މިއަދު ހެނދުނު ނޫސްތަކުގެ ފަލަސުރުހީން ޖާގަހޯދީ ރޭ ދަންވަރު ހުއިފި ލަނޑާ ނަގާ ދޯންޏެއްގައި އުޅުނު ޒުވާނެއްގެ 8 ތަނަކަށް ވަޅި ހެރުމަށްފަހު ކަނޑަށް އެއްލާލި ވާހަކައެވެ. ނަމަވެސް މިއީ އާދައިގެ ގޮތަކަށް ހިނގައިދިޔަ ކަމެއް ނޫންކަން 'ރާއްޖެ އެމްވީ" އަށް ވަނީ ކަށަވަރުވެފަ އެވެ.
ކަން ހިނގައިދިޔަ ގޮތް މަންޒަރު ދުށް މީހުންގެ ދުލުން
މި ދޯންޏަކީ ރ. މަޑުއްވަރީ ދޯންޏެކެވެ. މި ދޯނީގައި ހުއިފި ލަނޑާގެ މަސްވެރިކަން ކުރާ ޒުވާނުންތަކެއް އުޅެއެވެ. އޭގެ ތެރޭގައި ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި ގޭންގު މީހުން އުޅޭކަމަށް 'ރާއްޖެ އެމްވީ' އަށް ވަނީ ކަށަވަރުވެފައެވެ. މި ދޯނި މާލެއިން ފުރައިގެން ގޮސްފައިވަނީ ރޭގައެވެ. އަދި މާރާމާރީގެ ކަންތަކަށްފަހު އެ ދޯނި އޮތީ މިހާރު އއ. މާޅޮހުގައެވެ.
މި މައްސަލަޖެހި ޒުވާނާ ޒަހަމްކޮށްލީ، އެ ޒުވާނާގެ އިތުރުން އެ ދޯނީގައި ތިބި އަނެއް ދެމީހުންގެ ދެމެދުގައި ހިނގި މަޝްވަރާއަކާ ޒުވާނާ ދެކޮޅު ހެދުމުންނެވެ. އަދި އެ މަޝްވަރާއަކީ ސީދާ ކޮންކަމަކާ ގުޅޭ މަޝްވަރާއެއް ކަމެއް ސާފު ނުވި ނަމަވެސް، އެއީ ހަރުކަށި ފިކުރާ ގުޅިފައިވާ ކަމެއްކަން ވަރަށް އިތުބާރު ހުރި ގޮތަކަށް ވަނީ އެނގިފައެވެ.
މި ތިން މީހުން ކުރި މަޝްވަރާގެ ތެރެއިން އެ މަޝްވަރާއާއި ދެކޮޅު ހެދުމުން، ޒުވާނާ މަރާލަން އަނެއް ދެމީހުން ނިންމާ އޭނާއަށް ތޫނު އެއްޗަކުން ހަމަލާ ދިނެވެ. އަދި ގައިގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދިން އިރު، އޭނާގެ އަނގަ އިރާލާ، ބޮލުގެ ފުށްކިބައިން ބޮޑު ތަންގަނޑެއް ކަފާލާ ބޮލުގެ ނާށިގަނޑު ފެންނަން ހުރިކަމަށް މި ޒުވާނާ މާޅޮސް މަރުކަޒަށް ގެންދިޔަ އިރު ފެނުނު މީހަކު ވަނީ ކިޔައިދީފައެވެ.
ފުރާނަ ސަލާމަތް ކުރަން ފުއްމާލީ މާ ކަނޑަށް!
ތޫނު އެއްޗަކުން ހަމަލާދީ އެތައް ތަނަކުން ޒަހަމްކޮށްލުމުން ފުރާނަ އަތްމައްޗަށް ލައިގެން ޒުވާނާ ފުއްމާލީ މެންދަމުގެ ކަނު އަނދިރީގައި މާކަނޑަށެވެ. އެއިރު ދޯނި އޮތީ މާޅޮސް ބޭރުގައެވެ. މާޅޮސް ބޭރުގައި ދޯނި އޮތީ އެ ދޯނީގައި އެރަށު މީހަކާ އިނދެގެން އުޅޭ ފިރިހެނެއް ދޯނީގައި އުޅޭތީކަމަށް މައުލޫމާތު ލިބެއެވެ.
