަހު ހޯމަ ދުވަހު ކޮންމެ މެމްބަރަކަށް 7 މިނެޓުގެ ފުރުސަތު އެރުވުމަށް ފަހުގައި ބަޖެޓަށް ވޯޓަށް އެހޭނެ.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމެޓީން ފާސްކޮށްފައިވާއިރު ރައީސް ނަޝީދު ވިދާޅުވީ އެއީ މެމްބަރުން ވިސްނަވަން ޖެހޭނެ ކަމެއްކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ބޮޑުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅުއްވާފައި އޮތް މިންވަރަށް ވުރެ ޑެފިސިޓް މިންވަރު ބޮޑުވާގޮތަކަށް މަޖިލީހުން ބަޖެޓަށް އިތުރުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ބަޖެޓުގެ ހިންގަން ހުރި ޚަރަދު އެއްތަނުން އަނެއްތަނަށް ބަދަލުކުރުން އެއީ މެމްބަރުންގެ މަޝްވަރާއާއި އެކުގައި ކުރުން ރަނގަޅުކަމެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑެފިސިޓް ބޮޑުވާގޮތަށް ބަޖެޓަށް އިސްލާޙު ގެނައުމަކީ ބަޖެޓު ހިންގުމަށް ދަތިވެގެން ހިނގައިދާނެ މައްސަލައެއް ކަމަށެވެ.

އަޅުގަނޑުއަށް ފާހަގަވޭ ދެ މައްސަލައެއް ހިންގުމަށް ދަތިވާ، އެއް މައްސަލައަކީ ލާމަރުކަޒީ ގާނޫނަށް ގެނެވޭ ބަދަލާއި އެކީގައި އެ ގެނެވޭ ބަދަލުން ނުކުންނާނޭ ނަތީޖާ ރަނގަޅަށް ސާފުކޮށް ބަޖެޓުގައި ސާފުވެފައި އޮތުން.
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރެއްވުމަށް މެމްބަރުން ހޭދަކުރައްވާފައިވަނީ ޖުމްލަ 16 ގަޑިއިރުއާ 54 މިނެޓެވެ. ބަޖެޓަށް ބަހުސް ކުރައްވާފައިވަނީ 76 މެމްބަރުންނެވެ. ކޮންމެ މެމްބަރަކަށް 15 މިނެޓްގެ މަގުން ބަޖެޓް ބަހުސަށް ކަނޑައަޅާފައިވަނީ 21 ގަޑިއިރުއެވެ.

ކޮމެޓީ ރިޕޯޓުގެ ބަހުސް ނިމުމުން ބަޖެޓަށް ވޯޓަށް އެހޭއިރު ރައީސް ނަޝީދު ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން ބަޖެޓު ފާސްކުރަންޖެހޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ 37.5 ބިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށައަޅާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް