އަންނަ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާގުޅޭ ގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ތިން ކޮމެޓީއަކާ އެއްކޮށް ބައްދަލުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންވާތީ، އެ ތިން ކޮމެޓީގެ މެމްބަރުން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބައްދަލުކުރެއްވުމަށް އެދިފައިވާ ކޮމެޓީތަކަކީ، މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާއި, ލާމަރުކަޒީ ކޮމެޓީގެ އިތުރުން، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މެމްބަރުންނާ އެވެ.
އެ ތިން ކޮމެޓީ އެއްކޮށް މަޖިލީހުގެ އިދާރާގައި އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއި، ގާނޫނީ ގޮތުން ދިމާވާ ގޮޮންޖެހުންތަކާއި، ވޯޓުުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާމެދު އެކޮމިޝަނުން އަމަލުކުރަން ނިންމާފައިވާ އަދި ކޮމިޝަނުގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަންތައްތައް އެ ކޮމެޓީއަށް ވަނީ ހިއްސާ ކޮށްދެއްވާފަ އެވެ.
އިލެޝަންޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްވެގެންދާއިރު، މީގެކުރިން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވުރެ، އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހުރިހާ ގޮތަކުން ވެސް ތަފާތުވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް ވާދަކުރާ ފަރާތްތަކުންގެ މެދުގައި މައިގަނޑު ތިން ވޯޓެއް ނެގޭ ކަމަށެވެ. އެގޮތުން، ކައުންސިލް ރައީސްގެ ގޮތުގައި ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނެގޭ ވޯޓާއި ކައުސިލް މެމްބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ނެގޭ ވޯޓުގެ އިތުރުން ކައުންސިލްގައި ހިމެނޭ އަންހެން ކެންޑިޑޭޓުންގެ މެދުގައި ނެގޭ ވޯޓު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އެކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތުން، ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާސްކޮޅާއި، ކައުންސިލް މެމްބަރުން ކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ވޯޓު ކަރުދާސްކޮޅު އަދި ކައުންސިލަށް އިންތިހާބުކުރާ އަންހެން ކެންޑިޑޭޓުންގެ ވޯޓު ކަރުދާސްކޮޅާއެކު، ވޯޓުލާން ދާ މީހާއަށް ޖުމްލަ ތިން ވޯޓް ކަރުދާސްކޮޅު ދެވޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، އެހާގިނަ ވޯޓު ކަރުދާސްކޮޅުތަކެއް، ވޯޓުލާންދާ މީހުންނާ ހަވާލު ކުރުމުން، އޮޅުން ބޮޅުން އެރުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެ ވޯޓު ކަރުދާސްކޮޅުތައް އެއްފަހަރާ ދީފިނަމަ، ބައެއް މީހުންނަށް އޮޅުންއަރައި ހާއްސަކޮށް ދުވަސްވީ މީހުންނަށް އޮޅުންއެރުމުގެ ފުރުސަތު ބޮޑު ކަމަށް ފެންނާތީ، އެ ތިން ވޯޓު ކަރުދާސްކޮޅު ލާން ވަކިވަކި ޑެސްކްތަކެއް ހަމަޖައްސައި ވޯޓް ފޮށިތައް ބަހައްޓައިގެން ވޯޓުލުމުގެ ކަންކަން ކުރުމަށްވެސް ބައެއް މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މަޝްވަރާ ކުރެއްވި އެވެ. ނަމަވެސް ވަކިވަކިން ވޯޓުލާނަމަ، ވޯޓުލާ މަރުކަޒުތަކަށް އިތުރު އޮފިޝަލުން ބޭނުންވާނެ ކަމަށާއި، އެއީ އޮޅުންބޮޅުން ކުޑަ ކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ފެންނާތީ އެކަމާވެސް އެކޮމެޓީގެ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން މަޝްވަރާ ކުރެއްވި އެވެ.
ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި ކައުންސިލްގެ އަންހެން މެމްބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުން ހިމެނޭގޮތަށް، އެއްވޯޓު ކަރުދާސްކޮޅެއް ބޭނުން ކުރުމާމެދުވެސް ބައެއް މެމްބަރުން ހިޔާލު ހުށަހެޅުއްވި އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނު ބުނާ ގޮތުން، ވޯޓު ކަރުދާހުގައި ލިޔެ، ކުރަހައިފި ނަމަ، އެވޯޓު ކަރުދާސްކޮޅު ބާތިލް ވާނެ ކަމަށެވެ.
އެހެންކަމުން ވަރަށް ގިނަ ކެންޑިޑޭޓުންތަކެއްގެ ހައްގުތަކެއް އެއްފަހަރާ ގެއްލިގެންދާނެ ކަމެއް ކަމަށެވެ. މީގެއިތުރުން، ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ބައިގައި، ވޯޓު ބާތިލްވާގޮތަށް، ވޯޓު ލައިފިނަމަ، އެވޯޓު ކަރުދާސްކޮޅު އެއްކޮށް ބާތިލު ވުމަކީ، ކައުންސިލް މެމްބަރުންގެ ގޮތުގަ އާއި އަންހެން މެމްބަރުންގެ ގޮތުގައި ވާދަކުރި ކެންޑިޑޭޓުންގެ ހައްގެއް ގެއްލިގެންދާނެ ކަމެއް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
އަންހެނުންނަށް ހާއްސަކޮށް، ކައުންސިލްތަކުގެ 33 ޕަސެންޓް ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަން އަބަދުވެސް ތާއިދު ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އިންތިހާބީ ހައްގެއް ގެއްލިފައިވާ ކަމަށްބުނެ، މީހަކު ކޯޓަށް މައްސަލައެއް ހުށަހަޅައި، އިންތިހާބު ފަސްކޮށްފާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ގާނޫނުއަސާސީގައި އެންމެ ހަމަހަމަވާނެ ކަމަށް ބުނެފައިވީ ނަމަވެސް ވަކި ކަހަލަ ކަންތައްތަކެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައެޅިދާނެ ކަމަށް ބުނާތީ، ކައުންސިލްތަކުގައި އަންހެނުންނަށް 33 ޕަސެންޓް ކަނޑައެޅުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއްކަމަށް ނުފެންނަ ކަމަށް މެމްބަރުން ވިދާޅުވި އެވެ.