ރާއްޖޭގައި ހިނގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް މިހާރުން މިހާރަށް ޒީރޯ ޓޯލެރެންސް ސަރުކާރުން އިއުލާންކޮށް އެމަގަށް މަސައްކަތް ކުރުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލް މެލްޒަރ މި ނޮވެމްބަރު މަހުގެ 17 އިން ފެށިގެން 24 ގެ ނިޔަލަށް ރާއްޖެއަށް ވަނީ ޒިޔާރަތްކުރައްވާފަ އެވެ. މެލްޒަރ ގެ މިދަތުރުފުޅުގައި ވަނީ މީހުން ބަންދުކޮށްފައި ރާއްޖޭގައި ހުންނަ 10 ޖަލަކަށް ޒިޔާރަތްކޮށް އެތަންތާންގައި ބަންދުކޮށްފައި ތިބޭ މީހުންނާއި އެތަންތާންގައި މަސައްކަތް ކުރާ މީހުންނާ ބައްދަލުކޮށް މައުލޫމާތު ހޯދާފައެވެ. އަދި މެލްޒަރ ގެ މިދަތުރުފުޅުގައި ވަނީ ލާއިންސާނީ އަނިޔާއާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތްތަކުގެ އިސް ބޭފުޅުންގެ އިތުރުން، އެކަންކަން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރުން މުޅި ނިޒާމުއޮތްގޮތް ބައްލަވާ ދިރާސާކުރައްވާފަ އެވެ. މިދިރާސާތަކަށްފަހު މެލްޒަރ ވަނީ އާދީއްތަ ދުވަހު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކޮށް ފާހަގަކުރެވުނު ކަންތައްތައް ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ.
އެގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މެލްޒަރ ވިދާޅުވީ ލާއިންސާނީ އަމަލުތަކާއި ގުޅޭ އެތައް މައްސަލަތަކެއް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއްގައި އެއްވެސް އޮފިޝަލަކު ޖަވާބުދާރީ ކުރެވިފައިނުވާކަމަށް މެލްޒަރ ވިދާޅުވި އެވެ. އަދި މިއިން އެއްވެސް މައްސަލައެއްގައި ޖިނާޢީ ތަހުގީގެއް ހިންގާފައިނުވާކަމަށް މެލްޒަރ ވިދާޅުވި އެވެ.
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާ މިފަދަ މައްސަލަތައް ވަރަށް ގިނަ ފަހަރު އެކަށީގެންވާ މިންވަރަށް ހެކި ނެތްކަމަށްބުނެ އަންނަނީ އަނބުރާ ފޮނުވާލަމުން. މިއީ މިކަމުގައި އަމަލު ކުރަންޖެހޭ ޤާނޫނީ ނިޒާމުގެ ދޯދިޔާ ކަމުން ކަމެއް ނުވަތަ ވުޒާރާތައް ޒިންމާދާރުކުރުމުގެ އެއްވެސް ވިސްނުމެއް ނުވަތަ ސިޔާސީ ގޮތުން އެފަދަ ވިސްނުމެއް ނެތީމާ ކަމަށްވެދާނެ.އ.ދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ، ނިލް މެލްޒަރ
މީގެއިތުރުން މެލްޒަރ ވަނީ ދާދިފަހުން ފުލުހުން މަސްތުވާތަކެތި ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި ގެއެއްގެ ތެރެއަށް ވަދެ ބިދޭސީއެއްގެ ގައިގައި ތަޅައިގަތް މައްސަލާގައި އެ ވީޑިއޯ ސޯޝަލް މީޑިޔާގައި ދައުރުވެފައިވާއިރުވެސް އެ މައްސަލަ ބަލާ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާފައިނުވާ ކަން ފާހަގަކޮށްފަ އެވެ.
މިފަދަ ކަންކަމުގައި ޖަވާބުދާރީ ކުރުވަންޖެހޭ މުއައްސަސާތައް ޖަވާބުދާރީ ނުކުރުވުމުގެ ސަބަބުން އާންމުންގެ އިތުބާރު ކަމާބެހޭ ފަރާތްތަކަށް ނޯންނަކަށް މެލްޒަރ ވިދާޅުވި އެވެ. އަދި މިކަންކަން ހުއްޓާލާ މިކަންކަން ކުރާ އޮފިޝަލުންނަށް ހަރުކަށި އަދަބު ދިނުމަށް ވަގުތުން ވަގުތަށް ޒީރޯ ޓޯލެރެންސް މިކަމަށް ސަރުކާރުން އިއުލާންކޮށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް މެލްޒަރ ވަނީ ގޮވާލައްވާފަ އެވެ. އަދި މިކަމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގައި ހަރަކާތްތެރިވާ ހުރިހާ އޮފިޝަލުންނަށް އެކަށީގެންވާ ތަމްރީނު ދިނުމަށްވެސް މެލްޒަރ ވަނީ ގޮވާލައްވާފަ އެވެ. އަދި އެޗްއާރުސީއެމްއާއި އެންސީއައި ފަދަ ތަންތަން ހިންގުން މިހާރަށް ވުރެ ޚަރުދަނާ ކުރުމަށްވެސް މެލްޒަރ ގޮވާލައްވާފައިވެ އެވެ.
މެލްޒަރ ވިދާޅުވީ ޖަލުތަކުގެ ހާލަތާއި، ކުށްކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ. އަދި ރާއްޖެއިން މިނިޒާމަށް ގެންނަަން ބޭނުންވާ ބަދަލުތައް ގެންނައިރު ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ހުރި ކަންކަމަށް ބަލައިގެން އެބަދަލުތައް ގެނައުމަކީ މުހިންމު ކަމެއްކަމަށް މެލްޒަރ ވިދާޅުވި އެވެ.