ޒުވާނާ ކަނޑަށް ފުއްމާލި އިރުވެސް ގައިގެ އެތައްތަނަކުން ލޭ ކޯރު ކޯރަށް ފައިބަމުން ދިޔައެވެ.
އޭނާ ސަލާމަތްވީ ދަންވަރުގެ ވަގުތައް ވެފައި ކަނޑަށް ފުއްމާލައިގެން ފަތާފަ ދޯންޏާ ދުރަށް ދިއުމުންނެވެ. ނަމަވެސް ދޯނީގައި ތިބި ދެމީހުން އޭނާ ހޯދުމަށް އެ ސަރަހައްދުގައި ދުއްވި ކަމަށްވެއެވެ. އަދި އެންމެ ކައިރީގައި އޮތީ މާޅޮސް ކަމުން ދޯނި މާޅޮސް ކައިރިން ވެސް އެތައް ފަހަރަކު ދުއްވި ކަމަށްވެއެވެ. އަދި އޭނާ މާޅޮހަށް އެރި މަންޒަރު އަނެއް ދެމީހުންނަށް ފެނިގެން އެމީހުން ދޯނި ބަނދަރުކުރީ މާޅޮހުގައެވެ.
ޒުވާނާ މާޅޮހަށް ފަތާފައި އަރާ އެހީއަށް އެދި ރޯން ފެށި އަޑު އެރަށު މީހަކަށް އިވި ހޮސްޕިޓަލަށް ގެންދިޔައެވެ.
އެހީއަށް އެދުނު އިރު ޒުވާނާ އޮތީ ލެޔާއިން ވެލިން ތަތްތެޅިފައި!
ގައިގައި ހުރި ޒަހަމްތަކާއެކު މާޅޮހު ތުނޑިން ވެއްޔާއެކު ދެމި ކޫއްތެމުން އައިސް އެންމެ ކައިރީގައި ހުރި ގެ ކައިރިއަށް އައިސް ހަޅޭލަވަން ފެށުމުން އެތަނުގައި އެވަގުތު ތިބި އެރަށުގެ ދެ މީހަކަށް ޒުވާނާ ފެނުނުކަމަށްވެއެވެ.
"އިންސާނާއޭ، އަންހަންނަށް ފަރުވާދީ. ސަލާމަތްކޮށްދީ" ކިޔާފައި ޒަހަމްވެފައި އޮތް ޒުވާނާ ރޯން ފެށިކަމަށް އެންމެ ފުރަތަމަ މާޅޮހުން އެ ޒުވާނާ ފެނުނު ދެމީހުން ކިޔައިދީފައިވެއެވެ. އަދި ވީގޮތެއް އެހުމުން، އޭނާ އުޅުނު ދޯނީގައި ތިބި އަނެއް ދެމީހުން އޭނާއަށް ހެދި ގޮތާއި އޭނާ ހޯދަން އަންނަކަމަށް ޒުވާނާ ބުނިކަމަށާއި، ޒަހަމްކޮށްލީ އެމީހުންގެ ކަމަކާ "ބައިއަތު" ނުހިފީމަކަމަށް ޒުވާނާ ބުނިކަމަށް އެރަށު ދެމީހުން ބުނެއެވެ. ނަމަވެސް ދެބަސްވީ ކޮންކަމަކާ ގުޅިގެން ކަމެއް ޒުވާނާ ކިޔައި ނުދިންކަމަށް އެ ޒުވާނާ ފުރަތަމަ ފެނުނު ދެ މީހުން ބުނެފައިވެއެވެ.
