Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 23:36
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޑރ އަފްރާޝީމްގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު ނޭޅޭނެ ކަމަށް މެމްބަރުން ގަބޫލުފުޅެއްނުކުރައްވާ
ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރުން ވަނީ ފުލުހުންނާއި މަރުތައް ބަލާ ކޮމިޝަނަށް ގާނޫނީގޮތުން މައްސަލަތައް ބެލުމުގެ ބާރު ލިބިދީފައިވާ ކަމަށް
ޤާނޫނީ ބާރު ލިބިދީފައިވާއިރު ރިޕޯޓްގެ މައްޗަށް ބިނާކޮށް ދައުވާ ނުކުރެވި ފިޔަވަޅު ނޭޅެންވީ ސަބަބަކީ ކޮބައިތޯ މެމްބަރުން ސުވާލުކުރެއްވި

އަންގާރަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަަށް ހޯމް މިނިސްޓަރ އައްޝެއިހް އިމްރާން އަބްދުﷲ ހާޒިރުކުރެއްވުމުން މެމްބަރުންވަނީ މިފަހުން މަރުކޮމިޝަނުން ނެރެފައިވާ ޑރ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ރިޕޯޓާއި ރިޟްވާންގެ ރިޕޯޓާއި ގުޅޭގޮތުން ފިޔަވަޅު ނާޅާ ލަސްވަމުންދާ ދިޔުމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޑރ އަފްރާޝީމްގެ މަރުގެ ރިޕޯޓް ނެރުމާއެކު ފުލުހުންގެ އިސްވެރިންނާއި ކޮމިޝަނާއި ޕީޖީ އޮފީހުގެ ބޭފުޅުންނާ އަމިއްލަފުޅަށް ބައްދަލުކުރައްވާ އެރިޕޯޓުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އެޅޭނެ އަދި ހައްޔަރުކުރެވޭނެ އެއްވެސް މީހަކު ހުރިތޯ ސާފުކުރެއްވި ކަމަށެވެ. ނަމަވެސް ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު ކުރުމުގެ އަމުރެއް އަދި މީހެއްގެ މައްޗަށް ދައުވާކުރުމުގެ ޖާގައެއް ނެތްކަމަށް އެކޮމިޝަނުން ބުނެފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި އެވެ. އިމްރާން ދެއްވި ޖަވާބަކީ މަޖިލީހުގެ މެމްބަރުންނަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭވަރުގެ ކަމެއް ނޫނެވެ.

Advertisement

މެމްބަރުން އެކަމާގުޅޭގޮތުން ވާހަކަދެއްކެވީ މަރު ކޮމިޝަނުން ފޮނުއްވާފައިވާ ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާ ކުރުމަށްފަހު ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. ރިޕޯޓަށް ބަހުސް ކުރައްވަމުން މެމްބަރުން ވަނީ ފުލުހުންނާއި މަރުތައް ބަލާ ކޮމިޝަނަށް ގާނޫނީގޮތުން މައްސަލަތައް ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލީހުން ދީފައިވާއިރު ކޮމިޝަންގެ ރިޕޯޓްގެ މައްޗަށް ބިނާކޮށް ދައުވާ ނުކުރެވި ފިޔަވަޅު ނޭޅެންވީ ސަބަބަކީ ކޮބައިތޯ ސުވާލުކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރިޕޯޓަށް ބަހުސްކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ އަދި އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފު ވިދާޅުވީ ކޮމިޝަނަށް ދެން އިތުރަށް ކުރެވޭނެ ކަމެއްނެތްކަމަށް ކޮމިޝަނުން ބުނެފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވި ވިދާޅުވުމަކީ އެއްގޮތަކަށްވެސް ގަބޫލުފުޅު ކުރެއްވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިމައްސަލާގައި ފެނިގެންދަނީ ކޮންމެ ބަޔަކުވެސް އެބައަކަށް އެކަން ނުކުރެވޭނެ ކަމަށްބުނެ އެޒިންމާއިން ރެކެން މަސައްކަތް ކުރާތަން ކަމަށް ހަސަން ލަތީފު ވިދާޅުވި އެެވެ.

