ރ. މަޑުއްވަރީ މީހެއް ކަމަށްވާ އިސްމާއީލް ހައްމާދު (26އ)އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފި އެވެ.
ހައްޔަރުކޮށްފައިވާ މީހާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، އެއީ 30 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްދިނީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން ނެވެ.
ހައްމާދަށް ހަމަލާދީފައިވަނީ އޭނާ ވެސް ހިމެނޭ ގޮތަށް ހުއިފިލަނޑާ ނެގުމުގެ މަސައްކަތުގައި އުޅޭ ދޯނީގެ މީހުންނެވެ. އެދޯނީގައި ހައްމާދާއެކު ތިން މީހުން އުޅޭކަމަށް ބައެއް މީހުން ބުނަމުންދާއިރު، އަނެއް ބަޔަކު އެއަށްވުރެ ގިނަ މީހުން އެ ދޯނީގައި އުޅޭ ކަމަށް ބުނެއެވެ.
ހައްމާދަށް ހަމަލާދީފައިވަނީ އއ. މާޅޮހު ބޭރުގައި އޮތް އެ ދޯނީގައި، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެއެވެ.
އެނގިފައިވާ ގޮތުގައި ހައްމާދާއެކު އެދޯނީގައި މަސައްކަތް ކުރަމުންދިޔައީ ދީނީ ހަރުކަށި ފިކުރުގެ ބަޔެކެވެ. އަދި ހައްމާދަށް ހަމަލާދިނީ އެމީހުންގެ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށް ވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މާރާމާރީގައި ހައްމާދު ވަރަށް ބޮޑަށް ޒަޚަމްކޮށްލުމުން، އެމީހުންގެ ކިބައިން ސަލާމަތްވާންވެގެން ހައްމާދު ވަނީ ކަނޑަށް ފުއްމާލައިގެން، ފަތާފައި މާޅޮހަށް އަރާފައެވެ. އެއީ ގާތްގަނޑަކަށް މެންދަމުން އަލިވެ 3:00 ހާއިރު ކަަމަށް އެރަށުން މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.
މާޅޮހު ސިއްހީ މަރުކަޒުގައި ހައްމާދަށް ފަރުވާ ދެމުންދަނިކޮށް، އެދޯނީގައި ތިބި ދެ މީހުން ކަމަށް ބެލޭވޭ ދެމީހަކު، އެރަށަށް އަރައި، ހައްމާދު ހޯދުމުގެ މަސައްކަތް ކޮށްފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުން ފުލުހުން ހައްޔަރު ކޮށްފައި ވެއެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖަހާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އެކަކުގެ މައްޗަށެވެ. ދެވަނަ މީހާ ކޯޓަށް ގެންދިޔަ ކަމެއް ނުވަތަ ފުލުހުން ފަހުން އޭނާ ދޫކޮށްލީ ކަމެއް، އަދި ސާފެއް ނުވެއެވެ.