ހަރުކަށި ފިކުރުގެ ވާހަކަ ދައްކައިގެން ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް އިލްމުވެރިންގެ އަނގަމަތީ ޓޭޕްއަޅަން މިސަރުކާރުން މަސައްކަތް ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މެމްބަރުން މިމޭރުމުން ވާހަކަދެއްކެވީ ހަނގުރާމަވެރި ޖަމާޢަތުގެ މީހުން ކަމަށް ބެލެވޭ ބަޔަކު ށ. މާއުނގޫދޫއަށް އެރުމާއި 13 އަހަރުގެ ކުއްޖަކު ޤަވާއިދާ ޚިލާފަށް ކައިވެނި ކޮށްގެން އުޅޭ މައްސަލަ އާއި ގުޅިގެން މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ކުއްލި މައްސަލައިގައި ހިމެނޭ ސަބްޖެކްޓް ސަރުކާރުގެ ސަމާލުކަމަށް އައިސްފައި އޮންނަތާ އެއް އަހަރުވެއްޖެ ކަމަށާއި އެހެންކަމުން ކުއްލި މައްސަލަ މަޖިލީހަށް އަންނައިރު ޖެންޑަރ މިނިސްޓަރ ޝިދާތާއަށް އެމަގާމުގައި ހުރެވިގެންނުވާނެ ކަމަށެވެ. ދީނީ އިލްމުވެރިންނަށް ހަޖޫޖަހާ ވާހަކަ ދައްކާއިރު ހަގީގީ މައްސަލައަކީ އެއީ ކަމަށާއި ޖެންޑާ މިނިސްޓަރ އަޒުލުކުރެވެން ޖެހޭކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން އޮތްގޮތަށް ލާދީނިއްޔަތުގެ ފިކުރު ފެތުރުމަށް މަސައްކަތް ކުރާބަޔަކުވެސް އެބަތިބި ކަމަށެވެ.
ދީނީ ހައްދުފަހަނައަޅާ ޓެރަރިޒަމް މިތާންގައި އޮތްކަމަށް ގަބޫލުކޮށް އަޅުގަނޑުމެންގެ ސަރުކާރުން ވާނީ މިތާންގައި އެންމެ ބޮޑު މަސައްކަތް ކޮށްފައި. އެންޓި ޓެރަރިޒަމްގެ ގާނޫނެއް ފާސްކުރިން، ޓެރަރިޒަމް އަށް ކައުންޓަރ ކުރާނެ ޑެސްކެއް ގާއިމުކުރިން. ޔުނިޓެއް ގާއިމުކުރިން. އަޅުގަނޑުމެންގެ ސަރުކާރަށް މިކަންތައް އޮތްކަން އެނގިގެން ކޮށްފައި ހުރިކަންތައް މިބުނަނީ. ކޮންމެހެން މިމައުލޫތައް ނަގައިގެން ރާއްޖޭގައި އުޅޭ ދީނީ އިލްމުވެރިންގެ އަނގަމަތީގައި ޓޭޕްއަޅަން މަސައްކަތް ކުރާނެ ކަމެއްނެތް. މިމައުލޫގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް. ޖެންޑަރ މިނިސްޓަރު އަޒުލުކުރުމަށްފަހު މިމައުލޫގައި ވާހަކަ ދައްކަންޖެހޭނީނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް
އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި އަދި ދާދިފަހުން ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ ހައްދުފަހަނައަޅާ ދިޔުމާއި ކުޑަކުދިންނަށް އަނިޔާކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫންކަމަށާއި ނަމަވެސް ކުއްލި މައްސަލައަށް މެމްބަރުން ވާހަކަ ދެއްކެވިއިރު ސިޔާސީ ބޭނުމަކަށްނަމަވެސް މެމްބަރުންނަށް ދެވެނީ އެހެން ދިމާލަކަށް ކަމަށް ކަމަށެވެ. ހުސައިން މުހައްމަދު ލަތީފު ވިދާޅުވީ ދީނީ އިލްމުވެރިންނަކީ އިސްލާމީ ޝަރީޢަތް ފޯރުކޮށްދޭ ބައެއް ކަމަށާއި އެމީހުންނަކީ ހައްދު ފަހަނައަޅާދާ ބައެއް ނޫންކަމަށެވެ. ހުސައިން މުހައްމަދު ލަތީފުގެ ވާހަކައިގައި ވަނީ މިސަރުކާރުގައި ސިޔާސީ ވަކި ބޭނުމަކަަށް ދީން ވިއްކައިގެން ބަޔަކު އުޅޭކަމަށް ވިދާޅުވެފައެވެ.