ޙަޤީޤަތުގައި ދަ އުލަތުގެ ހުރިހާ މުއައްސަސާއެއްގެ ވަޅީގައި ވެސް ތުނޑު އެބަހުރި. މި ކަންކަން ކުރެވެން އެބަހުރި. ފުލުހުންގެ މުއައްސަސާއަށް ވެސް މިކަން ކުރެވެން އެބަހުރި. އިއްޒަތްތެރި ރައީސް. ކޮމިޝަންގެ ރިޕޯޓުގެ 21.8 ގައި އެ އޮތީ ފާހަގަކޮށްފައި ސާފުކޮށް، ހަނގުރާމައަށް މީހުން ތަމްރީނުކޮށް، ރެކްރޫޓުކޮށް، ހަނގުރާމައަށް މީހުން ފޮނުވާ ޖަމާޢަތެއް ދިވެހިރާއްޖޭ ގައި ހަރަކާތްތެރިވާކަން އެނގޭ ކަމަށް ކޮމިޝަނަށް. އިއްޒަތްތެރި ރައީސް. ހަމަ އެއާ ޖެހިގެން އޮތް ނުކުތާގައި 22.8 ގައި އެ އޮތީ، އެ ޖަމާޢަތުން ޑރ. އަފްރާޝީމް ކިޑްނެޕްކޮށް، ޖިސްމާނީ ގޮތުން އަނިޔާކުރަން ރާވާފައިވާކަމުގެ މަޢުލޫމާތު ކޮމިޝަނަށް ލިބިފައިވާ ކަމަށް. އިއްޒަތްތެރި ރައީސް. މިހިރަ މަޢުލޫމާތަކީ އޭގެ މައްޗަށް ދަޢުވާއެއް ނުކުރެވެންޏާ ކޮން މަޢުލޫމާތެއްތޯ އަޅުގަނޑުގެ ސުވާލަކީ. ހަމަ އެއާއެކީގައި އިތުރަށް ތަޙުޤީޤުކުރަންޏާ ފުލުހުންގެ މުއައްސަސާއަށް އެ ބާރު ނުލިބެނީތޯއޭ ؟ ފުލުހުންގެ ގާނޫނުން ވެސް ލިބިދޭ މިކަހަލަ މަޢުލޫމާތެއް ލިބުނީމާ ތަޙުޤީޤުކުރުމުގެ ބާރު.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު

މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްގެ ވާހަކަފުޅުގައި ވަނީ ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ދީފައިވާ ޤާނޫނުގެ ބާރުގެ ބޭނުން އެކޮމިޝަނުން ރިޕޯޓްތައް އެކުލަވާލާއިރު ހިފަނީ ކިހާވަރަކަށްތޯ ސުވާލު އުފައްދަވާފަ އެވެ. މީހުން ހިފާހައްޔަރުކޮށް ޕްރޮސެކިޔުޓަރ ޖެނެރަލަށް ދައުވާ ކުރުމަށް ފޮނުވުމުގެ ބާރު ކޮމިޝަނަށް ލިބިދޭއިރު އެކަން ކުރަންޖެހޭ މިންވަރަށް ކުރިނަމަ ޕްރޮސެކިޔުޓަރ ޖެނެރަލަށް ދައުވާކުރަން ފޮނެވޭވަރުގެ ކުޑަވެސް ހެއްކެއް ނެތްކަމަށް މިނިސްޓަރ އިމްރާނަށް ވިދާޅުނުވެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ތަޙުޤީޤުކުރީމަ ތިމަންނަމެންނަށް ނެތޭ ޝަރީޢަތަށް ފޮނުވޭ ވަރަށް ހެކިތަކާ އެއްޗެހި. ބަލާކަށްނުޖެހޭ. އެއް ބެލުމެއް ނޫން މީގައި މުހިންމީ. ފުރަތަމަ މުހިންމު ކަމަކީ، ފަނޑިޔާރުގެއާ ހިސާބަށް މިމައްސަލަ ފޮނުވުން. ފޮނުވައިގެން މި ކަންކަން އޮތް ގޮތެއް ބެލުން. އިއްޒަތްތެރި ރައީސް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރިޕޯޓުގައި ހުށަހެޅިފައިވާ ކަންކަން އަޅުގަނޑުމެން މި މަޖިލީހުން ބެލުން ވަރަށް ވެސް މުހިންމު. އަޅުގަނޑުމެންނަށް އެބަ އިނގޭ، ބައެއް މުއައްސަސާތައް؛ މިނިވަން މުއައްސަސާތައް؛ އަޅުގަނޑުމެން ބާރުދީފައިވާ ބައެއް މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭކަން އެހެންވީމާ، އަޅުގަނޑުމެންގެ ޒިންމާއެއް އެމުއައްސަސާތައް ޒިންމާދާރު ކުރުވުމަކީ.
މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް
މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް

ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ފުލުހުން ބޭނުންވާ ގާނޫނީ ބާރުތައް މަޖިލިސް ޗުއްޓީގައި އޮވެގެންވެސް ދީފައިވާކަމަށެވެ. އޭރު ފުލުހުން ވިދާޅުވަމުން ގެންދެވީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ އެތައް ބަޔަކު މުޖުތަމަޢުގައި އުޅޭ ކަމަށާއި އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގޭނީ ޤާނޫނީ ބާރުލިބިގެން ކަމަށް އޭރު ފުލުހުން ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް މިއަދު އެބާރުތައް ލިބި އެފުރުސަތު ލިބިފައިވާއިރު އެކަން ފުލުހުން ނުކުރައްވާ ކަމަށް މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.

އަދިވެސް އަޅުގަނޑުމެން ކުރިމަތީގައި މިހިރީ ސުވާލުތަކެއް. މި ސުވާލުތަކަށް ޖަވާބުދެއްވަން ތިއްބެވި ބޭފުޅުން، އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާނުކުރައްވަނީ ކީއްވެތޯ؟ އެއީ މިއަދު އަޅުގަނޑު ހިތުގައި އުފެދޭ ސުވާލަކީ. ގާނޫނީ ގޮތުން ކޮން ބާރެއް ނުލިބިގެންތޯ އެބޭފުޅުން ފަހަތަށް ޖެހިވަޑައިގަންނަވަނީ؟ ނޫންނަމަ ކޮންސަބަބެއް އޮ ތީމަތޯ؟ އަދި މިފަދަ ކިތައް ހާދިސާ މި ޤައުމުގައި ހިނގައިދިޔައިމަތޯ ގާނޫނީ ގޮތުން ޒިންމާވެ ވަޑައިގަންނަވަންޖެހޭ ފަރާތްތަކުން ޒިންމާވެވަޑައިގަންނަވާނީ ، ޒިންމާ އުފުއްލަވާނީ؟ އަޅުގަނޑު ވަރަށް ކަންބޮޑުވޭ. މިކަން ދިގުލައި މިހެން ދާތީ ވަރަށް ކަންބޮޑުވޭ. އަޅުގަނޑު އެދެނީ ވީހާވެސް އަވަހަށް ފުލުހުންގެ މުއައްސަސާއިން މިކަން ފުރިހަމައަށް ތަޙުޤީޤުކުރައްވައި ، 241 ކޮމިޓީން މި ހޯއްދަވާފައިވާ ހޯއްދެވުންތަކުގެ މައްޗަށް އިތުރަށް ތަޙުޤީޤު ހިންގަވައި، މިކަމުގައި ޝާމިލުވާ ހުރިހާ ބޭފުޅުން ހައްޔަރުކުރައްވައިގެން ހަމަ މި ޝަރީޢަތް އިންސާފުވެރިކަމާއެކީ ގެންދަވައި، ޑރ. އަފްރާޝިމް ޢަލީގެ ޢާއިލާއަށް އިންސާފު ހޯއްދަވައިދެއްވުން.
ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު
ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރ މުހައްމަދު އަބްދުﷲ ޝަފީގު

މިރިޕޯޓަށް މެމްބަރުން ބަހުސްކުރައްވާ ނިންމެވުމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގާނޫނީ ވަކީލުން ގާނޫނީ ހަމަތަކުގެ މަތިން ރިޕޯޓްގައިވާ މައުލޫމާތަށް ބަލައި ދައުވާ ކުރެވެން އޮތްކަން ސާފުކޮށް ބަޔާންކުރާ ކަމަށެވެ. އަދި މަޖިލީހަށް ފެންނަ ފެނުމުގައި މިއީ ދައުވާ ކުރެވެން ނެތިގެން ދައުވާނުކޮށް ތިބޭތިބުމެއް ކަަމަށް ބަލައެއް ނުގަނެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް