ރަހުމުކުޑަގޮތަކަށް މަރާލާފައިވާ ދީނީ އިލްމްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ގެ މަރުގެ މައްސަލައިގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241) ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
241 ކޮމެޓީއިން ދިރާސާކޮށްފައިވަނީ މަރާލަފައިވާ މީހުންނާއި ގެއްލުވާލާފައިވާމީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލާވި ރިޕޯޓެވެ. ނިމިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ރިޕޯޓްގައި ހިމެނޭ ކަންތައް ތަކުގެ ތެރެއިން ހަތް ކަމެއް ދިރާސާކުރުމަށް ހުށަހަޅުއްވާފައެވެ.
އެކަންކަން ދިރާސާ ކުރުމަށްޓަކައި ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދާ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ސަބް ކޮމިޓީއެއް އެކުލަވާލާފައެވެ.
ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، ފަރެސް މަތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
ކޮމިޓީން ދިރާސާ ކުރަން ނިންމި ހަތް ކަމުގެ ތެރޭގައި ހިމެނެނީ
· ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި ސެލްތަކާއި މެމްބަރުންގެ އަދަދު ދެނެގަތުން
· އެ މަރުގައި ފައިސާ ބަދަލުވެފައިވާ ގޮތާއި މިންވަރު ދެނެގަތުން
· ރިޕޯޓުގައި ފާހަގަކޮށްފައިވާ ޖިހާދީ ފިކުރުގެ ޖަމާއަތްތައް ދެނެގަތުން
· އެ މަރު ހިނގާކަން އެނގިތިބެ ސިއްރުކުރި ފަރާތްތައް ދެނެގަތުން
· އެ މަރުގައި ފުލުހުންނާއި އިމިގްރޭޝަންގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ބެލުން
· ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން މިހާރު ތިބި ތަންތަން ދެނެގަތުން
· ރިޕޯޓާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެންގުން
މީގެ އިތުރުން ކޮމިޓީ ތަކުން ހުށަހަޅާ ކަންތައް ތަކުގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބާރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވާތީ ހުށަހަޅުއްވާ ފައިވާ ޤަރާރާއި ގުޅޭ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުންވެސް ވަނީ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އެކުގައި "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާ ބެހޭ ބިލު" ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހުށަހެޅުންވެސް ވަނީ ހޯމަ ދުވަހު ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.