އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެޤާނޫނަށް ގެންނަ އިޞްލާޙުތަކާއެކު، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.
ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމް 2019، ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ހއ. ދިއްދޫގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދިވަޑައިގެންނެވުމާއި އެއްގޮތަށް ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލްތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މިހާރުގެ ސަރުކާރުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ކައުންސިލްތައް ބާރުވެރި ކުރުވައިގެން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ޤައުމެއް ކުރިއަރާދާނީ އުފެއްދުންތެރި، ހުނަރުވެރި، ވަރުގަދަ ޖީލެއް އުފެއްދިގެން ކަމަށާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތެރި ފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ އެފަރާތްތަކަށް ދެވޭ އިތުރު ހިތްވަރެއް ކަމުގައެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތިލަދުންމައްޗަކީ ވަރަށް ވަރުގަދަ ޤައުމީ ބަޠަލުންތަކެއް، ޤައުމީ ފަހުލަވާނުންތަކެއް އުފެއްދި އަތޮޅެއް ކަމުގައި ވިދާޅުވެ، ތިލަދުންމަތިން އުފެދުނު ޤައުމީ ބަޠަލުންގެ ހަނދާންތައް އާކުރެއްވިއެވެ.
މިޖަލްސާގައި އެކި ދާއިރާތަކުން ހއ. އަތޮޅުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތެރީންގެ އަގުވަޒަންކޮށް އިނާމު ދީފައިވެއެވެ. ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުގައި މިފަހަރު ހިމެނެނީ ޝަރަފުވެރިކަމުގެ އިނާމު، ހިތްވަރުދިނުމުގެ އިނާމު، ކައުންސިލުންދޭ ޚާއްޞަ އިނާމު، މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އިނާމު، ޚާއްޞަ ޚިދުމަތުގެ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމެވެ.
ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަކީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި ހއ. އަތޮޅު ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާ ދަރިވަރުންނާއި އަތޮޅަށް އެންމެ ޚިދުމަތްތެރި ރިސޯޓާއި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކްލަބް ޖަމިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ނަމުގައި ހއ. އަތޮޅު ކައުންސިލުން ދެމުންގެންދާ އިނާމެކެވެ.