ޒުވާނާ އޮތީ "ކޮށާލާފައި"، އުޅުނީ މަރާލަން!
އެ ޒުވާނާ ފެނުނު މާޅޮހު މީހަކު 'ރާއްޖެ އެމްވީ' އަށް މައުލޫމާތު ދެމުން ބުނީ އެ ޒުވާނާގެ ބޮލުގެ ފަހަތް އެއްކޮށް އޮތީ 'ކޮށާލާފައި' ކަމަށެވެ. އަދި އަނގައިގަ ހިފާ އިރާލާފައި ހުރި ކަމަށާއި، ކަރުގައި ވަޅި އަޅުވާ ތެޔޯ ހަން ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.
ޒުވާނާ މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔައީ މާޅޮހު ދެ މީހުންގެ އެހީތެރިކަމާއެކުގައެވެ. އަދި އެ ޒުވާނާގެ ޖީބުގައި ވޮލެޓް އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ. ޒުވާނާ ފަތާފައި އެރި ތުނޑިއާ ދިމާއާއި މަރުކަޒާއި ވަރަށް ކައިރިއެވެ.
ކޮޅަށް ހުރި އިރު ނޭނގޭ މާބޮޑަކަށް ލިބިފައި ހުރި ޒަހަމެއް. މުޅިން ވެއްޔާ ތަތްތެޅިފައި ހުރީ. ބޮލުގެ ފަހަތް އިސްތަށިތަކާ އެއްކޮށް ތަތްވެފައި ހުރީ. މަރުކަޒަށް ގެންގޮސް މަރުކަޒަށް ވައްދާ އެނދުގައި ބޭއްވީމައި ބޮލުގެ ފަހަތް ހުޅުވުނީ. ނާށިގަނޑު ފެންނަން ހުރި. އަނގަ އިރާލާފައި ހުރީމަ އޭނާއަކަށް ވާހަކައެއް ނުދެއްކޭ ރަނގަޅަށް.މާޅޮހުން ވާއްހަކަދެއްކި މީހެއް
ޒުވާނާ ސިއްހީ މަރުކަޒަށް ގެންގޮސް ވެއްދުމާއެކު އެސަރަހައްދަށް މީހުން ޖަމާވާތީ ސިއްހީ މަރުކަޒުގެ ދޮރު ތަޅުލި ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ދޯނީގައި ތިބި ދެ މީހުން ޒުވާނާ ހޯދަން މާޅޮހަށް އައިސް ރަށް ފާސްކުރި
ޒުވާނާ ޒަހަމަކޮށްލި ކަމަށް ބުނާ ދެ މީހުން ދޯނީގައި މާޅޮހަށް އައިސް ބަނދަރުކުރުމަށްފަހު މުޅި ރަށުގެ އެތައް މިތަން ހޯދިކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި ރަށުގެ ހޭޅިފަށް ވެސް ބައްތިން އަލިކޮށްގެން ބެލި ކަމަށާއި، އެމީހުން ބައްތި ހިފައިގެން ތަންތަން ހޯދަނިކޮށް އެރަށު މީހުންނަށް ވެސް ފެނިފައިވާ ކަމަށް އެރަށު މީހުން ވަނީ ބުނެފައެވެ. އަދި އެ ދެމީހުންނަށް މަރުކަޒާ ހަމައަށް ދެވުނު އިރު، އެ ތަނުގައި ރަށު ރައްޔިތުން ކަހަލަ ގޮތަކަށް ޖަމާވެފައި ތިބި ކަމަށް މާޅޮހުން ވާހަކަދެއްކި މީހާ ބުންޏެވެ.
