Advertisement
ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 20:57
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރާއްޖެއެމްވީ
ރައީސް ނަޝީދު
ސާލިހު ގޮތުގައި އިސްލާމްދީނަށް އުޅުނީމާ ރާއްޖެ ދާނީ ބިނާވަމުން: ރައީސް ނަޝީދު
ރާއްޖޭގައި ހަނގުރާމައަށް މީހުން ފޮނުވާ ޓެރަރިސްޓު ޖަމާއަތްތައް ހިންގަމުން ގެންދާކަމަށް ރައީސް ނަޝީދު ވިދާޅުވި
ރާއްޖެއަކީ މުސްލިމު ގައުމެއްކަމަށާއި މިތަނަށް އެހެން ބަޔަކު އައިސް އަލުން އިސްލާމީ ދައުވަތު ދޭންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށް ނަޝީދު ވިދާޅުވި
މިޖަޒީރާތަކުގައި ތަނަވަސް ދިރިއުޅުމެއް ދިވެހިންނަށް އުޅެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި

ހުރިހާ ދިވެހި ރައްޔިތުންވެސް ޞާލިހު ގޮތުގައި އިސްލާމްދީނަށް އުޅުނީމާ ދިވެހިރާއްޖެ ދާނީ ބިނާވަމުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ ގަމުގެ އެމްޑީޕީ ހަރުގޭގެ ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ފިކުރަށް އިޝާރާތްކުރައްވާ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖެ މިވަނީ ހަތަރު އަނގޮޅި ކަންމައްޗެއްގެ ކަމަށާއި ތަކުރާރުކޮށް އެވާހަކަ ދައްކަންޖެހޭ ކަމަށެވެ. ރާއްޖޭގައި ހަނގުރާމައަށް މީހުން ފޮނުވާ ޓެރަރިސްޓު ޖަމާއަތްތައް ހިންގަމުން ގެންދާކަމަށާއި އެޖަމާއަތްތައް ހިނގާ ގޮތް މަރު ކޮމިޝަނުން ނެރުނު ރިޕޯޓުން ސާފުކޮށް އެނގޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement

އެގޮތުން މިޖަމާއަތްތަކަކީ ސެލްތަކަކަށް ބެހިފައި އޮންނަ ޖަމާޢަތް ތަކެއްކަމާއި ގޮފިތަކަކަށް ބެހިފައި އޮންނަ ޖަމާޢަތްތަކެއްކަން ރިޕޯޓުން އެނގޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މީގެން ކޮންމެ ގޮތްޕެއް ހިނގާ ގޮތް ސާފުކޮށް ރިޕޯޓުގައި ކިޔައިދީފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި މި ޖަރީމާތައް ހިންގާ މީހުން މިވިއުގަތައް ބައިވަރު. ސާފުކޮށް އަޅުގަނޑުމެންނަށް މިއިނގެނީ މިކަންކަން އަޅުގަނޑުމެންގެ ތެރޭގައި ހިނގާކަން. އަޅުގަނޑުމެންގެ ތެރޭގައި މާރާމާރީތައް ހިންގާ މީހުންނާއި ހަނގުރާމައަށް މީހުން ފޮނުވާ މީހުންނަކީ ރިޕޯޓް ބުނާގޮތުން އެއް ބައެއް.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭ ތަރައްޤީ އާއި ހިތްހަމަޖެހުމާއި އުންމީދުކުރާ ތަނަވަސްކަން ހޯދަން ބޭނުންނަމަ ރާއްޖޭގެ އަމަން އަމާންކަން ދަމަހައްޓަންޖެހޭ ކަމަށެވެ. އަދި އާންމު މަސްލަހަތު ބަލަހައްޓަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގައި ސެލްތައް ހިނގާގޮތަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިސެލްތައް އިންތިޒާމު ކޮށްފައި އޮންނަ ގޮތުން ފުރަތަމަ ތިބެނީ ދައުވަތު ދޭ މީހުންކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމަށާއި މިތަނަށް އެހެން ބަޔަކު އައިސް އަލުން އިސްލާމީ ދަޢުވަތު ދޭންޖެހޭ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ.

އަޅުގަނޑުމެން އިސްލާމްދީނުގެ މަތީގައި މިރާއްޖޭގައި ތިބޭތާ އަށް ސަތޭކަ އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެ. ދެން އަޅުގަނޑު މިއިންނަންވީ އެހެންމީހަކު އައިސް އަނެއްކާ އަޅުގަނޑަށް ދައުވަތު ދެންދެން. އަޅުގަނޑު ދަންނަވަންތޯ އަޅުގަނޑަކީ ގ.ކެނެރީގޭ މުހައްމަދު ނަޝީދު ކިޔާ މީހެއް. އަޅުގަނޑުގެ ބައްޕައަކީ ކެނެރީގޭ އަބްދުއްސައްތާރު. ހ.ކަޅުވެޔޮ އަބްދުއްލަތީފުގެ ދަރިއެއް އައިސް އަޅުގަނޑަށް އަނެއްކާ އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑު މިހުރީ އިސްލާމްދީނުގެ މަތީގައި.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށާއި މިތާންގައި އެހެން މީހަކަށް ދައުވަތު ދޭނެތަނެއް ނެތްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުން ދައުވަތު ދެނީ ހަނގުރާމައަށް ކަމަށެވެ. ރިޕޯޓުން ސާފުކޮށް އެކަން ކިޔައިދޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންނަށް ދަންނަވަން އޮތީ ވިސްނަވާށޭ. މިދިވެހިރާއްޖެ ހަރާބުގެ މަގަށް އަޅުގަނޑުމެން ނުގެންދާށޭ. އަޅުގަނޑުމެންނަށް އެބައޮތޭ ސަލާމަތުގެ އައްސޭރިއެއް. އަޅުގަނޑުމެންނަށް އެބައޮތޭ ތަނަވަސްކަމާއެކު ދިރިއުޅެވޭނެ ގޮތެއް. އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތައް އިންތިހާއަށް ގިނައޭ. އަޅުގަނޑުމެންނަކީ މުއްސަނދި ގައުމެކޭ. އަޅުގަނޑުމެންގެ އާމްދަނީ ރަނގަޅޭ. އަޅުގަނޑުމެންގެ ބަޖެޓް ބޮޑޭ. އަޅުގަނޑުމެންގެ މީހުން ހެޔޮލަފައޭ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މިޖަޒީރާތަކުގައި ތަނަވަސް ދިރިއުޅުމެއް ދިވެހިންނަށް އުޅެވޭނެކަމަށެވެ. އެކަމާ ކުޑަވެސް ޝައްކެއް ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަރު ކޮމިޝަނުން ނެރުނު ޑރ އަފްރާޝީމުގެ މަރުގެ މައްސަލައިގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޑރ އަފްރާޝީމް އަވަހާރަ ކޮށްލަން ރާވާފައިވަނީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ބައެއްކަމެވެ. އަދި މިރިޕޯޓުގައި ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތްތަކުގެ ވާހަކަ ހިމަނާފައެވެ. މީގެކުރިން މަރު ކޮމިޝަނުން ނެރުނު ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާން އަބްދުﷲގެ މައްސަލައިގެ ރިޕޯޓުގައިވެސް މިކަންކަން ވަނީ ފާހަގަކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް