ކ. ދޫނިދޫގައި ހުރި ބައެއް ޖަލުތައް ތަޅާލުމުގެ މަސައްކަތް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޙް އިމްރާން އަބްދުﷲ ފައްޓަވައިދެއްވައިފިއެވެ.
އަންގާރަ ދުވަހު މިނިސްޓަރ ފައްޓަވައިދެއްވި މި މަސައްކަތަކީ ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، އިންސާނުން ބޭތިއްބުމަށް އެކަށީގެންވާ ތަނަކަށް ޖަލުތައް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެއްކަމެވެ. މި މަސައްކަތުގައި ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މި މަސައްކަތާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދޫނިދޫ ޖަލު އޮޑިޓް ރިޕޯރޓުގައި އެތަން ބޭނުން ނުކުރުމަށް އިރުޝާދު ދީފައިވާ ކަމަށާއި، ދޫނިދޫގައި ރަނގަޅު ފެންވަރުގެ ޖަލެއް ހެދުމަށްޓަކައި އެންމެ ދުވަސްވީ ތަންތަން ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން މިއަދު ވަނީ ދޫނިދޫގެ އެންމެ ދުވަސްވީ އެއް ޖަލު ތަޅާލުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައެވެ. އެގޮތުން އެ މަސައްކަތް ނިންމައި، ދޫނިދޫ ރީ-ޑިވޮލޮޕމަންޓް ޕްލޭންއެއްގެ ދަށުން މުޅި ޖަލުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޖަލަކީ މިހާރުވެސް ޤައިދީން ނުތިބޭ ތަނެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރު ވުޖޫދަށް އައުމަށް ފަހު ޖަލުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާއިރު، ޖަލުތަކުގެ ޖާގަ އިތުރުކޮށް ކުރިން ޖަލުގެ ހާލާތު ހުރި ވަރަށްވުރެ ރަނގަޅު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރު ދޫނިދޫ ޖަލު ތަޅާލައި އެތަނުގައި ޖަލު އެޅިގެންދާނެ ކަމަށް ހޯމް މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ދޫނިދޫ ޖަލުގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވެފައިވާއިރު، ޖަލުގެ ހާލަތު ބެލުމަށް ފަހު ޖަލު އޮޑިޓް ރިޕޯޓެއް ނެރެފައިވެއެވެ. ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ޖަލުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.