ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ދީނީ އިލްމްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަރާލަފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލާވި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއިން ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓަށް އަހާފައިވެއެވެ.
ޑރ އަފްރާޝިމް އަލީ މަރާލުމުގެ ޖަރީމާއާއި ގުޅޭ އެކިއެކި ކަންކަން އެކި މިންވަރަށް އެނގިތިބެ ސިއްރުކުރި ފަރާތްތަކާއި މެދު ލަސްނުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމާއި ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖައްމިއްޔާ ޖަމާއަތްތަކާމެދު ލަސްނުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން ކޮމެޓީގެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި ހިމެނެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ހައްދުފަހަނައަޅާފައިވާ ފިކުރުގެ ޖަމްޢިއްޔާ އަދި ޖަމާއަތްތައް
- ޖަމިއްޔަތުލް ސަލަފް
- ރާއްޖޭގައި ހިންގާ އަލްގައިދާ ޖަމާއަތް (މިހާރު އެހެން ބައިތަކަކަށް ބައިވެފައި)
- އިސްލާމިކް ސްޓޭޓްއަށް ބައިއަތު ހިފި ޖަމާއަތް
- ސީރިޔާއާއި އިރާގުގައި ހަރަކާތްތެރިވާ ޖަބްހަތުއްނުސްރާ އަށް ވާގިވެރިވާ އަލްގައިދާ ޖަމާއަތް
ޑރ އަފްރާޝިމް އަލީ މަރާލުމުގެ ޖަރީމާއާއި ގުޅޭ އެކިއެކި ކަންކަން އެކި މިންވަރަށް އެނގިތިބެ ސިއްރުކުރި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކޮމެޓީ ރިޕޯޓުގައިވެއެވެ. އެގޮތުން ޑރ އަފްރާޝީމް އަލީގެ މަރާއި ގުޅޭ ގޮތުން ހިންގާފައިވާ އެކި އެކި ކަންކަމުގެ މައުލޫމާތު އެކި ގޮތްގޮތުން އެކި މިންވަރަށް އަންނަނިވި ފަރާތްތަކަށް ލިބިފައިވާ ކަމަށް ރިޕޯޓުގައި ޖުމްލަ 36 މީހެއް ފާހަގަކޮށްފައިވެއެވެ. މީގެތެރޭގައި އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާހަގަކޮށްލެވެއެވެ.
ރ. އަފްރާޝީމް މަރާލާފައިވަނީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ. އަފްރާޝީމް މަރާލުމުގެ ދައުވާ ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އަދި އެ މައްސަލައިގާ ހައްޔަރުކުރި އެހެން މީހުންގެ މައްޗަށް އެކަމުގެ އެއްވެސް ކަމެއް ސާބިތު ނުވެ އެ މީހުން ވަނީ މިނިވަންވެފައެވެ.