އެ ދެމީހުން މަރުކަޒު ކައިރިއަށް އައިސް އެހީ ކިހިނެއް ވެގެންހޭ މިއުޅެނީ. އަދި އެމީހުން ދޯނިން ކުއްޖަކު މޫދަށް ވެއްޓިގެން އުޅޭކަމަށް ބުނި. އެތަނުގައި ތިބި އެއްވެސް މީހަކު ޒުވާނާ މަރުކަޒަށް ގެނެވި ފަރުވާ ދެމުންދާ ކަން ދެނެހުރިކަމަކަށް ނަހަދާ. އަދި އެތަނުގައި ތިބީ ފުޓްބޯޅަ ޓީމްގެ ކުއްޖަކަށް ކަމެއް ވެގެން މަރުކަޒުގައި ބާއްވައިގެން ކަމަށް ބުނި. އެމީހުން ދެން އެތަނުން ގޮސް ހޭޅިފަށް އެކިފަހަރު ބެލި،މާޅޮހުން ވާއްހަކަދެއްކި މީހެއް
މާޅޮހުން ވާހަކަ ދެއްކި މީހާ ބުނީ އެ ދެމީހުންނަށް ނާންގާ ކޮންމެވެސް ގޯހެއް އުޅޭ ކަމަށް ބެލިވިގެން ޕޮލިހަށް ގުޅިކަމަށެވެ. އަދި އެމީހުން އައި ދޯނި ފުރައިގެންދޭތޯ ބަލަން ފާރައަށް ވެސް އެއްބައި މީހުން ތިބި ކަމަށް މާޅޮހުން ވާހަކަދެއްކި މީހާ ބުންޏެވެ. އަދި ޕޮލިހުން އައިސް އެ ދެމީހުން ހިފަހައްޓާ އެކަމާ ގުޅިގެން ސުވާލުކޮށް ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް މާޅޮހުން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.
ޕޮލިހުންގެ ބަސް
ފުލުހުން ހުކުރު ދުވަހުގެ ހެނދުނު ބުނެފައިވަނީ ދިވެހި ފިރިހެނަކު އއ. މާޅޮސް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ބުރާސްފަތި ދުވަހުގެ ދަންވަރު 3:06 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމީހާއަށް އިތުރު ފަރުވާދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އެމީހާގެ ހާލަތު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން ބުނީ ހުކުރު ދުވަހުގެ ހެނދުނު 8:50 ހާއިރު މާލެއޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން 26 އަހަރުގެ ދިވެހި ފިރިހެނެއް އިތުރު ފަރުވާއަށް މާޅޮހުން މާލެ ގެނެސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ޒަހަމްވެފައިވަނީ ލަނޑާ ނަގަން އުޅުނު ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ކަމަށާއި، އެމީހާގެ ގައިގައި ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާ ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އޭގެ ފަހުން މިކަމާއި ގުޅިގެން ބުނެފައިވަނީ އެ ދޯނީގައި އުޅޭ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ދޯނީގެ ހަގީގަތް
މި ދޯންޏަކީ ރ. މަޑުއްވަރީ ދޯންޏެކެވެ. ނަމަވެސް އެ ދޯނީގެ ވެރިފަރާތެއް އެ ދޯނީގައި މަސައްކަތް ނުކުރެއެވެ. އަދި އެކި ފަހަރު މަތިން އެ ދޯނީގައި މަސްތުވާކަތި ބޭނުންކުރާ މީހުންނާއި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ލަނޑާ މަސްވެރިކަމަށް ގޮސްފައިވާކަމުގެ އިތުބާރު ހުރި މައުލޫމާތު މަޑުއްވަރީން ވާހަކަ ދެއްކި މީހަކު ވަނީ ކިޔާދީފައެވެ.
މީގެއިތުރުން ތިން މީހުންގެ މެދުގައި ހިނގި މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސްކަމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ރިޔާސީ ބަޔާން ދެއްވި ދުވަހު ވީޓީވީ އަށް ގެއްލުން ދިން މައްސަލައިގައި ދައުލަތުން ދައުވާ ކޮށް ހަތް އަހަރަށް ޖަލަށްލާން ހުކުމް ކުރި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދެވެ.