އިސްލާމް ދީން އައްޑަނައަކަށް ހަދައިގެން ކުޑަކުދިންނާއި މެދު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ މިނިސްޓަރ ކުރައްވާފައިވާ ޓްވީޓްގައި ވަނީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
އިސްލާމްދީނުގެ މަތިވެރި އުސޫލްތައް ކިލަނބުކޮށް ދީން އައްޑަނައަކަށް ހަދައިގެން ކުޑަކުދިންނާއި މެދު އަނިޔާވެރި އަމަލުތައް ހިންގާ ފަރާތްތަކާއި ޤާނޫނު އަރާ ހަމަކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝިދާތާ މިހެން ވިދާޅުވެފައި މިވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ މައްސަލައެއް ފެންމަތިވެފައިވަނި ކޮށެވެ.
އުމުރުން 13 އަހަރުގައި ކައިވެނި ކޮށްގެން އުޅޭ އަންހެން ކުއްޖާގެ އާއިލާގެ މައުލޫމާތު 2018 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށް އެ އިދާރާއިން ވެސް ވަނީ އާދިއްތަ ދުވަހު ބުނެފައެވެ.
އުމުރުން 13 އަހަރުގެ ކުއްޖަކު ގަވާއިދާ ހިލާފަށް ކައިވެނި ކޮށްގެން އުޅޭކަމަށް އަޑު ފެތުރިފައިވަނީ، ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި އުޅުނު ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލަ ހުކުރު ދުވަހު ފެންމަތިވުމާއި އެކުއެވެ. އެ ކުއްޖާ ދަރިއަކަށް ބަލިވެއިން މައްސަލައެއް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.
އާދިއްތަ ދުވަހު ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީ ގުޅިގެން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްގުތަކުން މަހުރޫމް ކޮށްފައިވާކަމުގެ މައުލޫމާތު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިފައިވާ ކަމަށާއި، އޭރުން ފެށިގެން އެ މައްސަލަ ތަހުގީގުކޮށް ގާތުން ބަލަމުން އަންނަ ކަަމަށެވެ.
އެ ކުއްޖާގެ އާއިލާ އަކީ ދީނުގެ ހަރުކަށި ވިސްނުމުގެ އާއިލާއެއްކަން ފާހަގަކުރަމުން ފުލުހުންގެ ބަޔާނުގައި ބުނީ، އެކަމުގެ ސަބަބުން އެ އާއިލާ އަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތައުލީމުގެ ފުުރުސަތު ފަހިކޮށް ދިނުމާއި، ސިއްހީގޮތުން އަޅަން ޖެހޭ ރައްކާތެރިކަމުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. ފުލުހުންގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތުގެ މައްޗަށް ބަލާއިރު ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި އެ ކުއްޖާ ގުޅިފައެއް ނުވެއެވެ.
އެފަދަ މައްސަލަތަކުގައި ޝިކާރާއަކަށްވާ ކުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
13 އަހަރުގެ ކުއްޖަކާއި ގުޅޭ މައްސަލަ ހުށައެޅިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެ ކުއްޖާ ކައިވެނިކޮށްފައިވާކަމަށް އަޑު ފެތުރުމުން ޝޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ޖެންޑަރ މިނިސްޓްރީ އަށް ވަރަށް ބޮޑު ފާޑުކިޔަމުންނެވެ.