އަންނަ ބުދަ ދުވަހުން ފެށިގެން ސުޕްރީމު ކޯޓު ރިސެސް އަށް ދާނެ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ކޯޓުތަކުގެ ގާނޫނުގައި އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ.
ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން ޝަރީއަތްތައް ކުރިއަށް ނުގެންދިޔަ ނަމަވެސް، މައްސަލަތައް ބަލައިގަތުމާއި އިދާރީ ކަންކަން ކޯޓުތަކުގައި ކުރިއަށް ގެންދާނެއެވެ.
ސުޕްރީމް ކޯޓު ރިސެސްގައި އޮތަސް، ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ވަކި މުއްދަތެއްގައި ނިންމަން ޖެހޭ މައްސަލަތައް ނިންމުމާއި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ނިންމުމުގެ ބޭނުމުގައި އަޑުއެހުންތައް ކުރިއަށް ގެންދިއުމުގެ ބާރު ސުޕްރީމް ކޯޓަށް އޮވެއެވެ.
ސުޕްރީމް ކޯޓު ރިސެސް އަށް ދާއިރު މި އަހަރު ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ތިން ފަނޑިޔާރަކު ވަނީ މަގާމުން ވަކިކޮށްފައެވެ.
ފަނޑިޔާރު ކަމުގެ މަގާމަށް އަލަށް އައްޔަން ކުރައްވާފައިވަނީ ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ސުޖޫންގެ އިތުރުން މަހާޒު ސައީދުއެވެ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް އައްޔަން ކުރެވުނު ދެ އަންހެން ބޭފުޅުންނެވެ. ފަނޑިޔާރު ކަމުގެ މަގާމުން ވަކިކޮށްފައިވާ ފަނޑިޔާރުންނަކީ، އަބްދުﷲ ދީދީ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން އާދަމް މުހައްމަދު އަބްދުﷲ އެވެ. ސުޕްރީމް ކޯޓުގައި ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ އަރީފް ވަނީ މި މަހުގެ 20 ވަނަ ދުވަހު ރިޓަޔާ ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަޒްމިރަލްދާ އެެވެ.