Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 23:37
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް
ރާއްޖެއެމްވީ
އިލެކްޝަންސް ކަމިޝަން
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާގޮތް ބަދަލު ކުރުމަށް ދަނީ ވިސްނަމުން: އީސީ
ހުށަހެޅޭ އިސްލާގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ގިންތިއަކަށް ބަލާފައި ކަމަށް ވިދާޅުވި

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާގޮތް ބަދަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވިސްނަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެވޭ އިސްލާހުގެ ދަށުން ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރާ ގޮތް ބަދަލުކުރުމަށް، އެ އިސްލާހު ބަންޑާރަ ނައިބް އޮފީހަށް ފޮނުވާނެ ކަމަށެވެ.

ހުށަހެޅޭ އިސްލާހުގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ތިން ގިންތިއަކަށް ބަލާފައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

މި އިސްލާހުގައި ފައިސާ ދޭ އުސޫލަށް ބަލާއިރު އެންމެ ބޮޑު ޕަސެންޓެއް އޮންނަނީ ސިޔާސި ގޮތުން ޕާޓީ ހަރަކާތްތެރިވާ މިންވަރަށް ބެލުމަށްފަހު ފައިސާ ދިނުމަށް ކަމަށެވެ. އެ މިންގަޑުގެ ގޮތުގައި ބަލަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީތަކުން ބައިވެރިވެ އެޕާޓީން ހޯދާ ވޯޓުގެ ނިސްބަތް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ފައިސާ ދޫކުރަނީ ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާގެ ތެރެއިން ޕާޓީ ހިންގުމަށް ދޫކުރާ ވަކި ޕަސެންޓެއް ކަމަށް އަކްރަމް ވިދާޅުވިއެވެ. ތިންވަނަ އިސްލާހަކީ މިހާރުވެސް އޮންނަ އުސޫލުން 10000 މެމްބަރުންނަށް ވުރެ މަތީގެ ޕާޓީތަކަށް މެމްބަރޝިޕަށް ބަލާފައިދޭ ފައިސާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

Advertisement

އަކްރަމް އިތުރަށް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ކުއާޓަރގައި އިލެކްޝަންސް ކޮމިޝަނުން ފައިސާ ނުދޭކަމަށް ބުނާ އަޑު އިވޭ ކަމަށެވެ.

އެ ފައިސާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ނުދެވޭ ސަބަބުތަކުގެ ތެރޭގައި އަކްރަމް ފާހަގަ ކުރައްވާފައިވާ މިހާރު ޤާނޫނުގައި އޮންނަ ގޮތުން ފައިސާ ދޭން ވާނީ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހެޅުމުން ކަމަށާއި ނަމަވެސް ގިނަ ޕާޓީތަކަށް އެ ރިޕޯޓް ހުށަހެޅެނީ އެންމެ ފަހު ދުވަހު ކަން އަކްރަމް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ތިން މަސް ދުވަސް ތެރޭގައި ފައިސާ ދެވޭނެ ގޮތަކާއި މެދު އަކްރަމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ޤާނޫނަށް ބަދަލު އައުމުން މިކަހަލަ ފުށޫއެރުންތައް ބަދަލުވެގެންދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެބޭފުޅުން ގަސްތުކުރަމުންދަނީ ހަމައެކަނި މެމްބަރޝިޕަށް ފައިސާ ދިނުން ހުއްޓާލުން ކަމަށާއި ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ގިނަ ގައުމު ތަކަކީ ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ ގައުމުތަކެއް ވެސް ނޫން ކަމަށެވެ.

ފައިސާ ދޭ މަދު ގައުމު ތަކުގައި ވެސް އެ ފައިސާ ދެނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ މިންވަރަށް ބަލާފައި ކަމަށެވެ. އެ އޮޑިޓް ރިޕޯޓް އޮޑިޓް އޮފީހަށް ހުށަހެޅުމަށް ފަހުގައި އޮޑިޓް އޮފީހުންދޭ ރައުޔަކަށް ފައިސާ ދިނުމުގެ ކުރިން ބައްލަވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އަހަރީ ރިޕޯޓް އައުމުން އެ ޕާޓީއެއް ހަރަކާތްތެރިވެފައިވާ މިންވަރު ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް