ށ. މާއުނގޫދޫއަށް އަރާ އެރަށު ފާރުތަކުގައި އައިއެސް ޖަމާއަތުގެ ލޯގޯޖެހި މީހުން ތިބި ދޯނި ދެނެގަނެވިފައިވާކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ އެޖެންޑާގެ ދަށުން ށ. މާއުނގޫދޫގައި ހިނގާދިޔަ ހާދިސާއާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް ކުރި ތަހުޤީޤުން އެކަން ކުރި މީހުން ތިބި ދޯނި ދެނެގަނެވިފައިވާ ކަމަށެވެ. އަދި ދޯނި މިވަގުތު އޮތީ ކަނޑުމަތީގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާރުވަނީ އެހަރަކާތް ހިންގި ދޯނި އައިޑެންޓިފައި ކުރެވިފައި. އެމީހުން މިވަގުތުވަނީ ކަނޑުމަތީގައި، އެމީހުން ހޯދުނުހާ އަވަހަކަށް އެމީހުންނާ ސުވާލުކޮށް ތަހުގީގުކުރިޔަށް ގެންދިޔުމަށް ފުލުހުން ދަނީ ސުވާލުކުރުމުން.ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް ބެލިބެލިމުން ރާއްޖޭގައި އައިއެސްއާއި ގުޅުންހުރި ފަރާތްތައް ހޯދިފައިވާކަމަށާއި، އޭގެތެރެއިން ބައެއް ފަރާތްތައް ފާހަގަކުރެވި ބަންދުކުރެވިފައިވާ ކަމަށެވެ.
ށ. މާއުނގޫދޫގައި ހިނގާދިޔަ ޙާދިސާ އާއި ގުޅޭގޮތުން ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލް އިދާރާއިން ބުނީ ހުއިފިލަނޑާ ނަގާ ދޯންޏަކުން ހަތަރު މީހަކު އެރަށަށް އަރައި އެކި އެކި ފާރު ތަކުގައި އައިއެސް ދިދަ ސްޕްރޭކޮށް އެރަށުން ފައިބާފައިވާ ކަމަށެވެ. އަދި އެކަންކުރީ ސީދާ ކޮން ބައެއް ކަމެއް ނޭނގުނު ނަމަވެސް އެބަޔަކު އެރަށަށް އަރާފައިވަނީ އިރާކޮޅުގައި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ފާރުތަކުގައި ސްޕްރޭ ކުރުމަށް އެމީހުން ސްޕްރޭ ގަނެފައިވަނީ އެރަށުގެ ފިހާރައަކުންކަން އެނގިފައިވާ ކަމަށެވެ.