މިކަން މިހިސާބަށް ގެނައުމުގައި ޒިންމާވާ ފަރާތްތައް މިސަރުކާރުގައި އުޅޭކަމަށް ހުސައިން މުހައްމަދު ލަތީފު ވިދާޅުވިއެވެ. އަދި ދާދިފަހުން ރާއްޖޭގެ ރަށަކަށް އަރާ ބަޔަކު އައިސިސް ދިދަ ޖެހި ވާހަކަ ގަބޫލު ނުކުރައްވާކަމަށްވެސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވި އެވެ.
އަޅުގަނޑު ގަބޫލެއް ނުކުރަން އެދައްކަނީ ކޮންމެސް ރަށެއްގައި ދިދައެއް ޖަހައިގެން ބަޔަކު އަރާފައި އޮތް ވާހަކަ. މިކަން ސައްހަ ކުރުމަށްޓަކަިއ ރާއްޖޭގެ ސަލާމަތީ ބާރުތަކުން އެބަޖެހޭ ނޫންތޯ ރައްޔިތުންނަށް މައުލޫމާތު ހިއްސާކުރަން. އެކަން ނުކޮށް އަޅުގަނޑުމެން މިތަނުގައި ކިތަންމެ ވާހަކަ އެއް ދެއްކިޔަސް މީގެ ހަގީގަތް އޮޅި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިގެންދާނީ. މިކަން ޔަގީންކުރުމަށްޓަކަިއ އަޅުގަނޑު ނޫސް ބަލާލިއިރުގައި މިއިންނަނީ ފުލުހުން މިކަން ދޮގުކޮށްފައި. އެެހެންވީމާ މިއީ ހަގީގަތެއްތޯ ނުވަތަ ނޫންތޯ ނުވަތަ ބަޔަކު ގަސްތުގައި ކުރާ ކަމެއްތޯ މިދަރަޖައަށް މިއަދު މިއޮތީ އަޅުގަނޑުމެންގެ ވިސްނުން ގެންނަން ޖެހިފައި. ހިތާމަކުރަން ކުޑަކުދިންނަށް ލިބޭ އަނިޔާތަކު ކަންތަކާ. އެހެންނަމަވެސް ހިތާމައަކީ އެކަން ދީނާ އަޅުވާ އަޅުގަނޑުމެންގެ ތެރޭގައި ފަސާދަ އުފައްދަން މަސައްކަތް ނުކުރައްވާށޭ.ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފު
މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ކުއްލި މައްސަލައަށް ވާހަކަ ދައްކަން ފަށާއިރު ބޮޑަށް ފާހަގަކުރެވެނީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތިން ބާރު މުށުތެރެއަށް ލުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތައްް ކަމަށެވެ. އަނދިރި ދައުލަތަކީ އެއީ ކަމަށްވިދާޅުވެ ސައީދު ވިދާޅުވީ ދީނާ ގުޅުވައިގެން ދީނުގެ އަގުވައްޓާލުމަށްޓަކައި ދީނާ ދޭތެރޭ ނަފްރަތު އުފެއްދުމަށްޓަކައި ރޭވުންތެރިކަމާއެކު ގަރާރުތައް ހުށަހަޅައިގެން ކުރިޔަށްދާކަމަށެވެ.
ތިން ބާރު މުށުތެރެއަށް ލުމަށްޓަކައި ކުރާ ކަންތައް. ދީނާ ދޭތެރޭގައި ނަފްރަތު އުފެއްދުމަށްޓަކައި ހިންގާ ބޮޑު ޖަރީމާއެއް މިއީ. އިއްޒަތްތެރި ރައީސް. ރޭޕްކުރުން. ހަމަ ބައިނަލްއަގްވާމީ ބޮޑެތި ގައުމުތަކުގައި އަޅުގަނޑުމެންނާ ކައިރިންނާއި ދުރުން ދުވާލަކު ކިތައް ކުދިންތޯ ރޭޕްކުރަމުން އެގެންދަނީ. މިކަން ރަނގަޅެކޭ ނޫން މިދަންނަވަނީ. މިކަން ކުރާ ޤައުމެއް އެއީ އަނދިރި ދައުލަތަކަށް ހަދާ ލޭބަލް ކުރަންވެއްޖެ ކަމަށްވަންޏާ މިއަދު ޔޫއެންއިން ހުރިހާ ޤައުމަކަށް މިވާހަކަ އިސްކޮށް ދައްކަންޖެހޭ.މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދު