ގއ. ގެމަނަފުށީ ބަޔަކު ރަސޫލުކަމަށް ދަޢުވާ ކުރާކަމަށް ބުނެ ފޭސްބުކްގައި އެރަށު މީހަކު ކޮށްފައިވާ ޕޯސްޓަކީ ސިޔާސީ ދެބަސްވުމެއްގެ ތެރެއިން ކޮށްފައިވާ ޕޯސްޓެއްކަމަށް ގެމަނަފުށީ ކައުންސިލުގެ ރައީސް އަބްދުﷲ ޝިޔާން ވިދާޅުވެއްޖެ އެވެ.
ގެމަނަފުށީގައި ބަޔަކު ރަސޫލުކަމަށް ދަޢުވާކުރާކަމަށް ބުނެ ފެތުރެމުންދާ ޚަބަރާއި ގުޅިގެން ޝިޔާނަށް ގުޅާލުމުން "ރާއްޖެއެމްވީ" އަށް މަޢުލޫމާތު ދެއްވަމުން ޝިޔާން ވިދާޅުވީ އެ ޕޯސްޓަކީ ގެމަނަފުށީގެ އާންމު ރައްޔިތަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްކަމަށާއި އެކަހަލަ ކަމެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ކައުންސިލަށް ލިބިފައި ނުވާކަމަށެވެ. ޝިޔާން ވިދާޅުވީ ގެމަނަފުށީގައި ދީނީ ހަރުކަށި ވިސްނުމުގެ ބަޔަކު ނޫޅޭކަމަށާއި ގެމަނަފުއްޓަކީ ދީނީ ގޮތުން ހޭލުންތެރި ރައްޔިތުންތަކެއް ދިރިއުޅެމުންދާ ރަށެއް ކަމަށެވެ.
އެފަދަ ޕޯސްޓެއް ކުރުމުން އެކަމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެހެންކަމުން އެކަން ހިނގައިދިޔަ ގޮތް ކައުންސިލުން ބަލަމުންދާކަމަށް ޝިޔާން ވިދާޅުވި އެވެ.
އަޅުގަނޑަށް ޕާސަނަލީ އެނގޭ އެފަދަ ކަމެއް ނުހިނގާކަން. ޕޯސްޓު ކުރީ އެފަދަ މަގްސަދެއްގައި ނޫންކަން. ނަމަވެސް ކައުންސިލުން ރަސްމީ ހައިސިއްޔަތުން އެކަން ބަލަމުންދަނީ.ގެމަނަފުށީ ކައުންސިލުގެ ރައީސް އަބްދުﷲ ޝިޔާން
ޝިޔާން ވިދާޅުވީ އެ ޕޯސްޓް ކުރި ފަރާތަށް ގުޅާފައިވާކަމަށާއި މިހާރު އެޕޯސްޓް ފޭސްބުކުން އޭނާ "ރިމޫވް" ނުވަތަ ފޮހެލާފައިވާ ކަމަށެވެ. މީގެއިތުރުން މިމައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި އެކަމާގުޅޭގޮތުން މައުލޫމާތު ސާފުުކުރުމަށް ފުލުހުން ގުޅިކަމަށް ޝިޔާން ވިދާޅުވި އެވެ.
އިސްލާމްދީނަށް ފުރައްސާރަކުރާ މައްސަލަތައް މިފަހަކަށް އައިސް އަންނަނީ ފެންމަތިވަމުންނެވެ. ވަކިން ޚާއްސަކޮށް އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިޔާގައި ޕޯސްޓްކޮށް ފޭސްބުކް ޕޭޖްތައްވެސް އަންނަނީ ހިންގަމުންނެވެ.